ލައިފްސްޓައިލް

އެހެން މީހުންގެ ބަލި ފަސޭހަކުރަން ހިލަ ކާ މީހެއް!

ދުނިޔޭގައި ކޮންމެ ދުވަހަކުވެސް ވަރަށް އާދަޔާޚިލާފު ކަންތައްތައް ހިނގަ އެވެ. އަދި އާދަޔާޚިލާފު ކަންތައްތައް ކުރާ މީހުންގެ ވާހަކަ ވެސް ވަރަށް ގިނައިން އަޑު އިވެ އެވެ. ނަމަވެސް މީހުންގެ ބަލި ފަސޭހަވާނެ ކަމަށް ހީކޮށް ހިލަ ކާ މީހެއްގެ ވާހަކަ އަކީ ހަމަ ގައިމުވެސް ބަޔަކަށް އަޑު އިވޭނެ އެންމެ އަޖައިބު ވާހަކަ އަށް ވާނެ އެވެ.

އިންޑިޔާގެ ޗައްތީސްގަޅްގެ ޗިއްޓާލާ ކިޔާ ރަށެއްގައި ދިރިއުޅޭ ސަންތޯޝް ލަކްރާ އަށް އާދައިގެ ފަސް އޮށްވަރުގެ ހިލަކޮޅުކޮޅު ކެއުމަކީ އެއްވެސް ކަމެއް ނޫނެވެ. އެ މީހާ ބުނަނީ އޭނާ ހިލަ ކެއުމުން ދުނިޔޭގައި އުޅޭ މީހުންގެ ބަލިތައް ފިލައި، އެމީހުންގެ ގައިގައި އަޅާވޭންތައް ނެތި ދިއުމުން އުފާ ލިބޭނެ ކަމަށެވެ.

މި މީހާ ހިލަ ކާން އިންނަނީ ކަކޫ މައްޗަށް ތިރިވެގެންނެވެ. އޭނާގެ ދެ ކަކުލުގެ ދަށުގައި ވެސް ގިނަ އަދަދަކަށް ހިލަކޮޅުތައް ބަހައްޓާފައި ހުރެ އެވެ. އޭނާ އެ ކިޔަވާ ބަނދިވަރުތަކެއް ކިޔާނިންމާފައި ކަކޫ ދަށުގައި ހުރި ހިލަތައް ނަގައިގެން އަނގަޔަށްލާ ދިރުވާލަނީ އެވެ.

މި މީހާ މިގޮތަށް ހިލަ ކާތާ 12 ވަރަކަށް އަހަރު ވެއްޖެ އެވެ. ސަންތޯޝްގެ އަންހެނުން އަނީތާ ލަކްރާ ބުނި ގޮތުގައި މިހާތަނަށް ހިލަ ބަސްތާއަކަށް ވުރެ ގިނައިން އޭނާގެ ފިރިމީހާ ކައިފައި ވެއެވެ.

ހިލަކެޔަސް ސަންތޯޝް އަށް ސިއްހީ އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށާއި ހަޖަމުކުރުމުގައި ވެސް މައްސަލައެއް ދިމާނުވާ ކަމަށް އޭނާގެ އަންހެނުން ބުނެ އެވެ. އަދި ދުވަހުވެސް ސަންތޯޝް ޑޮކްޓަރަކަށް ވެސް ނުދައްކާ ކަމަށް ވެއެވެ.