ފުރަގަސް ފަރާތަށް މަސްތުވާ ތަކެތި ޖަހައިގެން އައްޑޫ ސިޓީގެ ހުޅުދޫއަށް ދާން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
އެމީހާ ހައްޔަރުކޮށްފައިވަނީ މީހަކު ފުރަގަސް ފަރާތަށް މަސްތުވާ ތަކެތި ޖަހައިގެން ހުޅުދޫއަށް ދާން އުޅޭކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާއެކު އެވެ. އެމީހާ ހައްޔަރުކޮށް ހޮސްޕިޓަލްގައި އެކްސްރޭ ނެގިއިރު އޭނާގެ ފުރަގަސް ފަރާތަށް އެއްޗެއް ޖަހާފައި ހުރިކަން ފާހަގަކުރެވި ޑޮކްޓަރުންގެ އެހީތެރިކަމާއެކު އެ ނަގައި ބެލިއިރު އެއީ މަސްތުވާތަކެތި އަޅާފައިހުރި ބުލެޓް ސައިޒުގެ 4 ޕެކެޓް ލާފައިވާ އެއްޗެކެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ފޭދޫ ކޯޓުން 15 ދުވަސް ބަންދަށް ދީފައިވާ ކަމަށެވެ.