ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ތަމްރީނާއި ބާ އިމްތިހާން ފުރިހަމަ ކުރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޫން 27، 2019 ގައި ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ގާނޫނީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށް ގާނޫނީ ވަކީލުކަން ކުރުމުގެ ދާއިމީ ހުއްދަ ނުލިބޭ 500އާ ގާތްކުރާ މީހުން އެބަތިބި ކަމަށެވެ.
"މިފަރާތްތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ތަމްރީނާއި ބާ އިމްތިހާން ފުރިހަމަ ކުރުމުގައި ދިމާވެފައިވާ ދަތިތައް ކަމަށްވާއިރު އެކަމަށް އަވަސް ހައްލުތަކެއް ހޯދުމަށް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މި ޕާޓީން ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.
މިއަހަރުގެ މެއި / ޖޫންގައި ބާއްވާ ފުރަތަމަ ބާ އިމްތިހާންގައި ބައިވެރިވާ ކޮންމެ މީހެއްގެ އަތުން 10،000 ރުފިޔާ ނެގުމަށް ބާ ކައުންސިލުން ވަނީ ނިންމާފަ އެވެ.
އެ މައްސަލައިގައި އެމްއެންޕީން ބުނީ ގާނޫނީ ވަކީލުކަން ކިޔަވާ ގިނަ ދަރިވަރުންނަކީ މިހާރު ވެސް ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގައި ކިޔަވާ ދަރިވަރުން ކަމަށްވާތީ އެއް ފަހަރާ އެވަރުގެ ބޮޑު އަދަދެއް ދެއްކުމަކީ ދަރިވަރުންނަށް އުދަނގޫ ކަމެއް ކަމަށެވެ. އެހެންވެ ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ތެރޭގައި ބާ އިމްތިހާންގެ ފީ ހިމަނައިދިނުމަށް އެމްއެންޕީން ސަރުކާރަށް ގޮވާލާފައިވެ އެވެ.
ބާ ކައުންސިލަކީ ގާނޫނީ ވަކީލުންގެ މަސައްކަތްތައް ރެގިއުލޭޓް ކުރާ އިދާރާ ކަމަށްވާތީ އެ ކައުންސިލްގެ ޒިންމާތައް އަދާކުރުމަށް ބޭނުންވާ ބަޖެޓް ސަރުކާރުން ހަމަޖައްސައިދިނުމަށް ވެސް ގޮވާލާފައިވެ އެވެ.
އެމްއެންޕީން އިތުރަށް ބުނީ ގާނޫނީ ދާއިރާ އިން ކިޔެވުމަށްފަހު ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި ބާ އިމްތިހާން ފުރިހަމަކުރުމަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަށީގެންވާ ހައްލެއް ހޯދުމުގެ މަސައްކަތް އެ ޕާޓީން ކުރަމުންދާ ކަމަށެވެެ.
"މީގެއިތުރުން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައިވާ ކަންކަން ތަންފީޒުކުރުމުގައި ހަމަހަމަކަން ނެތް ކަމުގެ ޝަކުވާ ގިނަ ފަރާތްތަކަކުން ކުރަމުންދާއިރު މިކަމަށް ހައްލެއް ހޯދުމަށްޓަކައި މި ގާނޫނަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް އެމްއެންޕީން ދެކެ އެވެ." އެމްއެންޕީގެ ބަޔާންގައިވެ އެވެ.