މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ފަރުވާއަށް ބޭރަށް ދެވޭނެ ފުރުސަތު ނަޝީދަކަށް ނެތް: ކަރެކްޝަން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައްޔަށް ރާއްޖެއިން އެކަށީގެންވާ ފަރުވާ ހޯދޭނެ ކަމަށް ބުނެފައިވާތީ، ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ޗާންސެއް ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

"އަވަސް" އާ ވާހަކަދައްކަވަމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު މޫސާ ރަމީޒް ވިދާޅުވީ، ބޭސް ފަރުވާއަކަށް ގައިދީއަކު ރާއްޖެއިން ބޭރަށް ފޮނުވަން ގާނޫނުން ލިބޭ ހަމައެކަނި ފުރުސަތަކީ އެމީހެއްގެ ބައްޔަކީ ރާއްޖޭގެ ހޮސްޕިޓަލްތަކުން ފަރުވާކޮށްގެން ރަނގަޅުކުރެވޭނެ ބައްޔެއް ނޫންކަމަށް ކަމާބެހޭ ޑޮކްޓަރުން ލަފާދެއްވުން ކަމަށެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ބެއްލެވި ޑޮކްޓަރުން އެމަނިކުފާނުގެ ބައްޔަށް ރާއްޖެއިން އެކަށީގެންވާ ފަރުވާ ހޯދޭނެ ކަމަށް ބުނެފައިވާތީ، އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ދެވުމުގެ ފޮރުސަތު ނެތް ކަމަށެވެ.

ރަމީޒް ވިދާޅުވީ، ގާނޫނު ބުނާ ގޮތުން ބަންދުގައި ތިބޭ މީހުން ރާއްޖޭން ބޭރަށް ފޮނުވަނީ ޑޮކްޓަރަށް އެމީހަކު ފޮނުވުމަށް އެމްސީއެސްގައި އޮންނަ މެޑިކަލް ބޯޑަށް ހުށަހެޅުމުން އެ ބޯޑުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.

ރައީސް ނަޝީދުގެ މައިބަދައިގެ ނާރެއްގެ މައްސަލައެއް ހުންނާތީ އެކަން ރަނގަޅުކުރުމަށް އޮޕަރޭޝަން ކުރަންޖެހޭ ކަމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ. ނާރުގެ މައްސަލައަކާހެދި އިއްޔެވެސް ނަޝީދު ވަނީ އޭޑީކޭއަށް ގެނެސް ނާރުގެ ޑޮކްޓަރަކަށް ދައްކާފަ އެވެ. އަދި އޮޕަރޭޝަން ރާއްޖޭގައި ކުރެވޭނެތޯ ނުވަތަ ނޫންތޯ ބެލުމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ވެސް ދައްކާފައެވެ.

ރައީސް ނަޝީދުގެ އޮޕެރޭޝަނާ ބެހޭ މައުލޫމާތު ހިއްސާކުރައްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވިދާޅުވީ، ނަޝީދުގެ އޮޕަރޭޝަނަކީ ރާއްޖެއިން ކުރެވޭ އޮޕަރޭޝަނަކަށް ވާތީ ބޭރަށް ދިއުމުގެ ހުއްދައެއް ނުދެވޭނެ ކަމަށެވެ.