އައްޑޫ ސިޓީގެ ތަރައްގީއަށް މިދިޔަ ތިން އަހަރުތެރޭ 1.1 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލި މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީ ރައްޔިތުންގެ މާހެފުން ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިންގެ ފަހު ޖަލްސާ އޮތީ އައްޑޫގައި ކަމަށާ އެ ޖަލްސާއަށް އައްޑޫއަށް ވަޑައިގަތުމުން އެ ސިޓީގެ ރައްޔިތުން ވައުދު ނަމާގެ ސިޓީއެއް އެރުވި ކަމަށެވެ. އެއީ އައްޑޫ ތަރައްގީވާން އެ ސިޓީގެ ރައްޔިތުން އެދޭ ގޮތް ހިމެނިފައިވާ ސިޓީއެކެވެ. އަދި އައްޑޫގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ތަރުތީބު ކޮށް ލިޔެފައިވާ ސިޓީއެކެވެ.
ރައީސް ވިދާޅުވީ އައްޑޫ ތަރައްގީ ކުރައްވާނީ ރައްޔިތުން އެ ހުށައެޅުއްވި ގޮތަށް ކަމަށެވެ.
"އަޅުގަނޑު އެރޭވެސް ދެންނެވިން އަޅުގަނޑުމެންނަށް ވެރިކަމަށް އާދެވިއްޖެއްޔާ ރާއްޖެ ތަރައްގީ ކުރަމުންދާއިރުގައި މި ސިޓީ އަޅުގަނޑުމެން ތަރައްގީ ކުރަމުން ގެންދާނީ ތިބޭފުޅުން އަޅުގަނޑުމެންނަށް ތި ދެއްވި ވައުދު ނާާމާޔާ އެއްގޮތަށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަަސައްކަތް ކުރަމުން މި ގެންދަނީ ތިބޭފުޅުން އެކުލަވާލި ވައުދު ނާމާ ތަންފީޒު ކުރުމަށް،"
ރައީސް ވިދާޅުވީ ވައުދުނާމާ ސިޓީގައި އައްޑޫގެ މަގުތައް ހެދުމާއި ބޯހިޔާވަހިކަމުގެ މައްސަލަ އާއި ވަޒީފާގެ ދަތިކަން އޮތް މިންވަރާއި އައްޑޫގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ މުހިންމުކަން ހިމަނާފައިވާ ކަމަށެވެ. އަދި ލަފާ ފުރުމަށް އޮތް ދަތިކަމުގެ ކަންބޮޑުވުމާއި އެ ނޫންވެސް ވަރަށް ގިނަ ކަންކަން ހިމަނާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުން އެދިވަޑައިގަންނަވާ ހުރިހާ މަސައްކަތްތަކެއް ބޭނުންވާ ސްޕީޑްގައި ކުރިއަށް ނުދިޔަނަމަވެސް އައްޑޫ މަތީން ހަނދާން ނައްތަވާނުލައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށާ އެ ގޮތުން މިދިޔަ ތިން އަހަރުތެރޭ 1.1 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.
އެއީ ކުރަން ޖެހޭ ހަރަދެއް ކަމަށާ ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތީ އައްޑޫ ސިޓީގައި ކަމަށްވީއިރު އެ ސިޓީ ތަރައްގީވާން ޖެހޭ ކަމަށެވެ. އަދި ރާއްޖެ ތަރައްގީ ކުރުމުގައި އައްޑޫ ރައްޔިތުންގެ ހިއްސާ ބޮޑުއިރު ރާއްޖެ ތަރައްގީވާން ޖެހޭނީ އައްޑޫގެ ތަރައްގީއާ އެކު ކަމަށް ވިދާޅުވިއެވެ.