ދުނިޔެ

ނިއުކްލިއާ ހަތިޔާރު އުފައްދަން އީރާނަށް ފުރުސަތެއް ނުދޭނަން: އެމެރިކާ

އެމެރިކާ ބުނާ ގޮތުން އީރާންގެ އުންމީދަކީ ނިއުކްލިއާ ބޮމެއް އުފެއްދުމެވެ. އެހެން ނަމަވެސް އެއީ އިރާނަށް ދޭނެ ފުރުސަތެއް ނޫން ކަމަށް ވެސް އެމެރިކާ ބުނެ އެވެ.

އިޒްރޭލުގެ ފޮރިން އެފެއާޒް މިނިސްޓަރު ޔައީރު ލަޕީދުއާ ބައްދަލު ކުރައްވައި، ދެ ބޭފުޅުން އެކުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި އީރާނާއެކު ނިއުކްލިއާ އެއްބަސްވުމެއް ގާއިމު ކުރުމަކީ ބޭނުންތެރި ކަމެކެވެ.

ބްލިންކެން ވިދާޅުވީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގައި ތަޅު އެޅުވެން އޮތް ހަމައެކަނި ގޮތަކީ ވެސް ނިއުކްލިއާ އެއްބަސްވުން ކަމަށެވެ.

އީރާނާއެކު ނިއުކްލިއާ އެއްބަސްވުމެއް ގާއިމު ކުރުމަކީ އިޒްރޭލު ރުޅި އަންނަ ކަމެއް ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

އެހެން ނަމަވެސް، ބްލިންކެން ވިދާޅުވި ގޮތުގައި އީރާން މައިތިރި ކުރެވޭނެ އެނޫން ގޮތެއް ނެތެވެ.

އެމެރިކާގެ އުންމީދަކީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން ކުރާ މަސައްކަތްތައް ބޭކާރު ކޮށްލުން ކަމަށް ބްލިންކެން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އީރާންގެ ނުރައްކާ އޮތީ ހަމައެކަނި އިޒްރޭލަށް ނޫން ކަމަށާއި އަރަބި އެކުވެރި ގައުމުތަކަށް ވެސް އީރާން އޮތް ބޮޑު ބިރެއް ކަމަށެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ވަގުތު ޖެހުމުން އީރާނާ ދެކޮޅަށް ފިޔަވަޅު އަޅާނެ އެވެ. އޭނާ ވިދާޅުވީ އެއީ އެކަނިމާއެކަނި ގޮސް އީރާނަށް ހަމަލާ ދިނުން ކަމަށް ވިޔަސް އެކަން ވެސް އިޒްރޭލުން ކުރާނެ ކަމަށެވެ.

އީރާނަށް ހަމަލާދީފި ނަމަ އިޒްރޭލު އަންދާލާނެ ކަމަށް އީރާނުން ބުނާ ބުނުމާ މެދު ޔައީރު ލަޕީދު ވިދާޅުވީ އެއީ އީރާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުން އެފުރުސަތު އީރާނަކަށް ނުދޭނެ އެވެ.