އެމްޑީޕީ

އައްޑޫ ކައުންސިލަރު ނާދިރު އެމްޑީޕީއަށް ސޮއިކުރައްވައިފި

އައްޑޫ ސިޓީ ކައުންސިލަށް އަމިއްލަ ގޮތުން ހޮވުނު އަހްމަދު ނާދިރު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

ނާދިރު މިއަދު އެމްޑީޕީއަށް ސޮއި ކުރެއްވީ އައްޑޫގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހާޒިރުގަ އެވެ.

މިރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ސަރުކާރުގެ ބައެއް އިސްވެރިންނާއި މަޖިލީހުގެ ބައެއް މެންބަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ ބައެއް ކައުންސިލަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އަހްމަދު ނާދިރު އައްޑޫ ސިޓީ ކައުންސިލަށް ހޮވުނީ މަރަދޫ ދާއިރާ އިންނެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ނާދިރު ގޮނޑި ކާމިޔާބު ކުރެއްވީ އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް 593 ވޯޓުން ބަލިކުރުމަށްފަހު ޖުމްލަ 1،149 ވޯޓުން ހޯއްދަވައިގެންނެވެ.

އައްޑޫ ސިޓީ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓް ހޮވުނު ކައުންސިލަރު މުހައްމަދު ފައިސަލް ވެސް ވަނީ މިދިޔަ ފެބްރުއަރީ ދެވަނަ ދުވަހު ރައީސް ސޯލިހް ހާޒިރުގައި އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ.

އައްޑޫ ސިޓީ ކައުންސިލަކީ އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް ކައުންސިލެކެވެ.