ފައްޔާޒް އިސްމާއީލް

ފައްޔާޒުގެ ކެމްޕޭން އޮފީހެއް އައްޑޫގައި ހުޅުވައިފި

Mar 28, 2022
1

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްްޔާޒު އިސްމާއީލް އާއި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ކެމްޕޭން އޮފީހެއް އައްޑޫގައި ހުޅުވައިފި އެވެ.

ހިތަދޫ ބޮޑު މަގުގައި ހުންނަ މި އޮފީސް ހުޅުއްވައި ދެއްވީ ފައްޔާޒެވެ. މިއީ ރޮޒައިނާ އާއި ފައްޔާޒުގެ ކެމްޕޭން އޮފީހުގެ ގޮތުގައި އައްޑޫގައި ހުޅުވި ފުރަތަމަ އޮފީހެވެ.

އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އައްޑޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ފައްޔާޒާއި ރޮޒައިނާ އަށް ތާއީދުކުރައްވާ މެންބަރުންނާއި އެ ދެ ބޭފުޅުންގެ ގިނަ އަދަދެއް ސަޕޯޓަރުން ބައިވެރިވި އެވެ.

ކެމްޕޭން ދަތުރެއްގައި ފައްޔާޒާއި ރޮޒައިނާ މީގެ ކުރިން ވެސް އައްޑޫ އަށް ވަޑައިގެން ކެމްޕޭން ކުރެއްވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކުރިން ބާއްވަން ނިންމީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން މިހާރު ވަނީ މިއަހަރުގެ މެއި 14 ވަނަ ދުވަހަށް އިންތިހާބު ފަސް ކުރުމަށް ފާސް ކޮށްފަ އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ އެވެ. އެ ދެ ބޭފުޅުންގެ ވާދަވެރިކަން ބޮޑުވެ އެމްޑީޕީ ދުވަހަކުވެސް ނުވާ ވަރަށް މިހާރު ވަނީ ބައިބައިވެފަ އެވެ.