ދެކުނުގެ ދެ ސިޓީ، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ކުރިއެރުމަށް ރައްޔިތުން ފާޅުކުރި ހިޔާލާއި މަޝްވަރާގެ އަލީގައި މަސައްކަތްތައް ބައްޓަން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.
ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލުމަށްފަހު މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ އެ ދެ ސިޓީގެ ރައްޔިތުން އެ ދެ ސިޓީގެ ތަރައްގީއާއި ކުރިއެރުމަށް މަޝްވަރާ އާއި ހިޔާލު ހުށަހަޅާފައިވާ ކަމަށެވެ. އެކަންކަމުގެ އަލީގައި ކުރިއަށް ވަޑައިގަންންވާނެކަމުގެ ޔަގީންކަން އަރުއްވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ މި ދަތުރުގައި އެ ދެ ސިޓީގެ ރައްޔިތުން އެމަނިކުފާނަށް ދިން މެހެމާންދާރީ ފާހަގަކުރައްވައި ޝުކުރު ދަންނަވާފަ އެވެ.
ރައީސް ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެމަނިކުފާނު ވަނީ ދެ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ކައުންސިލާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާފަ އެވެ.