ރާއްޖެ ކުޅިވަރު

އަހަރުމެން ބޭނުންވަނީ އެއްވަނަ: އަފްގާން ކޯޗު

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ކުޅެން ބޭނުންވަނީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކަމަށް އަފްގާނިސްތާނުގެ ކޯޗު ބުނެފި އެވެ.

ކްރޮއޭޝިޔާ އަށް އުފަން ކޯޗު ބުނީ ރާއްޖެއާ ދެކޮޅަށް ގްރޫޕުގެ ފަހު މެޗުގައި މާދަމާ ކުޅޭއިރު އޭނާގެ ޓީމުގެ ސްޓައިލް ވެސް ބަދަލު ނުކުރާނެ ކަމަށެވެ.

"އެއްވެސް ޓީމަކާ ދެކޮޅަށް އަހަރުމެންގެ ސްޓައިލް ބަދަލެއް ނުކުރާނަން. އަހަރުމެން ކުޅޭނީ އަހަރުމެންގެ ގޭމް. އަހަރުމެން ދިވެހިރާއްޖެއާ ދެކޮޅަށް ކުޅުނަސް އަހަރުމެންގެ ސްޓައިލް ބަދަލު ނުކުރާނަން،" ކޯޗު ބުންޏެވެ.

ބަނގްލަދޭޝް އަތުން 4-0އިން އަދި ބޫޓާން އަތުން 3-0އިން މޮޅުވުމުން ގްރޫޕުގެ ކުރި އަފްގާނިސްތާނަށް ގެއްލޭނީ ރާއްޖެ އަތުން ބަލިވެގެން އެކަންޏެވެ. ނަމަވެސް ކޯޗު ބުނީ އޭނާ އަބަދުވެސް ބޭނުންވަނީ އެންމެ ކުރީގައި އޮންނަން ކަމަށާއި މުބާރާތުގެ ފައިނަލް މެޗުގައި އޭނާގެ ޓީމު ކުޅޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"އަހަރެން އުއްމީދު ކުރަނީ އަހަރުމެންނަށް މުބާރާތުގައި ފަސް މެޗު އޮތް ކަމަށް. އެހެންވީމަ އަދި ތިން މެޗު ކުރިއަށް އޮތް ކަމަށް. މިއީ އަހަރެން އުއްމީދުކުރާގޮތް،" ވަރަށް އިތުބާރާއެކު ވާހަކަ ދައްކަމުން ކޯޗު ބުންޏެވެ.

މުބާރާތުގައި އެއްވެސް ޓީމަކަށް ފަސް މެޗު ކުޅެވޭނީ ފައިނަލަށް ގޮސްގެންނެވެ.

އަފްގާނިސްތާނާއި ރާއްޖެ ސެމީ ފައިނަލަށް ހޮވިފައިވާއިރު ބަނގްލަދޭޝް އާއި ބޫޓާން ވަނީ މުބާރާތުން ކަޓާފަ އެވެ.