ރޯދަ މަހަށް ގެންނަ ހަލާކުވާ ޒާތުގެ މުދާ ކްލިއަކުރުން-މާލެ ވިޔަފާރި ބަނދަރުން ނެރުން- އަވަސް ކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާއްސަ ފިޔަވަޅު ތަކެއް އަޅައިފި އެވެ.
މާލެ އާއި ހިތަދޫ ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ރޯދަ މަހަށް ގެންނަ މުދާ ކްލިއަ ކުރުން ކުރި އަށް ދާ ގޮތް ވިލަރެސް ކުރުމަށްޓަކައި ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މިގޮތަށް ގެންނަ މުދާ ނެރުން އަވަސް ކުރަން ގިނަ ފިޔަވަޅު ތަކެއް ރޯދަ މަހު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޮޕަރޭޝަންތައް އަވަސް ކުރަން ހާއްސަކޮށް ޕެރިޝަބަލް ބޯޓް ތަކަށް އިންތިޒާމު ތަކެއް ހުންނާނެ. ހާއްސަ ޓާސްކް ފޯހެއް އޮންނާނެ، ހަމަ ޕެރިޝަބަލް އޮޕަރޭޝަން އާއި ކްލިއަރެންސް އޮޕަރޭޝަން އަވަސް ކުރަން ޓީމެއް ހަރަކާތްތެރި ވާނެ،" ޝާހިދު ވިދާޅުވި އެވެ.
"ބައެއް ބޮޑެތި ވިޔަފާރިތަކަށް [މިސާލަކަށް އެސްޓީއޯ ފަދަ] ފަރާތްތަކަށް ޑައިރެކްޓް ޑެލިވަރީ ސާވިސަސް [ބޯޓުން ބާލާ ގޮތަށް ލޮރީ އަށް މުދާ ޖެއްސޭ ގޮތަށް] ވެސް ވާނެ އިންތިޒާމު ހަމަޖައްސާފަ. އެހެންވެ ރޯދަ މަހު ވެސް ވޯކިން އަވާސް ކުރުވިއަސް މުދާ ނެރުން އަވަސް ވާނެ."
އޭނާ އިތުރަށް ވިދާޅުވީ ރޯދަ މަހަށް ހާއްސަކޮށް އެ ކުންފުނިން މުދާ ބާލަން ބޭނުން ކުރާ އުޅަނދުތައް ވެސް ޕެރިޝަބަލް އަށް ހާއްސަކޮށްފައިވާއިރު ކޮންޓެއިނާ މުދާ ބޭލުން ވެސް ލަސް ނުވާނެ ގޮތަކަށް ރާވާފައިވާނެ ކަމަށެވެ.
ޝާހިދު ވިދާޅުވީ ދެކުނަށް ބޭނުންވާ ގިނަ އަދަދެއްގެ މުދާ ހިފައިގެން އެސްޓީއޯގެ "ބޮންތި" ސ. ހިތަދޫ ބަނދަރަށް އައިސްފައިވާ
ކަމަށާ، އެ ބޯޓު ވެސް އަވަހަށް އަވަހަށް ކްލިއަކޮށް ނިންމާލެވޭނެ ކަމަށެވެ.
"ބޯޓު ބަނދަރު ކުރިތާ މާގިނަ ވަގުތު ތަކެއް ނުވެ ވަނީ ކްލިއަކޮށް ނިމިފަ. ޖެނެރަލް މުދާ ވެސް ކްލިއަކޮށް ނިންމާލަން މަސައްކަތް މި ކުރަނީ،" އޭނާ ވިދާޅުވި އެވެ.