ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާ ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގުޅުވައި ހޯމް މިނިސްޓަރު އިމްރާން އަަބްދުﷲ ދެއްކެވި ވާހަކަތަކަށް އެމަނިކުފާނު ރައްދު ދެއްވައިފި އެވެ. މެއި 1، 2015 ގައި މާލޭގައި އޮތް މޭޑޭގެ ބޮޑު އެއްވުމުގައި އިމްރާން ދެއްކެވި ވާހަކަތަކަށް ރައީސް ޔާމީން ރައްދު ދެއްވި މިއީ ފުރަތަމަ ފަހަރެވެ.
އިމްރާނަށް ފާޑުވިދާޅުވެ ރައީސް ޔާމީން ވާހަކަ ދެއްކެވީ ކުރެންދޫގައި މިރޭ އޮތް ޕީޕީއެމްގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގައި ދެ ގޮތަށް ވާހަކަ ދައްކަވާތީވެ އެ ދެ މިނިސްޓަރުންގެ ތެރެއިން ކޮންމެެވެސް އެއް މިނިސްޓަރަކު އިތުރުފުޅު ހައްދަވަަމުންދާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އިމްރާނަކީ ސިޔާސީ ބާރުވެރިކަން ހޯއްދަވަން ކޮންމެ ފަދަ ދޮގެއް ވެސް ހައްދަވާފާނެ ބޭފުޅެއް ކަމަށެވެ.
އަދި އިމްރާން މަޖިލީހުގައި ދޮގު ހައްދަވާފައިވާއިރު އިމްރާނަކީ ދޮގުވެރިއެއްކަން މާކުރީން ވެސް އެނގިވަޑައިގެންފައިވާ ކަމަށެވެ. މޭޑޭގައި އިމްރާން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ޔާމީން ވަނީ އެދުވަހު ވިދާޅުވި ކިތާބީ ހެކިތައް ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. މިއަދު ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެ މައްސަލަ ނުބައްލަވަނީ ކީއްވެގެންތޯ ވެސް ސުވާލު ކުރެއްވި އެވެ.
ޔާމީން ވަނީ އަފްރާޝީމްގެ ގާތިލު ނުހޯދިގެން އުޅޭ ސަބަބު ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
"ދެ ވަޒީރެއްގެ ދޭތެރޭގައި އުޅޭ މައްސަލައަކާ ހަމައަކުން ނޫން އިމްރާނަކީ ދޮގު ހަދާ މީހެއްކަން އެނގުނީއެއް. އެއަށްވުރެ މާކުރީން އެނގިއްޖެ. އެއީ މޭޑޭ މުޒާހަރާ 2015 ވަނަ އަހަރު އައިއިރު ކޮން ފަދަ ބޮޑެތި ތުހުމަތުތަކެއް ބަދުނާމުތަކެއްތޯ ކުރީ. ތިމަންނާ އަތުގައި މި ހުރީއޭ ހުރިހާ ކިތާބީ ހެކި، މި ހުރީއޭ ހުރިހާ ކިތާބީ ހެކި، އަފްރާޝީމް މަރާލީ ރައީސް ޔާމީނޭ އަދި އަފްރާޝީމް މަރާލުމާއި ދެން ހުރި މަރުތަކުގެ ކަންކަން ރައީސް ޔާމީނަށް އެނގެއޭ! މިއަދު އޭނާ އެ ހުރީ ހޯމް މިނިސްޓަރަކަށް. މިއަދު އެ އޮތީ ފުލުހުންގެ މުއައްސަސާ އޭނަގެ އަތްމަތީގައި. އޭރު ހުރި ކިތާބީ ހެކިތައް މިއަދުވެސް ހުންނަން ވާނެ. ކީއްވެގެންތޯ އަފްރާޝީމްގެ ގާތިލު ނުހޯދިގެން މި އުޅެނީ. އެހެންވީމަ އިމްރާންގެ ދޮގު ހެދުން އެއީކީއެއް އިއްޔެ މެންދުރު ކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
މޭޑޭގެ މުޒާހަރާގައި އެއްވެފައިވާ އެތައް ހާސް ރައްޔިތުންނާއި މުހާތަބުކޮށް އޭނާ ވަނީ 12 މިނެޓާއި ތިން ސިކުންތުގެ ޖޯޝުހުރި ވަރުގަދަ ތަގުރީރެއް ދެއްވާފަ އެވެ. މައިގަނޑު ގެންގުޅުއްވާފައި ވަނީ ޑރ. އަފްރާޝީމް އަލީ ގަތުލުކޮށްލި ހާދިސާގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކަމަށް ވިދާޅުވެ ދެެއްކެވި ވާހަތަކާއި އަހުމަދު ރިލްވާން އަބްދުﷲ ގެއްލުވާލި ހާދިސާގެ މައުލޫމާތު ހާމަ ކުރުމުގައި ފުލުހުން ފަސްޖެހިފައިވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކެއްގެ މައްޗަށެވެ. އެ ހުރިހާ މައުލޫމާތުތައް ފުލުހުންގެ އިދާރާގައި ހުރި ކަމަށް ވެސް ވިދާޅުވި އެވެ.
އަދި މަޖިލިސް މެންބަރު އަފްރާޝީމްގެ ގަތުލާ ގުޅިގެން ހަތް މީހަކު މަރާލާފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ. އެއަށްފަހު އޭނާގެ އަތްޕުޅުގައި އެކަމުގެ ޑޮކިއުމަންޓްތައް އެބަހުރި ކަަމަށް ވިދާޅުވެ ސިޓީ އުރައަކުން ނެންގެވި ކަރުދާސް ބޮނޑިއެއް ދެއްކެވި އެވެ. އެ ހުރިހާ ޑޮކިއުމަންޓެއް އަތްޕުޅުގައި އެބަހުރި ކަމަަށް ވިދާޅުވި އެވެ.
އެ ދުވަހު ދެއްކެވި ވާހަކަތައް ފުރޮޅާލައްވާ އިމްރާން މިހާރު ވިދާޅުވަނީ އެ ކަރުދާސްތައް އަތުލީ އެ ދުވަހު އޭނާ ހައްޔަރު ކުރަން ދިޔަ ފުލުހުންނެވެ. އަދި އެ ދުވަހު ހައްޔަރުކުރަން ދިޔައީ ކޮން ފުލުހުންނެއް ކަން އެނގިވަޑައިނުގަންނަވަ އެވެ. އަދި އެ ކަރުދާސްތައް ވީ ތަނެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"މޭޑޭ މުޒާހަރާގައި ތިޔަ ބޭފުޅުންގެ ސަރުކާރުން އަޅުގަނޑު ބަންދުކުރި. އޭރު ފުލުހުންގެ ތެރެއިން އެ ކަރުދާސްތައް ގެންދިއަ ބައެއްގެ އަތުގައި ވާންޖެހޭނެ. ދެން އަޅުގަނޑު އަނެއްކާ ވެސް ޖެހޭނީ ތަހުގީގެއް ފަށަން،" ރައްޔިތުންގެ މަޖިލީހުގައި އިމްރާން ވިދާޅުވި އެވެ.