ބޮލީވުޑް

"ބަހޫބަލީ"ގެ ރެކޯޑް "އާރްއާރްއާރް" އިން މުގުރަނީ

އިންޑިޔާގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމަކީ "ބަހޫބަލީ" ސީރީޒްގެ ދެ ފިލްމެވެ. ޑައިރެކްޓަރު ރާޖާމޯލީގެ މި ފިލްމުތަކުގެ ކާމިޔާބީގެ ރެކޯޑްތައް މުގުރާލެވޭވަރުގެ ފިލްމެއް ވެސް އުފައްދާފައި ވަނީ ހަމަ ރާޖާމޮލީ އެވެ. މީގެ ދެ ތިން ދުވަސް ކުރިން ރިލީޒް ކޮށްފައިވާ ރާޖާމޮލީ ޑައިރެކްޓް ކޮށްފައިވާ "އާރްއާރްއާރް" މިހާރު ވަނީ "ބަހޫބަލީ" ގެ ރެކޯޑްތައް މުގުރަން ފަށާފަ އެވެ.

ހަފުތާ ބަންދު ނިމުނުއިރު އެންމެ ތިން ދުވަސް ތެރޭ 500 ކްރޯޑު ރުޕީސް ލިބިފައި ވެއެވެ. މިހާ ތަނަކަށް އެއްވެސް ފިލްމަކަށް މި ރެކޯޑާ ކައިރިއަށް ވެސް އާދެވިފައެއް ނުވެ އެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިފައިވާ ޖުމްލަ އަދަދެވެ.

"ބަހޫބަލީ"ގެ ފޭނުންނަށް ވެސް މިހާރު ގަބޫލު ކުރެވޭ ގޮތުގައި އެ ސީރީޒްގެ ދެ ވަނަ ފިލްމުގެ "ބަހޫބަލީ 2" ގެ ރެކޯޑް "އާރްއާރްއާރް" އިން މުގުރާލާނެ އެވެ. "ބަހޫބަލީ 2"އަށް ވެސް ފުރަތަމަ ތިން ދުވަހުން 500 ކްރޯޑު ލިބިފައި ވެއެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ސިނަމާތަކުގައި މިދިޔަ ހުކުރު ދުވަހު "އާރްއާރްއާރް" ރިލީޒްކުރި އެވެ. އަދި ފުރަތަމަ ދުވަހު އެކަނިވެސް މި ފިލްމަށް 223 ކްރޯޑު ރުޕީސްގެ ވިޔަފާރި ވެފައި ވެއެވެ.

މި ފިލްމަށް ލިބެމުންދާ ކާމިޔާބުން އުފަލުން ތިބި ރާޖާމޯލީ ފޭނުން ބުނަނީ ރާޖާމޯލީގެ ވާދަވެރިޔަކީ ވެސް އޭނާ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގައި ރާޖާމޯލީގެ ފިލްމުތަކާ ވާދަ ކޮށްލެވޭ ވަރުގެ ފިލްމެއް އުފެއްދުމުގެ ގާބިލްކަން އިންޑިޔާގެ އެއްވެސް ޑައިރެކްޓަރެއްގެ ނެތް ކަމަށެވެ.