ޖޭއެސްސީ

10 ފަނޑިޔާރުން ހޯދަން އިއުލާނު ކޮށްފި

Mar 29, 2022

ރާއްޖޭގެ 10 ރަށެއްގެ ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފި އެވެ.

ޖޭއެސްސީއިން ކޮށްފައިވާ އިއުލާނުގައި، ދެ ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުންގެ އިތުރުން އަށް ރަށެއްގެ ކޯޓަށް އިސްމެޖިސްޓްރޭޓުން ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ.

މެޖިސްޓްރޭޓުންގެ އަސާސީ މުސާރައަކީ 18،850 ރުފިޔާ އެވެ. އިސް މެޖިސްޓްރޭޓުންގެ އަސާސީ މުސާރައަކީ 21,000 ރުފިޔާ އެވެ. މެޖިސްޓްރޭޓުންނަށް މުސާރައާއި އިނާޔަތްތަކާއެކު ގާތްގަނޑަކަށް 23،500 ރުފިޔާ ލިބެ އެވެ. އިސްމެޖިސްޓްރޭޓުންނަށް މުސާރައާއި އިނާޔަތްތަކާއެކު 25،600 ރުފިޔާ ލިބެ އެވެ.

މެޖިސްޓްރޭޓުން ހޯދާ ކޯޓުތައް

  • ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު
  • ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު

އިސްމެޖިސްޓްރޭޓުން ހޯދާ ކޯޓުތައް

  • ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓު
  • ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓު
  • ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓު
  • ތ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓު
  • ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓު
  • ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓު
  • ހދ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓު
  • ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓު

މެޖިސްޓްރޭޓުންގެ ތައުލީމީ ފެންވަރަކީ ގާނޫނާއި ޝަރީއަތުގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި އެ ދާއިރާއިން މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ސުން ގަޑިއެއްކަމަށް ޖޭއެސްސީ އިން ބުނެފައި ވަނީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.