ބޮލީވުޑް

އާމިރު ފިލްމު ކުޅުން ހުއްޓާލާ ނިންމި!

ހިޔާރުކުރާ ކެރިއަރުގައި އިތުރަށް ދެމި ހުރެވިދާނެތޯ ބައެއް ފަހަރަށް އަމިއްލަ ނަފްސާ ސުވާލު ކުރެވެ އެވެ. އަދި އެއީ ކުރަން އެންމެ ރަނގަޅު ކަންތައް ކަމަށް ގަބޫލު ނުކުރެވި އެކަން ހުއްޓާލަން ވެސް ބައެއް މީހުންނަށް މަސައްކަތް ކުރެވެ އެވެ.

ކުޅަދާނަ އެކްޓަރު އާމިރު ޚާނަށް ވެސް މި ކަހަލަ ތަޖުރިބާއެއް ކުރެވި ފިލްމު ކުޅުން ހުއްޓާލުމަށް ގަސްތުކުރި އެވެ. ކޮރޯނާވައިރަސްގެ ސަބަބުން އިންޑިޔާގެ ރަށްތައް ލޮކްޑައުންކޮށްފައި ތިންމަހެއްހާ ދުވަހު އޮތްއިރު އާމިރަށް ކުރެވުނު އިހްސާސްތަކުގެ ސަބަބުންނެވެ.

ވަގުތަކީ އިންސާނާއަށް ކިހާ އަގުހުރި އެއްޗެއްކަން އާމިރަށް ވިސްނުނީ ލޮކްޑައުންގައި މުޅި އާއިލާއައެކު ހޭދަކުރި ވަގުތުތަކުގެ ތަޖުރިބާ އިންނެވެ. އެހެންވެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ކުރުމަށްޓަކައި ފިލްމީ ކެރިއަރަށް އަލްވަދާއު ކިޔަން އޭނާ ނިންމީ އެވެ.

އާމިރު މިގޮތަށް ނިންމީ އަމިއްލަ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އެ ހުވަފެންތައް ފަހާ ދުވަން ހަދައިގެން އޭނާގެ އެންމެ ލޯބިވާ މީހުންނަށް އިހުމާލު ވެވިފައިވާ ކަމުގެ އިހްސާސް ކުރެވިގެނެވެ. އޭނާ ބޭނުންވީ އެކަންކަން ބަދަލު ކުރާށެވެ. ފިލްމީ މަސައްކަތް ހުއްޓާލާފައި އޭނާގެ ހަޔާތުގެ ބާކީ ހުރިހާ ދުވަހެއް މައިމީހާ އަށާއި އެއްބަނޑު ތިމާގެ މީހުންނަށް އަދި ދަރިންނަށް ވަގުފު ކުރާށެވެ.

"އަހަރެންގެ އަންހެން ދަރިފުޅަށް މިހާރު 23 އަހަރު. އަހަރެންގެ އެ ދަރިފުޅު ކުޑައިރު އަހަރެން އޭނާއާއެކު ވަގުތު ހޭދަނުކުރާތީ ދެރަވާނެކަން. އޭނާގެ ވެސް ހުންނާނެ ހިތް ނުތަނަވަސްވާ ކަންތައްތަކާއި ބިރު ގަންނަ ކަންތައްތަކާއި ހުވަފެންތައް އަދި އުންމީދުތައް. އެ ހުރިހާ ކަމެއް އޭނާ ތަހައްމަލުކުރިއިރު އޭނާގެ ކައިރިއަކު އަހަރެންނެއް ނެތް. މިހާރު އަހަންނަށް އެކަން އިހްސާސްވޭ،" އާމިރު ބުންޏެވެ.

އާއިލާއަށް އިހްމާލުވެވިފައިވާލެއް ބޮޑުކަން އިހްސާސް ކުރެވުމުން އާމިރު ގާތަށް އިންތިހާއަށް ރުޅިއައެވެ. އަދި ފިލްމީ ދާއިރާއާ މުޅިން ދުރަށް ދާން އޭނާ ގަސްތުކުރި އެވެ. ނަމަވެސް އޭނާގެ މި ޚިޔާލު ބަދަލުކުރީ ދަރިން އެކަމާ ބެހޭ ގޮތުން އޭނާއާ ވާހަކަ ދައްކައި ވިސްނައިދީގެނެވެ. ފިލްމީ ކެރިއަރާއި އާއިލީ ޒިންމާތައް ބެލެންސްކުރުމަށާއި ފިލްމު ކުޅުން ހުއްޓާނުލުމަށް އޭނާއަށް ވިސްނައިދިނީ ބޮޑެތި ވެފައި ތިބި ދެ ދަރިންނެވެ.

"އެމީހުން ބުނި ފާއިތުވީ ތިން މަސް ދުވަހު ބައްޕަ އަހަރެމެންނާއެކު ހޭދަކޮށްފިއްޔޭ މުޅި އުމުރުގައި ހޭދަ ނުކުރާހާ ގިނަ ވަގުތު. އެހެންވީމާ އަހަރެން މިހާރު މީ ބޮޑެތި ވެފައި ތިބި ބައެކޭ. އަހަރެމެން ދެން އެކަނި އުޅެން ދޫކޮށްލާށޭ،" ލޮކްޑައުން ތެރޭގައި ދަރިންނާއެކު ވަގުތު ހޭދަކުރިއިރުގެ ވާހަކަތައް ކިޔައިދެމުން އާމިރު ބުންޏެވެ. އާމިރު ފިލްމު ކުޅުން ހުއްޓާލަން މުޅިން ނިންމައި އޭނާގެ ކުރީގެ އަނބިމީހާ ކިރަން ރާއޯ އާ އެ ވާހަކަ ހިއްސާ ކުރި އެވެ.

"އަހަރެން އެ ވާހަކަ ބުނުމުން ކިރަންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބައިގެން. އަދި އަހަރެން މިކަމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް އޭނާ ނަސޭހަތްތެރިވި. ކިރަން ބުނި ސިނަމާއަކީ އަހަރެންގެ ލެއާ ގުޅިފައިވާ ކަމެކޭ. އެ މަސައްކަތް ދޫކޮށްނުލާށޭ،" އާމިރުގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

އެންމެ ފަހުން އާމިރު ފިލްމު ކުޅުން ހުއްޓާލުމަށް ކުރި ޚިޔާލު ދޫކޮށްލި އެވެ. ދަރިންނާއި ކުރީގެ އަނބިމީހާ އަދި އޭނާ ދެކެ ލޯބިވާ އެތައް ބަޔެއްގެ ރުއިމާއި އާދޭސްތަކުގެ އަޑު އަހާފަ އެވެ.