މިވޭތުވެދިޔަ ތިން އަހަރު ކުރެވުނު މަސައްކަތުން ފުލުހުންގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ 89 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހް ވިދާޅުވީ ފުލުހުންގެ ހިދުމަތް ތަރައްގީކޮށް ކުރިއެރުވުމަކީ މި ސަރުކާރާއި ރައްޔިތުން މަތިކުރި ވަރަށް މުހިންމު މަސައްކަތެއް ކަމަށާ ރައްޔިތުން ބޭނުންވީ ޔުނިފޯމްގައި ހުންނަ ފުލުހަކު ފެނުމުން އެއީ ތިމާއަށް އޮތް ބިރެއް ނުވަތަ ނުރައްކަލެއް ނޫންކަން އިހްސާސްވުން ކަމަށެވެ. އަދި ފުލުސް ޔުނިފޯމާއި ބެލްޓްގައި ހުރި އާލާތްތަކަކީ ރައްޔިތުންގެ ހިމާޔަތް ކަމުގައި ގަބޫލު ކުރުން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުލުހުން އައުމުން ހިމާޔަތާއި ރައްކާތެރިކަމާއި އަމާންކަން އަތުވެއްޖެކަން ހިތަށްވެރިވުން ކަމަށެވެ.
"އަޅުގަނޑު ކެރިހުރެ މި ދަންނަވަނީ މި ވޭތުވެދިޔަ ތިން އަހަރު ކުރެވުނު މަސައްކަތުން ފުލުހުންގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ. ތަސްވީރުގެ ކުލަ ރީތިވެއްޖެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ ހިންގުމަށް ގެނެވިފައިވާ ޒަމާނީ ބޮޑު ބަދަލުގެ ހަގީގީ ސަބަބަކީ އަލަށް އަމަލު ކުރަން ފެށުނު ފުލުހުންގެ ގާނޫނު ކަމަށާ މުއައްސަސާ ހިންގުމުގެ ފުރިހަމަ މިނިވަންކަން އެ ގާނޫނުން ފުލުހުންނަށް ކަށަވަރުކޮށްދޭ ކަމަށެވެ. އަދި 89 އަހަރުވީ ވަރުގަދަ މުއައްސަސާއެއް ހިންގުމުގެ މިނިވަންކަން އެތަނެއްގައި ތިބި ތަޖުރިބާކާރު ގާބިލް ހުނަރުވެރި އޮފިސަރުން ބައްޓަން ކުރާނެ ކަމަށާ އެކަން ކުރަމުންދާނީ ގައުމަށް އެންމެ ލާބަހުރި ޒަމާނަށް ފެތޭ ގޮތަށް ކަމާމެދަކު ޝައްކު ނުކުރައްވާ ކަމަށެވެ.
"ކުރެވޭ ނުކިއްސަރު ކަމަކުން މުޅި މުއައްސަސާ ބަދުނާމުވާ ހާލަތެއް އަތުވެދާނެ. މިކަމުގައި ފުލުހުންގެ ލީޑަޝިޕުން އަމަލު ކުރައްވަންވާނީ އިންސާފާއި މަސްލަހަތު އެއްތަރާދެއްގައި. މިހެން މިކަން ކުރެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ފުލުހުންނަކީ ގާނޫނު ތަންފީޒުކުރާ އެންމެ މުހިންމު މުއައްސަސާ. ގައުމުގެ މަސްލަހަތާއި އަމާންކަން ދެމިއޮތުން ވަނީ ތިޔަބޭފުޅުން ކުރާ މަސައްކަތާ ގުޅި ލާމެހިފައި. އެއް ދުވަހުގެ ގޮންޖެހުންތަކުން އަރައިގަތުމަށްފަހު އަނެއް ދުވަހު ހޭލާއިރު ދެން އޮންނާނީ އަދި މާ ބޮޑު ގޮންޖެހުމެއް ކަމުގައި ވެދާނެ. އެކަން އެގޮތުގައި ބަލައިގަނެގެން ތިޔަބޭފުޅުންގެ މަސައްކަތްތައް ބައްޓަން ކުރުން މުހިންމު،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ފުލުހުން ބިނާ ކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވިގެން ދިޔަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓަކީ އެކި ސަރުކާރުތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ. އެއީ ދިވެހިންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގައުމީ މަސްލަހަތު ދިފާއުކުރުމުގެ ގާބިލްކަން،ދިވެހިންގެ ކިބައިގައި އުފެއްދުމުގެ އެއް ބިނާއަށް ވާނެ ކަމަށެވެ.
އަދި އެއީ ރާއްޖެ، ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ހިދުމަތަށް 89 އަހަރުވީނަމަވެސް ފުލުހުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަން އަދިވެސް ހުރީ މާޒީގައި ހުއްޓި ހުރި ތަނުގައި ކަމަށެވެ. ހާއްސަކޮށް ފުލުހުންގެ ބެރެކްސްތަކާއި މަސައްކަތް ކުރާ މާހައުލުގައި ހުންނަންޖެހޭ ފަސޭހަކަން އޭގެ ގާތަކަށްވެސް ފުރިހަމަ ވެފައެއް ނެތް ކަމަށެވެ. އަދި ލިބޭ ހުނަރާއި ތަމްރީނާ އެކުއެކީ ފުލުހުންނަށް ބޭނުންވާ އުޅަނދުފަހަރާއި ވެހިކަލްތަކާއި އެހެނިހެން ވަސީލަތްތައްވެސް މުހިންމު ކަމަށެވެ.
"މިއަހަރުގެ ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ހިދުމަތް އެބަ ގާއިމުކުރެވޭ. އަދި ރާއްޖޭގެ 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާކުރުން މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައި. އަންނަ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ހިދުމަތް އިރާދަކުރެއްވިއްޔާ ގާއިމުކޮށް ނިމޭނެ. އުމްރާނީ ވަސީލަތާއެކުއެކީ ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތުގެ މަގު މިދަނީ އަލިވަމުން. މިއީ ރައްކާތެރި އަމާން ދިވެހިރާއްޖެއެއް ކަށަވަރު ކުރުމަށް ހިންގޭ ބޮޑު މަޝްރޫއެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގައި ސަރުކާރުން އިސްކަންދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. މި ސަރުކާރު ބިނާވެގެން އައީ އިންސާފް ގާއިމުކޮށްދިނުމުގެ ވައުދާއެކު ކަމަށާ އިންސާފް ގާއިމްވުމުގެ ތަޅުދަނޑިއަކީ ހިންގޭ ފުރިހަމަ ތަހުގީގު ކަމަށެވެ.
އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ފުރިހަމަ ތަހުގީގަކުން މެނުވީ އިންސާފަށް ވާސިލު ނުވޭނެ ކަމަށެވެ. މިކަމުގައި ޒަމާނުއްސުރެ އޮތް ހުސްކަން ފޫބެއްދުން ކޮންމެހެން މުހިންމު ކަމަށާ ވަކިން ހާއްސަކޮށް ޒަމާނީ ތަހުގީގީ ހުނަރު ލިބިފައިވާ އޮފިސަރުން އުފައްދަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މިހާރަކީ އިއުތިރާފަށްވުރެ ބޮޑަށް ހެތްކާއި ގަރީނާގެ މައްޗަށް ބުރަވެ އިންސާފު ގާއިމުކުރެވޭ ޒަމާން ކަމުން ބޭނުންވާ އިންސާނީ ވަސީލަތާއި ހުނަރާއި ގާބިލްކަމާއި ޓެކްނޮލޮޖީ ފުލުހުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިންތިޒާމްވެގެން ހިންގާ ކުށްތަކާއި ޑްރަގް ނެޓްވާކްތަކުގެ ގުޅުމަކީ ރާއްޖޭގެ އަމާންކަމާއި ސުލްހަމަސަލަސް ކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ވިދާޅުވިއެވެ. އަދި މިހާރު މިކަން ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކާ ހަމައަށް އުފުލާ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ. އެއީ ރައްޔިތުންގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާ މިކަންކަން ހުއްޓުވައި ކޮންޓްރޯލް ކުރުމަށް ހާއްސަ ޓާސްކް ފޯސްތަކެއް އެކުލަވައިލެވި އަމަލީ މަސައްކަތް ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ.
"ކޮންމެ ގައުމެއްގައިވެސް ކުށްވެރިން ހިތްހެޔޮނުވާ ބަޔަކީ ފުލުހުން. އެއީ އެކި ގޮތްގޮތުން އެމީހުން ހިންގާ ޖަރީމާތަކާއި ޑްރަގް ވިޔަފާރިއަށް ހުރަސްއަޅައި ހުއްޓުވާ ބަޔަކީ ފުލުހުން. ގޭ ބިންގަރާހުގައި ގުދަންކޮށްފައި ހުއްޓަސް ޑްރަގް އަތުލައިގަންނަނީ ފުލުހުން. އަނެއްކޮޅުން އެމީހުންގެ ބޯޓުތައް ރާއްޖެ ވަނުމުގެ ކުރިން ހިފަހައްޓައި އަތުލައިގަތުމުގައި އަވަށްޓެރި ގައުމުތަކުންދޭ އެހީތެރިކަން ފުލުހުންނަށް އެބަ ލިބޭ،" ފުލުހުންގެ މަސައްކަތަށް ތައުރީފު ކުރައްވަވާ ރައީސް ވިދާޅުވިއެވެ.