ސްޓެލްކޯ އިން ހިދުމަތް ދިނުމަށް ބޭނުންކުރާ ސިސްޓަމަށް ދިން ރެންސަމްވެއާ ހަމަލާ ދިން ބަޔަކު ހޯދައި އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ސްޓެލްކޯގެ ސިސްޓަމަށް ރެންސަމްވެއާ ހަމަލާ ދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހަމަލާއާއި ގުޅިގެން އެ ކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި އަދި ކައުންޓަރުތަކުން ދެމުން ދިޔަ ހުރިހާ ހިދުމަތެއް ބުރާސްފަތި ދުވަހުން ފެށިގެން މެދުކެނޑުނެވެ. ނަމަވެސް މެދުކެނޑުނު ހިދުމަތްތައް އަލުން ފެށުމަށް ކުރަމުން ދިޔަ މަސައްކަތްތަކުގެ ދަށުން ސްޓެލްކޯގެ ހެޑް އޮފީހުން ފޯރުކޮށްދޭ ހިދުމަތަށް އެދި ފޯމް ހުށަހެޅުމާއި، ބިލް ދެއްކުމުގެ ހިދުމަތް ދޭން ވަނީ ފަށާފަ އެވެ.
ސްޓެލްކޯ އިން ބުނީ ހަމަލާގެ ސަބަބުން އެ ކުންފުނީގެ އައިޓީ ނެޓްވޯކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކުންފުނީގެ ހިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ ހިތަމާކުރާ ކަމެއް ކަމަށެވެ. ހަމަލާގެ ސަބަބުން ދިމާވި މައްސަލަތައް އަދިވެސް އެއްކޮށް ރަނގަޅުކުރެވިފައި ނުވާ ކަމަށާއި މެދުކެނޑިފައިވާ އެންމެހާ ހިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯ އިން މިރޭ މައުލޫމާތު ދީފައިވެ އެވެ.
"އަދި މި މައްސަލަތައް ވީހާވެސް އަވަހަށް ހައްލުކުރުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި މަޝްވަރާކުރެވި، އެފަރާތްތަކުގެ ލަފާއާއި އެހީތެރިކަމާއިއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދެ އެވެ. އަދި މި މައްސަލަ ބަލާ ތަހުގީގުކޮށް ދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް ހުށަހަޅާފައިވާ ކަންވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ." ސްޓެލްކޯ އިން މިރޭ މީޑިއާ ތަކަށް ފޮނުވި ބަޔާނުގައިވެ އެވެ.
ސްޓެލްކޯ އިން ބުނީ މައްސަލަ ހައްލުކޮށް، ދެމުންގެންދާ ހިދުމަތް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ. އަދި އެފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށްވެސް ބުނެފައިވެ އެވެ.
"މި ހަމަލާގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެމެވެ. އަދި މި ދަނޑިވަޅުގައި ދައުލަތުގެ އެކި މުއައްސަސާތަކުންނާއި ތިޔަ ލޮބުވެތި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ." ސްޓެލްކޯ އިން ބުނެފައިވެ އެވެ.