ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި 19 ބިދޭސީންގެ މައްސަލައާއި ގުޅޭގޮތުން ވަކީލުންތަކެއް ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަމުންދާ ކަމަށް ބުނެ އެ ވަކީލުންގެ މައްސަލަ ބާ ކައުންސިލަށް ހުށައަޅަން ފުލުހުން ނިންމައިފި އެވެ.
ބޮޑުފިނޮޅުގައި ތިބި ދިވެހިން ރަހީނުކޮށް، އެ ރަށުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދިނުމާއި ގުޅިގެން އެކަމުގައި އިސްކޮށް އުޅުނު 19 ބިދޭސީއަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބޮޑުފިނޮޅުގެ މަސައްކަތަށް ރިޒް ކުންފުނިން އެ ރަށައް ގެންދިޔަ 198 ބިދޭސީން، ޖުލައި މަހުގެ ދެ ވަނަ ދުވަހު އެ ރަށުގައި ހިންގި ހަމަނުޖެހުންތަކުގައި ދިވެހިންގެ ބަޔަކު ރަހީނުކޮށް، އެ ރަށައްދިޔަ ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާއި ގުޅިގެން 19 މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ.
"މި މައްސަލާގައި ހައްޔަރުކުރެވުނު މީހުންނަށް އައްޔަންވި ބައެއް ވަކީލުން، 19 ބިދޭސީންގެ ނަމުގައި އެ 19 ބިދޭސީންގެ ވަކީލުން ކަމުގައި ބުނެ ސޯޝަލް މީޑިއާއާއި މީޑިއާގެ އެހެން ވަސީލަތްތައް ބޭނުންކޮށްގެން މި މައްސަލައިގެ ތަހުގީގާއި ފުލުހުންގެ މުއައްސަސާއާއި ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅުވައިގެން ހަގީގަތާއި ހިލާފު ދޮގު މައުލޫމާތު ފަތުރާ ފުލުހުންގެ މަސައްްކަތާއިމެދު ނުބައި ތަސައްވުރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި،"
ފުލުހުން ބުނީ 19 ބިދޭސީންގެ ތެރެއިން ފަސް މީހަކަށް ދައުލަތުން ވަކީލުން ހަމަޖައްސާ އިތުރު ފަސް މީހަކަށް ޓްރާސްޕޭރަންސީން ވަކީލުން ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން ވާހަކަ ދައްކަމުންދާ ވަކީލުން ނޫސްބަޔާންތަކާއި މައުލޫމާތުތައް އާންމު ކުރަމުންދަނީ ވަކީލަކު ހަމަޖެހިފައިވާ 10 މީހުންގެ ވަކީލުންނަށް އެނގުމެއްނެތިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ހައްޔަރުކޮށްފައިވާ 19 ބިދޭސީންގެ ނަމުގައި ވަކިވަކި ވަކީލުން ނޫސްބަޔާންތައް ނެރެ، ޓީވީ ޕްރަގްރާމްތަކަށާއި ސޯޝަލް މީޑިއާއަށް މައުލޫމާތު އާންމު ކުރަމުންދަނީ ޓްރާސްޕޭރަންސީން އައްޔަންވެފައިވާ ވަކީލުންނަށްވެސް އެނގުމެއްނެތި ކަމަށެވެ.
"ބޮޑުފިނޮޅުން ހައްޔަރުކުރި 19 ބިދޭސީންގެ ގާނޫނީ ވަކީލުންގެ ނަމުގައި ވަކީލުންތަކެއްގެ ފަރާތުން ތަހުގީގަށް ގަސްތުގައި ހުރަސްއަޅައި ވަކި ބަަޔަކަށް މަންފާ ހޯދާދިނުމަށް އުޅޭ ކަމަށް ބެލެވޭ ގޮތަށް މައްސަަލައާއި ގުޅިގެން ބަންދުގައި ތިބި މީހުންނަށް ނޭންގޭ އެތައް ކަމެއް އެމީހުން ލައްވާ ތަހުގީގު ރެކޯޑްތެރޭގައި ބުނުވަން އުޅުމާއި އެމީހުންނަށް ލިބެންޖެހޭ މުސާރައާއި ބޮޑުފިނޮޅަށް ގެންދިޔަ ކުންފުނީގެ ވާހަކަ ނުދެއްކުމަށް ބުނެ ބަންދުގައި ތިބި މީހުންނަށް މަޖުބޫރު ކުރުވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައި،"
މީގެ އިތުުރުން ބޮޑުފިނޮޅުގައި ހނގާދިޔަ ހަމަނުޖެހުމުގެ ކަންކަން އޮޅޭގޮތަށް މީޑިއާގައި ވާހަކަ ދައްކާ، ވަކީލުން ބޭނުންވާ ގޮތަށް ތަހުގީގަށް ހުރަސްއެޅޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށްވެެސް ފުލުހުން ވަނީ ބުނެފައެވެ.
"ބޮޑުފިނޮޅުގައި ހިނގާދިޔަ ހާދިސާގައި ހަމަނުޖެހުން ހިންގި ފަރާތުން އެކިވަރުގެ އަނިޔާދިން ފުލުހުންނަށް ލިބިފައިވާ އަނިޔާއަކީ އެ ހާދިސާ ހިނގި ދުވަހު ފުލުހުން ބިރުން ދުވަން ފެށުމުގެ ތެރޭގައި އެތަނުގައި ހުރި ހޮޅިތަކުގައި ޖެހިގެންނާއި މޫދަށް އަދި އެނޫން ތަންތަނަށް ވެއްޓިގެން ލިބުނު އަނިޔާތަކެއް ކަމަށް، މަލާމާތުގެ ރާގެއްގައި ބަޔާންކޮށް ޖިނާއީ ތަހުގީގުތަކުގައި ބައިވެރިވާ ވަކީލުން އާންމުކޮށް އަމަލުކުރާ ޕްރޮފެޝަނަލް މިންގަނޑުތަކާއި ހިލާފަށް ތަކުރާރުކޮށް އަމަލުކުރަމުންދާކަން ފާހަގަކުރެވިފައިވޭ،" ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ އެ ބިދޭސީންގެ ނަމުގައި ވާހަކަ ދައްކަމުން އަންނަ ވަކީލުންގެ ފަރާތުން ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލުން ކޮށްގެން ނުވާނެ ކަމަށް ކަނޑައަޅާފައިވާ އެތައް ސުލޫކީ މައްސަލަތަކެެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
"..މި ވަކީލުންގެ ފަރާތުން ފުލުހުންގެ މަސައްކަތަށް ދަތިކޮށް، ހަގީގަތާއި ހިލާފު ވާހަކަ ފަތުރައި ފުލުހުންގެ ތަސައްވުރު ކިލަނބުކުރުމަށް މަސައްކަތް ކުރަމުން އައިސްފައިވާތީ ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އެ ވަކީލުން ކޮށްފައިވާ ކަންކަން މި ސާވިސްއިން މޯލްޑިވްސް ބާ ކައުންސިލަށް ހުށައަޅަން މިހާރު ނިންމާފައިވާ ކަމުގައިވެސް ދަންނަވަން،" ފުލުހުންގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.