ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި އިދިކޮޅުން ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ދަށުން މިިދިޔަ ހުކުރު ދުވަހު މާލޭގައި ހިންގި ހަރަކާތުން ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި މައްސަލަ ބަލައި ނުގަނެ ބޭރު ކޮށްލައިފި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ ތިން މެމްބަރުން ނެވެ. ނުފެންނަކަމަށް 26 މެމްބަރަކު ވޯޓު ދެއްވި އެވެ. އެހެންވެ މި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފާހެއް ނުވި އެވެ.
އިދިކޮޅުން ބޭއްވި ބޮޑު އެއްވުމުން 17 މީހުން ހައްޔަރުކުރި އިރު ނުވަ މީހަކު އަދިވެސް ތިބީ ބަންދުގަ އެވެ. އެ މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވަނީ ހައްޔަރުކުރި މީހުންނަށް އަނިޔާ ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައިފަ އެެވެ.
ޝިޔާމް ވިދާޅުވީ ޖަލުތެރޭގައި ބޭރަށް ހިންގުންފަދަ ބަލިތައް ފެތުރެމުންދާއިރު ތަނުގެ ސާފުތާހިރު ކަމާއި އެފަރާތްތަކަށްދޭ ކާބޯތަކެތީގެ ސާފުތާހިރުކަމުގެ މިންގަނޑުވެސް ވަރަށް ދަށު ދަރަޖައިގައި ހުރި ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
އޭގެ އިތުރުން އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކަށްވާއިރު އިންޑިއާގެ އަމުރަށް އެ ހައްގުން ރައްޔިޔުން މަހުރޫމްކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެހެންކަމުން އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި، ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް ހައްޔަރު ކޮށްފައިތިބި އެންމެން މިހާރުން މިހާރަށް ދޫކޮށްލުމަށް ޝިޔާމް ގޮވާލެއްވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި މިހާރު ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ އިރު އެ ހަރަކާތް ހުއްޓުވަން މަޖިލީހަށް ބިލެއް ހުށަހަޅަން މިހާރު ވެރިކަން ކުރާ އެމްޑީޕީން ދަނީ ތައްޔާރުވަމުން ނެވެ. ނަަމަވެސް ޕީޕީއެމް / ޕީއެންސީ ބުނީ ހަރަކާތް ނުހުއްޓާނެ ކަމަށެވެ.