ބޮލީވުޑް

ބިގް ބޮސް: ރާގޭޝް އާއި ޝަމީތާ ކައިވެންޏަށް ތައްޔާރުވަނީ

ރިއަލިޓީ ޝޯ "ބިގް ބޮސް އޯޓީޓީ" ގައި ބައިވެރިވެ ބިގް ބޮސްގެ ގެއިން ބައްދަލުވެ ލޯބީގެ ގުޅުން އުފެދުނު ޓީވީ އެކްޓަރު ރާގޭޝް ބާޕަޓް އާއި ބަތަލާ ޝަމީތާ ޝެޓީ ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭކަމުގެ ނިޝާންތައް ފެންނަން ފަށައިފި އެވެ.

ޝަމީތާގެ އާއިލާގެ މެމްބަރުންނާއެކު ރާގޭޝް ވަރަށް ގިނައިން ފެންނަމުން ދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި ޝަމީތާ ވެސް ދާދިފަހުން ވަނީ ރާގޭޝްގެ ގެޔަށް ގޮސް އޭނާގެ މަންމަ އާއި އާއިލާގެ މެންބަރުންނާ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން މި ދެ އެކްޓަރުން ފޭނުން ވަނީ ވަރަށް މުހިއްމު ސުވާލެއް ކޮށްފަ އެވެ. ކައިވެނިކުރަން ތައްޔާރުވަނީ ހެއްޔޭ؟ އެވެ.

ޕޫނޭގައި ހުންނަ ރާގޭޝްގެ ގެޔަށް ޝަމީތާ ގޮސް އުފާވެރި ވަގުތުތަކެއް ރާގޭޝްގެ އާއިލާއާއެކު ހޭދަ ކުރަމުން ނަގާފައިވާ ފޮޓޯތައް އާއްމުވެފައި މިވަނީ މި ދެ އެކްޓަރުން ރުޅިވެއްޖެކަމުގެ ޚަބަރުތަކެއް ވެސް ފެތުރިފައި ވަނިކޮށެވެ،

ރާގޭޝްގެ އާއިލާ އާއެކު ނަގާފައިވާ ފޮޓޯތައް ޕޯސްޓްކުރީ މި ވާހަކަތައް ދޮގުކުރުމުގެގޮތުން ކަމަށް ބެލެވެ އެވެ.

ޝަމީތާގެ އާއިލާގެ އެންމެންނަށް ވެސް ރާގޭޝް ވަރަށް ކަމުދެ އެވެ. އަދި ޝަމީތާގެ އުމުރު މިހާރު 40 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާތީ އޭނާގެ ކައިވެނި ވީހާވެސް އަވަހަށް ކުރުމަކީ އާއިލާއިން ވަރަށް ބޭނުންވާ ކަމެކެވެ. ވީމާ ފޭނުންނަށް ވަރަށް އަވަހަށް މި ދެ އެކްޓަރުންގެ ކައިވެނީގެ ޚަބަރުތައް އިވުމަކީ ދުރުކަމެއް ނޫންކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.