ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ދިނުމަށް އެދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ގަރާރެއް ހުށައަޅުއްވައިފި އެވެ.
ނަޝީދު މިރޭ ހުށައެޅުއްވި ގަރާރުގައި ބުނެފައި ވަނީ ފުލުހުންނާއި ޕީޖީން ރޭ އާންމު ކުރި މައުލޫމާތުގެ އަލީގައި ސަރުކާރުން އަމަލު ކުރަން ޖެހޭ ކަމަށް އެމްޑީޕީއަށް ފެންނަ ގޮތްތަކެއް ނިންމަން ހުށައަޅުއްވާ ކަމަށެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމަށް ފުލުހުންނަށް ފުރުސަތު ދިނުމަށް ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ދިނުމަށް ވެސް ނަޝީދު ވަނީ ހުށައަޅުއްވާފައެވެ.
ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ހޯމް މިނިސްޓްރީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ވެސް އެދިވަޑައިގެންފައި ވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖުތަކެއްގައި ވަނީ ހަރުކަށި ފިކުރަށް ބޯލަނބާ މީހުންނާއި އެ ފިކުރަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާ މީހުން ރާއްޖޭގައި ގިނަވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އެކަމުގެ ހައްލަކަށް ރައީސް ނަޝީދު އެދިވަޑައިގެންފައި ވަނީ ހޯމް މިނިސްޓްރީ ރައީސް ސޯލިހްގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާށެވެ. އޭގެ ސަބަބުން ޓޫރިޒަމަށް އަސަރު ކުރި ނަމަވެސް ފަހުން ރަނގަޅު ވާނެ ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.
ރައީސް ސޯލިހް ވެސް އިންނަވާ މި ގުރޫޕްގައި ނަޝީދު ކުރައްވާ މެސެޖުތަކަށް ރައީސް ސޯލިހް ޖަވާބު ނުދެއްވާތީ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އަރިހުގައި ރައީސް ނަޝީދު ވަނީ އެ މެސެޖުތައް ރައީސް ސޯލިހަށް ދެއްކެވުމަށް އެދިވަޑައިގެންފަ އެވެ. ރައީސް ސޯލިހާއި މެންބަރު މުހައްމަދު ރަޝީދަކީ ޅިޔަނުންނެވެ.
ރައީސް ސޯލިހްގެ ސީދާ ބެއްލެވުމުގެ ދަށަށް ހޯމް މިނިސްޓްރީ ގެންދިއުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާއިރު ހޯމް މިނިސްޓަރަކަށް ހުންނެވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ. ރައީސް ނަޝީދު މީގެކުރިން ވަނީ އަދާލަތު ޕާޓީން މިސަރުކާރުގެ ކަންކަމަށް މާބޮޑަށް ބަސް ކިޔާ، ސަރުކާރު ކޮންޓްރޯލް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވެސް މިހާރު ގެންދަވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ދެކޮޅަށް ވާހަކަދައްކަވަމުންނެވެ. އެގޮތުން އިމްރާން މަގާމު ދުރުކޮށް، އެ މަގާމަށް އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ވަޒީރު މުހައްމަދު ޝިހާބް އައްޔަންކުރެއްވުމަށް ވެސް ބައެއް މެންބަރުން ދަނީ ގޮވާލައްވަމުންނެވެ.