މުހައްމަދު އަސްލަމް

ކަމެއް ނުވާކަމަށް އެމްޑީޕީ މެންބަރުން ބުނާތީ ހިތްދަތިވޭ: އަސްލަމް

Apr 21, 2022
4

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައްޑޫ ތަރައްގީކުރުމަށް ވީވައުދުތަކާ އެއްގޮތަށް މަސައްކަތް ނުކުރާ ކަމަށް ސަރުކާރު ހިންގާ އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދަވާތީ "ހިތްދަތި"ވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ތަރައްގީ ކުރަން މިސަރުކާރުން މަސައްކަތް ކުރަމުން ނުދަ ކަމަށް ވިދާޅުވެ އެމްޑީޕީގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވާހަކަދައްކަވާފައި ވަނިކޮށެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ބޭއްވި މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް އަދި އޭނާވެސް ނިސްބަތްވާ ޕާޓީގެ މެންބަރުން އެންމެ ސައްހަ ނޫން ގޮތަށް ބަސް ވިދާޅުވާތީ ހިތްދަތިވާ ކަމަށެވެ.

"އެމްޑީޕީގެ ތެރެއިން ބަޔަކު އެހެން ބުނުމަކީ ހަގީގަތުގައި އެއީ ވަރަށް ހިތްދަތިކަމާއެކު އަޑުއަހަންޖެހޭ ވާހަކައެއް،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިގްތިސޯދު އެތައް އުދަނގޫތަކެއްގެ ތެރެއިން ވެސް ރައީސް ސޯލިހުގެ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މިސަރުކާރުން މަސައްކަތް ކުރާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން އަސްލަމް ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ވެސް ފެންނާނެ ކަމަށެވެ.

ރައީސް ސޯލިހް އައްޑޫގެ ތަރައްގީއަށް ވައުދެއް ވެފައިވާނަމަ އެމަނިކުފާނު އެ ވައުދު ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް އަސްލަމް ވިދާޅުވި އެވެ. އައްޑޫގައި މަގުތައް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި އައްޑޫގެ ބިން ހިއްކުމަށް ތައްޔާރުވެ ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ނިންމާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އައްޑޫގެ ރަށްތަކުގެ ބަނދަރުތަކަށް ދިމާވެފައިވާ މައްސަލަތައް ވެސް ހައްލުކޮށްފައިވާ ކަމަށާއި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލުތަކެއް ހޯދުމަށްޓަކައި ބޭނުންވާ އިމާރާތުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އައްޑޫ ރައްޔިތުން އެންމެ ބޭނުންވަނީ އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ކަމަށް ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ އެކަމާ ގުޅޭ މަސައްކަތްތައް ވެސް އެކި މަރުހަލާގައި ހިނގަމުންދާ ކަމަށެވެ. އަދި މިވަގުތު ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަމުން ގެންދަވާ މިނިސްޓަރު ފައްޔާޒާ ގުޅޭގޮތުން އަސްލަމް ވިދާޅުވީ ފައްޔާޒަކީ ހިންގުންތެރި ބޭފުޅެއް ކަމަށެވެ. އަދި ފައްޔާޒުއާ އެކު އެމްޑީޕީ ހިންގާލެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.