( 27 މާރިޗް 2022 އާ ގުޅޭ )
ގެއަށް ދިއުމުގެ ބަދަލުގައި ކައިދިންއާއި ދެންތިބި އެކުވެރީން ގަސްދުކުރީ މުއާޒު އުޅޭ އެޕާޓްމެންޓަށް ދާށެވެ. އޭނާ އުޅެނީ އެކަނިވީމަ އެތަނުގައި ހުރިހާ އެކުވެރީންނަށް މިނިވަންކަމާއެކު ތިބެވޭނެކަން އެނގޭތީއެވެ. ކައިދިންގެ ލޮލުގައި މަގުގެ ކޮޅުން އަންނަ ސައިކަލު އަޅައިގަތެވެ. އޭނާއަށް ޒެހެން ފެނުނީ ދެނެވެ. ފަހަތުގައި މޫނުބުރުގާ އަޅައިގެން އިން އަންހެންކުއްޖާ ވެސް މެއެވެ.
ފޯނަށް ބަލާލާފައި ޒެހެން ފޯނުކޯލަށް ޖަވާބު ދޭން ނިންމީ ގުޅަނީ ކައިދިންކަން އެނގުމުންނެވެ. ވަގުތުގެ ގޮތުން މުހިންމު ކަމަކަށް ނުވާނޭ ހިތުގައި އޮތަސް ވީކީއްތޯ ބަލަން ޒެހެން ބޭނުންވީއެވެ.
"ހެލޯ..." ޒެހެން ބުނެލިއެވެ.
"މިއޮއްފަދަ ގަޑީގަ ކުޑަކުއްޖަކު އަރުވައިގެން ތިދަނީ ކޮންތާކަށް." ކައިދިން ބުންޏެވެ.
ޒެހެން ޖަވާބެއް ނުދީ ވަށައިގެން މަގުމަތި ހޯދާލިއެވެ. ކައިދިންއަށް ފެނިގެންކަން އެ ގުޅީ އެނގެއެވެ. އެކަމަކު އޭނާ ކޮބާ ހެއްޔެވެ. ކޮންތާކުތޯ ތިހުރީ ޒެހެން އަހާލިއެވެ.
"ގޮވާލީމަ ބަލާނުލީ އަންހެންކުއްޖަކު ގޮވައިގެން އިނީމަތަ؟. އެނގޭ ކަމަށް ވެސް ނުހަދާ ތިދިޔައީ." ކައިދިން ބުންޏެވެ.
"ވައިފް ގޮވައިގެން މިއުޅެނީ. ކަމަކުތަ؟" ޒެހެން ބުނެލީ ވާހަކަ ކުރުކޮށްލަން ގަސްދުކޮށެވެ.
"ކަމެއްނުވޭ. ވައިފް ދޫކޮށްލާފައެއް އެހެންނޫނަސް ނާދެވޭނެއެއްނު. ނޫނީ ބުނެފިއްޔާ އަންނާނަންތަ؟ ކޮފީއަކަށް އަރާލަން." ކައިދިންގެ ވާހަކައަށް ނިމުމެއްނައެވެ. އެހެންވެ އޭނާގެ ވާހަކަތައް ހުއްޓުވާ ޒެހެން ވާހަކަދެއްކިއެވެ. ފަހުން ގުޅާނަމޭ ޒެހެން ބުންޏެވެ. މިހާރު މާ ލަސްވެއްޖެކަމާއި އެހާ ލަސްކޮށްފައި އޭނާ ގެއިން ބޭރުގައި ނޫޅޭކަން ބުންޏެވެ. ފޯނުކޯލު ކަނޑާލައި ޖިންސުގެ އަރިމަތީ ޖީބަށް ޒެހެން ފޯނު ކޮށްޕާލިއެވެ. ޒެހެން ނުބުންޏަސް އޭނާ ވާހަކަދެއްކި ގޮތުން ހޫރައިންއަށް އެއީ ކައިދިންގެ ކޯލެއްކަން ދެނެގަންނަން އެނގުނެވެ. ޔަގީންކޮށްލަން ޒެހެން ގާތު އަހާ ވެސް ލިއެވެ.
އޮފީހަށް ނުކުންނަން ފެށިތާ އެއްމަސްވީއިރު އޮފީސް ތެރެއިން އަންހެން މުވައްޒަފަކާއި ކައިދިންއާ ގުޅުމެއް އޮންނަ ކަމުގެ ޚަބަރު ޒެހެންއާއި ނަހުޔާނުގެ ކަންފަތާ ހަމައަށް އަތުވެއްޖެއެވެ. ކައިދިން އެ ވާހަކަ ދޮގެއް ވެސް ނުކުރިއެވެ. ކަންތައް ގޯސްވީ އެއްފަހަރާ ދެ އަންހެންކުދީންނާ ކައިދިން ވާހަކަދައްކާކަން ފަޅާއެރީމައެވެ. ކިތަންމެ ވަރަކަށް ނަސޭހަތް ދިނަސް ކައިދިން އަޑުއަހާނެ ނަމަތާއެވެ. އޮފީހާ ހަމައަށް އެފަދަ މައްސަލަތައް އައިސްގެން ނުވާނޭ އޮތީ ބުނެވިއެވެ. އަންހެން ކުދީން ވެސް ރީތިކަމުގެ ފަހަތުން ދުވުން ހުއްޓާލަންވެއްޖެއެވެ. ކައިދިންމެން ފަދަ ހިތްދަމައިގަންނަ ރީތިކަމެއް ލިބިފައިވާ ހުރިހާ ޒުވާނުންނަކީ އެފަދަ ރީތި އަހުލާގެއް ލިބިފައިވާ މީހުންނެއްނޫނެވެ. ރީތި ސޫރައަކަށްވުރެ ރިވެތި އަހުލާގެއް މުހިންމެވެ. ކިތަންމެ ކެރިފައި މޭފުއްޕާލާފައި އުޅުނެއްކަމަކު ނަފްސުގެ އިއްޒަތާއި ފަހުރުވަނީ ލަދުވެތިކަމުގައެވެ. އެކަން ފުރިހަމަކޮށްދެނީ ތިމާގެ އަހުލާގެވެ. ދެ އަންހެން މުވައްޒަފުގެ ދެމެދުގައި އޮތް ރުޅިވެރިކަން އޮފީހާ ހަމައަށް އައުމުން އެކަން ހައްލުކުރާން ޒެހެންއާއި ނަހުޔާނަށް ޖެހުނެވެ. ވެރީންއާ ހަމައަށް ގެނެވުމުގެ ކުރީން މުވައްޒަފުންގެ އަހުލާގީ މިންގަނޑު ބަލަހައްޓާ ޑިޕާޓްމެންޓުގެ ވެރިޔާގެ ގާތަށް އެ މައްސަލަ ގެންދެވި ހައްލުކުރެވުނެވެ. ކައިދިންގެ ސަބަބުން ފުރަތަމަ ފަހަރަށް އޮފީހުގެ ވެރީންގެ ނަމުގައި ލަކެއް ޖެހިއްޖެއެވެ. މީގެ ކުރީން ދުވަހަކުވެސް އެ އޮފީހުގެ ތެރޭ ހުތުރުކަން ބޮޑު ވާހަކައެއް ނުފެތުރެއެވެ. ތިމާގެ ދުލާއި ޢަމަލުތައް ހިފަހައްޓަންޖެހޭ މިންގަނޑު ފަހަނައަޅައި ދިޔައީމާ މެދުވެރިވާނީ މިފަދަ ދެރަކަންތަކެވެ. ޒެހެންއާއި ނަހުޔާނު ނުރުހުންވިޔަސް އެކަމުގެ އަސަރެއް ކައިދިންއަށް ނުކުރިއެވެ. ފަހަރެއްގައި އޭނާގެ ގަސްދަކީ އޮފީހުގެ ޒިންމާތަކުން ރެކިގަތުން ކަންނޭނގެއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ ވަޒީފާއަކަށް އެ ނުކުތީ އަމިއްލަ އިހުތިޔާރަކު ނޫނެވެ.
އައު ޕްރޮޖެކްޓެއް ފެށުމުގެ ކުރީން ބޯޑުމެންބަރުންގެ މެދުގައި ބައްދަލުވުމެއް ބޭއްވުމަކީ އާދައެކެވެ. ތަނުގެ ހުރިހާ ހިއްސާދާރުންނާއި ޑިޕާޓްމެންޓު ތަކުގެ އެންމެ އިސްވެރީން އެ ބައްދަލުވުމުގައި ބައިވެރިވާނެއެވެ. ޕްރޮޖެކްޓާ ގުޅިގެން ތައްޔާރު ކުރެވޭ ހުށަހެޅުން ހުށައަޅައިދޭން ހަމަޖެހިފައި އޮތީ ޒެހެންއާއި ނަހުޔާނެވެ. އެ ޕްރެޒެންޓޭޝަން ނިންމުގައި ޒެހެންގެ ގިނަވަގުތު ހޭދަކުރާންޖެހުނެވެ.
"ޒެން... ނުނިމޭ." މަސައްކަތުގައި ޒެހެން އިން ކޮޓަރީގެ ދޮރުގައި ޓަކި ޖަހަލައި ދޮރު ހުޅުވާލީ ހޫރައިންއެވެ.
"ނިމެނީ. ނިދިއައީ ދޯ." ދޮރުމަތީ ހުރި އަނބިމީހާއާ ދިމާއަށް ޒެހެން ގޮނޑި އަނބުރާލިއެވެ. އޭނާގެ ވާހަކައަށް ހޫރައިން ބޯޖަހާލީއެވެ. އެއާއެކު އަނެއްކާ ވެސް ޒެހެން ވާހަކަދެއްކިއެވެ.
"ފައިނަލްކޮށްލާފަ ދާނަން. އަހަރެންގެ ފުރަތަމަ ބޮޑު މަސައްކަތް މީ. ދޮންބެ އިސްލާހުކޮށްލަން ބުނި ކަންކަން މިހާރު މި ރަނގަޅުކޮށްލަނީ. އޭރުން ދެން ނިމުނީ. އެކަމަކު އަހަރެން ނިމެންދެން ހޫރު މަޑުކުރާނެކަމެއްނެތް. ދޭ ނިދާލަން. ވަރުބަލިވެފަކަން އެނގޭ ހުންނާނީ. މިފަހަރު ވީކަންޑް މިދަނީ މިކަމެއްގަ." ޒެހެން ބުންޏެވެ. ބައްދަލުވުން އޮތީ ހޮނިހިރު ދުވަހަށް ހަމަޖައްސާފައެވެ. އެހެންވެ ހަފްތާ ބަންދުގައި ވެސް ޒެހެން ބޭނުންވިޔަސް އާއިލާއަށް މިފަހަރު ވަގުތެއް ނުދެވުނެވެ.
"ޒެން ވެސް ޓަޔަޑްއެއްނު. ކޮފީއެއް ގެނެސްދެންތަ؟." ހޫރައިން އަހާލިއެވެ.
"އޭރުން ނުނިދިގެން އުޅެން ޖެހިދާނެ. ހޫރްއާއެކު ތެދުވަންވާއިރަށް ކުޑަކޮށް ވިޔަސް ނިދާލަން ބޭނުމީ." ޒެހެން ބުންޏެވެ.
ހޫރައިން އެނބުރި ކޮޓަރިއަށް އައެވެ. ކުޑަ އެނދުގައި ނިދާފައި އޮތް ދަރިފުޅަށް ބަލާލާފައި އޭނާ ވަނީ ފާޚާނާއަށެވެ. ވުޟޫކޮށްލައިގެން ނުކުމެ ހެދުން ބަދަލުކޮށްލިއެވެ. އެނދުގައި އޮށޯވެލިތާ ގިނައިރެއްނުވެ އޭނާއަށް ނިދީގެ ގޯނާ ފޯރައިފިއެވެ. ދެ ލޯ މެރެމުންދިޔައިރު ވެސް އެ ދުލުގެ ހަރަކާތް ހުއްޓުމަކަށް ނާދެއެވެ. ﷲއަށް ޙަމްދު ހުއްޓެވެ. އެކަނިމާއެކަނި އެނދެއްގައި އޮންނަން ބިރުގަތް ދުވަސްތައް ހޫރައިންއަށް ފަސްދީ ގެއްލިއްޖެއެވެ. ނިދީގެ އަރާމުކަން އޭނާއަށް އިހްސާސް ކުރެވެން ފަށައިފިއެވެ. ސިއްސައިގެން ގޮސް ފުންމައިގެން ތެދުވެވުން މުޅީން ހުއްޓިއްޖެއެވެ. ހިތްބިރުގަތުން މަދުވެއްޖެއެވެ. މީހުންނާ މުއާމަލާތު ކުރުމުގައި ހުންނަ ޖެހިލުންވުން ކުޑަވެއްޖެއެވެ. މީހުންގެ ތެރޭ ނުކުމެ އުޅޭން ހޫރައިން އާދަވެއްޖެއެވެ. ހިނގަމުންދާއިރު ފަސްއެނބުރި ބެލުމުގެ އާދަ ކެނޑިއްޖެއެވެ. އެހެންވިޔަސް ހިތުގެ ކަނެއްގައި އަދިވެސް އެ ޖެހިލުންވުން ފިލާ އެބައޮތެވެ. އެއީ އޭނާއާ ދުވަހަކުވެސް ވަކިވާނޭ ކަމެއްނޫނެވެ. އެއާއެކު ވެސް އޭނާ ދަސްކުރީ އެ ޖެހިލުންވުމާއި ބިރުވެރިކަމުގެ އަޅަކަށް ނުވާށެވެ. އެ ހަނދާންތަކާއި ޖެހިލުންވުމާއެކު ހުއްޓި ނުހުރެ ކުރިޔަށްދާށެވެ. އާ ކަންކަން ތަޖުރިބާކުރާށެވެ. އަމިއްލަ ނަފްސަށް އޭނާއަށް ވާނޭކަން ބުނެދޭށެވެ. އެފަދައިން ގަބޫލުކުރިއެވެ. ﷲ އޭނާގެ އެންމެ ބޮޑު ހިތްވަރެއްގެ ގޮތުގައި ގާތުގައި ހުންނާނޭ މެދުވެރިއަކު ވަނީ ފޮނުއްވާފައެވެ. މަންމައަށްފަހު ހޫރައިން އެންމެ ލޯބިވާ އިންސާނާކަމުގައި އޭނާ ވެއްޖެއެވެ. ފިރިމީހާކަމުގައި ޒެހެން ވީ ދުވަހުން ފެށިގެން ހޫރައިންގެ ހިތުގެ ހަމަޖެހުމާއި ދެ ލޮލުގެ ފިނިކަން ކަމުގައި ހަޔާތުގެ ބައިވެރިޔާ ވެއްޖެއެވެ.
ނިދީގެ ތެރެއިން ވެސް ހޫރައިންގެ ގާތަށް ފިރިމީހާ އަތުވެއްޖެކަމުގެ އިހްސާސް ކުރެވުނެވެ. ލޯ ހުޅުވާނުލިޔަސް އެ ތުންފަތް ދެމިލިއެވެ. އޭނާގެ ކޯތާފަތުގައި ޒެހެން ބޮސްދިނެވެ. އަވަހަށް ނިދަން ނާދެވުނީތީއާއި ހަފްތާއެއް ވެގެން ދިޔައިރު އަނބިމީހާއަށް ވަގުތުދޭން ދަތިވީތީ ޒެހެން މަޢާފަށް އެދުނެވެ. ސިއްރެއްހާ މަޑުން ބުނެލި ނަމަވެސް ޒެހެންގެ އަޑު ހޫރައިންއަށް އިވުނެވެ. އެނބުރި ނިދީގެ ތެރެއަށް ހޫރައިން ގެބެމުންދިޔައިރު ކަނދުރާއާ ދިމާއިން ޒެހެންގެ ހޫނު ނޭވާގެ އިހްސާސް ކުރެވެމުންދިޔައެވެ. އެ ދެއަތުގެ ހިމާޔަތުގައި އޭނާވިއެވެ. ނިދީގެ ތެރޭގައި ވެސް ދެ ހަށިގަނޑުގެ ހޫނުކަން އިހްސާސް ކުރެވޭހާ ގާތުގައި އޮތުމަކީ ޒެހެންގެ އާދައެވެ. ހޫރައިންއަށް ދުރަށް ފުރޮޅިލެވުނަސް ދެމެދުގައި އޮތް ހުސްކަން ޒެހެން ނެތިކޮށްލައެވެ.
ފަތިސް ނަމާދުކޮށްގެން ހޫރައިން ކޮޓަރިން ނުކުތެވެ. އޭނާގެ ދުވަސް ފެށުނީއެވެ. ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައީ ދުވަހަށް ތައްޔާރުކުރާނޭ ބާވަތަކާމެދު ވިސްނުމުގައެވެ. ތަރުކާރީކޮޅެއް ހުރީ ގަންނަންވެފައެވެ. ވިޔަފާރިކުރާން ނުކުންނާނޭ ވަގުތަކާމެދު އޭނާ ވިސްނާލިއެވެ. ހޮނިހިރު ދުވަހަށް ވީމާ ޔޫކް ވެސް ސުކޫލަކަށް ނުދާނެއެވެ. ޒެހެން އެހާ ބުރަކޮށް އުޅޭއިރު ފިރިމީހާ ކައިރީ ބުނުމުގެ ހިޔާލު ހޫރައިން ދޫކޮށްލިއެވެ. ހިޔާލުތަކުގައި ހުރި ހޫރައިން އެނބުރިލީ އެޕާޓްމެންޓުގެ ދޮރުހުޅުވާ އަޑަށެވެ. ޒެހެން އައީއެވެ. އޭނާ އައިގޮތަށް ބަދިގެ ތެރޭ ހުރި ހޫރައިންގެ ގައިގާ ބައްދާލިއެވެ. ފިރިމީހާގެ ބީހުންތަކާއެކު ހޫރައިންއަށް ހީނލެވުނެވެ.
"ތިހެން އުޅޭން ވަގުތު އެބައޮތްތަ." ޒެހެންގެ ދެއަތުގައި ހިފަހައްޓަމުން ހޫރައިން ބުނެލިއެވެ.
"ހަފްތާއެއްވީ. ވަރަށް ކެތްކުރެވިއްޖެ..." ހޫރައިންގެ ކޮނޑުގައި ނިތްކުރި ޖައްސާލައިގެން ހުރެ ޒެހެން ބުނެލިއެވެ. ހޫރައިންއަށް ހީނލެވުނެވެ. ޒެހެންގެ ބޭނުންވުމުގައި ހުންނަ ކެތްތެރިކަން ކުޑަކަން އޭނާއަށް އެނގޭތީއެވެ.
"މިރޭ..." ހޫރައިން ބުނެލިއެވެ.
"ނޫން. މިހާރު ބޭނުން. މިތަން ވެސް އޯކޭ." ޒެހެން ބުނެލިއެވެ.
"ފަށައިފިއްޔާ ޒެންއަށް ހުއްޓާލާކަށް ނޭނގޭ." ހޫރައިންއަށް ބުނެވުނެވެ.
"ކޮމްޕްލިމެންޓެއްތަ." މަސްތީ ހިނިތުންވުމަކާއެކު ހޫރައިންއަށް ޒެހެން ބަލާލިއެވެ. އެ ބެލުން ފެނި ހޫރައިން ލަދުގަތެވެ. ތިރީތުންފަތުގައި ދަތްއަޅާލުމާއެކު ނިކަން އަވަހަށް އިސްއޮބާލައިފިއެވެ.
"މުހިންމު މީޓިންއެއް އޮތްއިރު އަވަހަށް ދާންވާނެއެއްނު." ހޫރައިން ވާހަކަދެއްކި ނަމަވެސް ޒެހެން ދުރަށް ޖެހުމުގެ ބަދަލުގައި އިހުނަށްވުރެ ގާތްވެލީއެވެ.
"މުހިންމު ދުވަހެއް، އެހެންވީމައޭ ގުޑް މޫޑެއްގަ ހުންނަން ބޭނުމީ... ދުވަސް ރަނގަޅަށް ދިއުމުގައި އަނބިމީހާގެ ކައިރިން ލިބޭ ލޯތްބަކީ ވެސް ވަރަށް މުހިންމު ބައެއް." ޒެހެން ލައިގެން ހުރި ޓީޝާޓު ބޭލިއެވެ. ފިރިމީހާ ނުހުއްޓުވޭނެކަން ހޫރައިންއަށް އެނގެއެވެ.
ފެންވަރައިގެން ނުކުތް ޒެހެން ތެޅިފޮޅެނީއެވެ. ކޮންމެ ސިކުންތަކުން އޭނާ އަތުކުރީ އޮތް ގަޑިއަށް ބަލައެވެ. ރަސްމީ ހެދުމުގައި އޭނާ ކޮޓަރިން ނުކުމެގެން އައެވެ. މަސައްކަތް ކުރާ ކޮޓަރި ތެރެއިން ލެޕްޓޮޕާއި ދަބަސް ހިފައިގެން ނުކުތެވެ. ސިޓިންރޫމު ސޯފާގައި ޔޫކް އިނެވެ. އެކުއްޖާގެ ކައިރީ ހެއްލޭ ގޮނޑީގައި ޔާނު ބާއްވާފައި އޮތެވެ. ގޭތެރޭގެ ހިމޭންކަން ނަގާލާފައިވީ ޓީވީއިން އަންނަމުންދިޔަ ކުޑަކުދީންގެ ޗެނަލުންނެވެ. ބަދިގެތެރޭ ހޫރައިން ހުއްޓެވެ. ޒެހެން އައިސް ކާމޭޒު މަތީ އެއްޗެހިތައް ބެހެއްޓިއެވެ. ޒެހެން ފެނުމާއެކު ޔޫކް ވެސް ތެދުވެގެން އައެވެ.
"ވަރަށް ލަސްވެއްޖެ. ނިމުނީގަ ގުޅާނަން. ދަނީ އިނގޭ." ހޫރައިން އައުމުން އަނބިމީހާގެ ކޯތާފަތަށް ބޮސްދީފައި ޒެހެން ބުންޏެވެ.
"ލަސްވިޔަސް ބަލައިގެން ދާތި. އައި ލަވް ޔޫ." ދޮރާ ހަމައަށް ޒެހެންއާއެކު އަންނަމުން ހޫރައިން ބުނެލިއެވެ.
"ލަވް ޔޫ މޯ... ޔޫކް. ބައްޕަ އަންނަންދެން މަންމައާއި ކޮއްކޮ ބަލައްޗޭ. ބާއި ދަރިފުޅު." ފުޅާ ހިނިތުންވުމަކާއެކު ހޫރައިންދެކެ ލޯބިވާވަރު ހާމަކޮށްފައި ޔޫކްއާ ޒެހެން ވާހަކަދެއްކިއެވެ. ބޫޓަށް އެރުމާއެކު ހޫރައިންގެ ކައިރީ ހުރި ޔޫކްގެ އިސްތަށިގަނޑާ ޒެހެން ކުޅެލިއެވެ.
"ބާއި ބައްޕާ." ޔޫކް އަތްހޫރާލިއެވެ. ޒެހެން ގޮސް ލިފްޓަށް އަރަންދެން އޭގެ ދެމައިން ބަލަން ތިއްބެވެ.
"މަންމީ. މީ ބައްޕަ އެއްޗެއް ދޯ." ކާމޭޒުމަތީ އޮތް ޕެންޑްރައިވް ނަގާ ޔޫކް ދައްކާލިއެވެ.
"ޔެސް. ބައްޕަ ހަނދާންނެތުނީ ކަންނޭނގެ. ވަރަށް އިމްޕޯޓެންޓް އެއްޗެއްމީ." ހޫރައިން އަވަހަށް ޒެހެންއަށް ގުޅިއެވެ. އޭނާ ފޯނެއް ނުނަގައެވެ. އެހާ ލަސްވެގެން ދިޔައިރު އެ ޕެންޑްރައިވަކީ ބައްދަލުވުމަށް މުހިންމު އެއްޗަކަށް ވެދާނޭ ހޫރައިންގެ ހިތް ބުނެލިއެވެ.
"ބައްޕަ ފޯނެއް ވެސް ނުނަގާ." މާޔޫސް ކަމާއެކު ހޫރައިންއަށް ބުނެލެވުނެވެ.
"ބައްޕައަށް ދޭން ހިނގާ. މަންމިއަށް އެނގޭތަ ބައްޕަ އޮފީސް. ޔޫކުމެން ގެންގޮސްދިނީމަ ބައްޕަ އުފާވާނެއެއްނު."
ދަރިފުޅު ދިން ހިޔާލު ހޫރައިންއަށް ގޯހެއް ނޫނެވެ. ޒެހެން އެނބުރި ގެއަށް އައިސްފަ ދާންވެއްޖެނަމަ މާބޮޑަށް ވެސް ލަސްވާނެއެވެ. ހޫރައިން ކުރާން ހުރި ހުރިހާކަމެއް ހުއްޓާލާފައި އަވަސްވީ ތައްޔާރުވާށެވެ. ދެކުދީން ގޮވައިގެން އޭނާ އެޕާޓްމެންޓުން ނުކުތް ވަގުތު ސުމައްޔާ ވެސް އެބަޔަށް ވަންނަން އަންނަނީއެވެ.
"ކޮންތާކަށް؟" ސުމައްޔާއަށް އަހާލެވުނެވެ.
އެހާ މުހިންމު ކަމެއްގައި ޒެހެން ދިޔައީ މަސައްކަތާ ގުޅުންހުރި އެއްޗެއް ގޭގައި ބާއްވައިފަކަން ހޫރައިން ކިޔާދިނެވެ. ކުދީން ބަލައިދީފާނެކަން ސުމައްޔާ ބުނީ ހާސްވެފައި ހުރި ދަރިފުޅަށް ފަސޭހަކޮށްދިނުމަށެވެ.
"ފިހާރައަށް ވަދެލާންށާއެކީގަ މިދަނީ. ޔޫކް ގޮވައިގެން އަހަރެންނަށް ނުކުމެވެނީ މަދުފަހަރަކު. މަންމަ ކަންބޮޑުނުވޭ. އަހަރެމެން އަންނާނަން ގިނައިރެއްނުވެ. ތަޅުދަނޑިފައްޗާއި ފޯނު ވެސް ހިފައިގެން މިދަނީ. މަންމަ ދަމުން ތަޅުލާފަ ދާތި. ދަނީ އިނގޭ. ޓެކްސީ އައިސްފަ ކަންނޭނގެ މިހާރު އޮންނާނީ." އަވަސް އަރުވާލާފައި ހޫރައިން ބުނެލިއެވެ.
ޒެހެން މަސައްކަތް ކުރާ އޮފީހުގެ އިމާރާތް ބަދަލުވިކަން ހޫރައިންއަށް އެނގެއެވެ. ޒެހެން ކިޔާދީފަ އޮތީމަ އޭނާއަށް އަންނަންވީ އެޑްރެސް އެނގުނެވެ. ޓެކްސީ މަޑުކޮށްލުމާއެކު ހޫރައިން ފޭބިއެވެ. އޭނާގެ ގައިގާ ކުރިމައްޗަށްވާހެން އަޅުލާފައިވާ ކެރިއޭޖްގައި ކުޑަދަރިފުޅު ޔާން އިނެވެ. ކާރުން ފޭބި ގޮތަށް ޔޫކް މަންމަގެ ހެދުމުގެ ބައެއްގައި ހިފާލައިފިއެވެ. ތިންމައިން އިމާރާތުގެ ތެރެއަށް ވަނެވެ. ފުރަމަތަ ފެނުނު ރިސެޕްޝަން ކައުންޓަރު ކައިރީ މަޑުކޮށްލިއެވެ. އެތަނުގައި އިން އަންހެންކުއްޖާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އެ އޮފީހަކީ އެކަހަލަ ބަޔަކު އަންނަފަދަ ތަނަކަށް ނުވާތީ ކަމަށް ވެދާނެއެވެ.
"ޒެހެން... ޒެހެން މާލިކްއާ ބައްދަލުކޮށްލަން. އެއްޗެއް ހަވާލުކޮށްލަން. މިއަދު އޮތް މީޓިންއަށް މުހިންމު އެއްޗެއް މީ." ހޫރައިން ވަގުތުން ޕެންޑްރައިވް ދައްކާލިއެވެ.
"ތީ ކާކު؟" ފޯނަށް ބަލާލާފައި ވެސް ކައުންޓަރުގަ ހުރި އަންހެންކުއްޖާ ސުވާލުކޮށްލިއެވެ.
"ހޫރައިން." ހޫރައިން ނަން ބުނެލިއެވެ.
ހަންނާނުއާއި މުނައްވަރު ތިބީ މިއުނާއެކުއެވެ. ނަހުޔާނުގެ ކެބިންގައެވެ. އެމީހުންނާއެކު ޒެހެން ހުއްޓެވެ. ނަހުޔާނުގެ ސެކެޓްރީ އައިސް ދޮރުގައި ޓަކި ޖަހާލިއެވެ. ތިރީ ރިސެޕްޝަނުގައި އެއްޗެއް ހަވާލުކުރާން އައިސް ހުރި އަންހެނަކު އެބަހުރިކަން ނޫރާ ބުނެލިއެވެ. މިއަދުގެ ބައްދަލުވުމަށް ބޭނުންވާ އެއްޗެއްކަން ނޫރާ އިތުރުކޮށްލިއެވެ.
"މިދަނީ..." ޒެހެން ބުނެލިއެވެ.
ޒެހެން ނުކުތުމުން ނަހުޔާނުގެ ލަފައާއެކު ދެން ތިބި މީހުން ވެސް އެ ކެބިންއިން ނުކުތީ ބައްދަލުވުން ހަމަޖެހިފައި އޮތް ކޮންފަރެންސް ރޫމަށް ދާށެވެ. ރިސެޕްޝަން ކައިރީ މޫނުބުރުގާ އަޅާފައި ކަޅުހެދުމުގައި ހުރި އިސްކޮޅުން ކުރު އަންހެންކުއްޖާ އެންމެންގެ ލޮލުގައި އަޅައިގަތެވެ. އެ އެންމެންގެ ފިޔަވަޅު އެ ދިމާއަށް އަވަސްވެލައިފިއެވެ.
"ހޫރް." ހައިރާންކަމާއެކު ޒެހެން ގޮވާލިއެވެ.
"ޔޫ ފޮގޮޓް ދިސް." ޒެހެން ކައިރިވެލަންވީއިރަށް ހޫރައިންގެ އަތުގައި އޮތް ޕެންޑްރައިވް ދައްކާލިއެވެ.
"ބައްޕަގެ އިމްޕޯޓެންޓް އެއްޗެއްވީމަ ޔޫކް ގެނެސްދިނީ." ހޫރައިންގެ ކައިރީ ހުރި ޔޫކް ބުނެލިއެވެ. އެއާއެކު ޒެހެން ތިރިވެލިއެވެ. ޔޫކްގެ އިސްކޮޅާ އެއްވަރަށެވެ.
"ޔޫ ސޭވް ދަ ޑޭ. ބައްޕަގެ ކުޑަ ސުޕަރމޭން. ޖަޒާކައްﷲ ދަރިފުޅޫ." ޔޫކްގެ މޫނުގައި ޒެހެން ބޮސްދިނެވެ. ރިސެޕްޝަނުގައި ހުރި އަންހެންކުއްޖާއަށް ހަރުކަށިކަމެއް ވެރިވިތަން ހޫރައިން ދުށްޓެވެ. ތަނުގެ ވެރީންގެ ސަމާލުކަން ހޫރައިންއަށް ހުއްޓުނީމައެވެ. ޒެހެންގެ ގާތްކަން ފެނިފައެވެ. އެތަނުގެ މުވައްޒަފުންނަށް ޒެހެން އުޅެނީ މީހަކާ އިނދެގެންކަން އެނގުނަސް ޒެހެންގެ އަނބިމީހާއަކީ މޫނުބުރުގާ އަޅާ އަންހެނެއްކަމެއް ނޭނގެއެވެ.
"ހޫރައިން... ދަރިފުޅުތަ؟. ބަލަ މީ ކޮންކުދީންނެއްތަ؟. ބައްޕަގެ އޮފީސް ބަލާލަން އައި ކުދީންތަ؟." މިއުނާގެ އަޑު އިވުނެވެ. އޭނާ އައިގޮތަށް ޒެހެންއަށް ބެލުމެއްނެތި ޔޫކްގެ ގައިގާ ބައްދައިލައިފިއެވެ. އެކުއްޖާ އުރާލިއެވެ. މުނައްވަރާއި ނަހުޔާނު ތިބީ ހިނިތުންވެލައިގެންނެވެ. ހޫރައިން އެތަނަށް އައުމަކީ އެންމެން ވެސް ފެނިދާނޭކަމަށް އުންމީދުނުކުރާ މަންޒަރެކެވެ. އެހެންވިޔަސް ފިރިމީހާއަށް ކަމެއް ޖެހުމުން އެ އަންހެންކުއްޖާ ފަސްނުޖެހޭނެކަން އެނގިއްޖެއެވެ.
"ޔާނު ވެސް އެބައިންތަ. ބޮޑުވެއްޖެ ދޯ. މީހަމަ ޒެހެން. ނޫންތަ މުނައްވަރު." ހަންނާނު އައިސް ހޫރައިންގެ ކައިރީ ހުއްޓިލިއެވެ. ކުޑަދަރިފުޅުގެ ކޮލުގައި އޭނާ ކޮއްޓާލިއެވެ.
"ކިހިނެއް އައީ؟." ޒެހެން އަހާލިއެވެ.
"ކާރުގަ. އެކަމް ދެން ހިނގާލާފަ ދާނީ. ފިހާރައަށް ވަދެލަންކަމަށް. މިހެން ނުކުމެ އުޅޭންވާނެއެއްނު." ހޫރައިން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެއްބަސްވާކަން ހާމަކުރަމުން ޒެހެން ބޯޖަހާލީއެވެ.
"ބަލައިގެން އުޅޭތި. ވަރުބަލިވެއްޖެއްޔާ ޓެކްސީއެއްގަ ގެއަށްދާނީ. ނަސީބެއް ހޫރް އައިކަން."
އެންމެންނާއެކު ދާން އެނބުރިލުމުގެ ކުރީން ހޫރައިންގެ ކޯތާފަތުގައި ޒެހެން ފިރުމާލިއެވެ. ހިނިތުންވެ ހުރެ ޔޫކްގެ އަތުގައި ހިފާލަމުން ހޫރައިން އެ އިމާރާތުން ނުކުތެވެ. އަމިއްލަ ހިތްވަރާމެދު ނުހަނު އުފާވެފައި ހުރެއެވެ. ޠަބީޢަތަށް ހެޔޮ ބަދަލެއް އައެވެ.
"ޝޮޕިންކޮށްލާފަ ޕާކަށް ވަންނަންވާނެ ދޯ." ހޫރައިން ބުނެލިއެވެ. ޔޫކް އާނއެކޭ ބުނެލިއެވެ.
ބޭނުންވާ އެއްޗެހި ގަންނަން ހޫރައިން މާދުރަކަށް ނުދެއެވެ. ޒެހެންމެންގެ އޮފީހުން ނުކުމެ އެތާ ކައިރީ ހުރި ސުޕަމާކެޓަށް އޭނާ ވަނީއެވެ. ބާޒާރުކޮށްގެން ކޮތަޅުތައް ހިފައިގެން ހޫރައިން އައިސް ވަނީ ކާރުގައި އައިއިރު އެހިސާބުން ފެނުނު ޕާކަށެވެ. ހެނދުނުގެ ވަގުތަށްވީމަ ކަންނޭނގެއެވެ. ޕާކުތެރެ އޮތީ ހުސްކޮށެވެ. އެކަންވީ ޔޫކް ގަޔާވި ކަމަކަށެވެ. އެކުއްޖާ ބޭނުން އެއްޗަކަށް އަރައަރާފައި އުޅޭން ލިބުނު ފުރުސަތެކެވެ. އުނދޯލި ކުރިމަތީ ހުރި ބެންޗުގައި ކޮތަޅުތައް ބަހައްޓާފައި ހޫރައިން އިށީނެވެ.
"ޔޫކް. ބާރަށް ހެއްލަން އުޅެނިކޮށް ދަރިފުޅު ވެއްޓިދާނެ." އުނދޯލީގައި ޔޫކް އުޅޭ ގޮތް ބަލަން އިނދެފައި ހޫރައިން ބުނެލިއެވެ.
"ޔޫކަށް ބާރަށް ހެއްލާލެވޭތޯ ބަލާލަންށޭ." މައުސޫމް ގޮތަކަށް އެކުއްޖާ ބުނެލިއެވެ.
"ނަލަ ރިވެތިހާ ސޫރަ ލިބިފާވާ... މާތް މަލުގެ ޒާރެއްގައި ފެނިވާ މާތް ހޫރެކޭތީ..."
ހޫރައިންގެ ކަންފަތުގައި ޖެހުނީ ފިރިހެނެއްގެ އަޑެވެ. ހިންދިރުވާލެވުނީ މޭފިތުނުފަދަ އިހްސާސެއް ކުރެވިގެންނެވެ. އޭނާއަށް ބަދަލު ގެނުވީ އިވުނު އަޑުން އެކަންޏެއް ނޫނެވެ. އެ އިވިގެންދިޔަ ބަސްތަކުންނެވެ. ކޮންމެ ލަފުޒެއް އިވުމުން ހޫރައިންގެ ގަޔަށް ހޮނުއެޅުމެކޭ އެއްފަދަވިއެވެ. އޭނާ ތެދުވެ ބަލާލަން އުޅުނީ އަޑު އައީ ފުރަގަހުންވީމައެވެ.
"ހޫރައިން... ހޫރް..." ކުއްލިއަކަށް މީހަކު ހޫރައިންގެ ފަހަތުން ބޯކައިރި ގުދުވެލުމާއެކު އޭނާގެ ނަން ކިޔާލައިފިއެވެ. ހޫރައިންގެ ނޯށުގައި ޖެހުނީ އޭނާއަށް އެނގޭ ވަހެކެވެ. އެތަކެއްވަހުގެ ތެރެއިން ވެސް އޭނާއަށް ވަކިކުރާން އެނގޭނެ ވަހެކެވެ. ހިތަށް ނުބައިގޮތެއްވެގެންދިޔައެވެ. ސިއްސައިގެން ގޮސް ކުޑަދަރިފުޅުގެ ގައިގާ ހޫރައިންއަށް ހިފަހައްޓާލެވުނީ ނުހަނު ބާރަށެވެ. އެމީހަކު އައިސް ހޫރައިންގެ ކުރިމަތީ ހުއްޓުނެވެ.
"އެހެންވީމަ އަހަންނަށް ހީވީ ހަމަ ރަނގަޅަށްތާ." ހޫރައިންގެ ކުރިމަތީ ހުރި ޒުވާނާ ބުންޏެވެ. ދެ ލޯ ބޮޑުކޮށްގެން ހޫރައިންއަށް ބަލަން އިނދެވުނީ ބިރުގެންފައެވެ. (ނުނިމޭ)