ރަޝިއާއަށް އުދުހުން އެމިރޭޓްސް ހުއްޓައި ނުލާނެ ކަމަށް އެއާލައިންގެ ރައީސް ޓިމް ކްލާކް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ވެރިން ވަކި ގޮތެއް ނިންމައިފި ނަމަ އެމިރޭޓްސް އެގޮތަށް އަމަލު ކުރާނެ ކަމަށެވެ.
ޔުކްރޭނަށް އަރައިގަނެ ރަޝިއާ ސިފައިން ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކުގައި ވަކިކޮޅެއް ނުނަގާ ގައުމެއް ދުނިޔޭގައި މަދެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް ބުނާ ގޮތުން އޮންނާނީ ވަކި ކޮޅަކަށް ނުޖެހި އެވެ. ހަނގުރާމައެއްގައި ކޮޅެއް ނެގުމަކީ އެކަމަށް ތާއީދު ކުރުން ކަމަށް ވިދާޅުވެ ޔޫއޭއީ ބުނީ ދެގައުމާ އެކު ވެސް މުއާލަމާތް ކުރާނެ ކަމަށެވެ.
އެމެރިކާ އާއި ބައިވެރިން ރަޝިއާއަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތައް ނެގެހެއްޓުމަށް މެދުއިރުމަތީ އަރަބި ގައުމުތަކުގެ ކިބައިން އެމެރިކާ އެދެ އެވެ. އެހެން ނަމަވެސް އެކަށީގެންވާ އެއްބާރުލުމެއް ނުލިބެ އެވެ.
އެމިރޭޓްސްގެ ރައީސް ވިދާޅުވި ގޮތުގައި ދައުލަތުން ބޭނުންވާހާ ހިނދެއްގައި އެއާލައިނުން އެގޮތަކަށް އިހުތިރާމް ކުރާނެ އެވެ.
ވޯލްޑް ގަވާންމެންޓް ސަމިޓްގައި ވާހަކަ ދައްކަވަމުން ކްލާކް ވިދާޅުވީ ރަޝިއާއަށް އެމިރޭޓްސް އުދުހެނީ ސަރުކާރުން ބޭނުންވާތީ ކަމަށެވެ.
ކްލާކް ވިދާޅުވި ގޮތުގައި އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެމިރޭޓްސް ދެމި އޮންނާނެ އެވެ. ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާ ސާމާނު އެމިރޭޓްސް އުފުލާނެ އެވެ. ގައުމުން ބޭރުވެވޭނެ ގޮތެއް ނެތް މީހުން ބޭނުންވާ ގައުމުތަކަށް ނުބަައްދަލު ހެޔޮ އަގުގައި އުފުލައިދޭނެ އެވެ.
އޭނާ ވިދާޅުވި ގޮތުން އެމިރޭޓްސްއަށް މިވަގު އެންމެ މުހިންމީ މަޝްރަހު ހަމައަކަށް އެޅުވުމެވެ. އަދި ބޭނުން ޖެހިފައި ތިބި މީހުންނަށް އަޅާލުމެވެ.
ކްލާކް ވިދާޅުވި ގޮތުގައި ހަނގުރާމަ ދިގު ދެމިގެން ދިއުން ވޭނަކަށް ވާނެ އެވެ. ނުޒޫފު ގަދަ ގައުމުތަކުން މަޝްވަރާ އަވަސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ އިގުތިސޯދު އިރައިގެން ދިއުމުގެ ކުރިން ވިސްނަން ޖެހިފައި އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅިގެން އެއާލައިނަށް ލިބުނު ގެއްލުން ފޫބައްދަން ލިބުނު ވަގުތުގައި ހަނގުރާމައެއް ފެށުމަކީ ހިތާމައެއް ކަމަށެވެ. އަދި ވަކި ބަޔަކަށް ދަތިކުރަން ދުޅަހެޔޮ ވިޔަފާރިތަކަށް އަމުރުކުރުމަކީ އެދެވޭ ކަމެއް ނޫން ކަމަށެވެ.