ބޮލީވުޑް

ޑައިރެކްޓަރު ރާޖާމޯލީ ދެކެ އާލިއާ ހިތްހަމަ ނުޖެހޭ!

ސައުތު އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އެސްއެސް ރާޖާމޯލީގެ އާ ފިލްމު "އާރްއާރްއާރް" ރިލީޒް ކުރިތާ ފަސް ދުވަސް ތެރޭ ބްލޮކްބަސްޓާއަކަށް ވަނީ ވެފަ އެވެ. މިއީ ބޮލީވުޑް ބަތަލާ އާލިއާ ބަޓް ސައުތު ފިލްމު އިންޑަސްޓްރީއަށް ތައާރަފްވީ ފިލްމު ވެސް މެއެވެ. ސައުތު އިންޑިއާ ސުޕަސްޓާރުން ކަމަށްވާ ރާމް ޗަރަން އާއި ޖޫނިއާ އެންޓީއާރްގެ "އާރްއާރްއާރް" ވަނީ ރާޖާމޯލީގެ ކުރީގެ ބްލޮކްބަސްޓާ "ބަހޫބަލީ"ގެ ރެކޯޑްތައް ވެސް މުގުރާފަ އެވެ. ނަމަވެސް މިހާ ކާމިޔާބު ފިލްމެއްގައި ބައިވެރިވުމުގެ ނަސީބު ލިބުނަސް އާލިއާ ހުރީ މި ފިލްމާ މެދު ވަރަށް ހިތްހަމަނުޖެހިފައި ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

އާލިއާގެ ހުރިހާ ޝަކުވާއަކީ އޭނާއަށް ފިލްމުގައި ލިބިފައިވާ ސްކްރީން ޓައިމް މަދުވުމެވެ. މި ކަމާ ގުޅިގެން އޭނާ ސޯޝަލް މީޑީއާގައި ޝެއާކުރި ބައެއް ޕޯސްޓްތައް ފަހުން ފޮހެލާފައިވާ ކަމަށް ވެއެވެ. އަދި އިންސްޓަގްރާމްގައި ކުރިން ރާޖާމޯލީ ފޮލޯ ކުރަމުން އައި އާލިއާ ކުއްލިއަކަށް ރާޖާމޯލީ އަންފޮލޯ ކޮށްފައިވާ ކަމަށް ވެސް ބައެއް ޚަބަރުތައް ބުނެ އެވެ.

އަދި އެންމެ ކުރިން "އާރްއާރްއާރް" ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި އާލިއާ ބައިވެރިވިޔަސް ދެ ވަނަ ބުރުގެ ޕްރޮމޯޝަންގައި އޭނާ ބައިވެރި ނުވާކަން ވެސް ގިނަ ބަޔަކު ފާހަގަ ކޮށްފައި ވެއެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް އަދި އާލިއާ އެއްވެސް ކޮމެންޓެއް ނުކުރެ އެވެ. އާލިއާ ކަހަލަ ހުނަރުވެރި އަދި ކާމިޔާބު ބަތަލާއަކަށް އެކަށީގެންވާ ރަނގަޅު ރޯލެއް ނުލިބިއްޖެނަމަ ޝަކުވާ ކުރުން ހައްގު ކަމަށް އާލިއާގެ ފޭނުން ބުނެ އެވެ.