އިންޑިޔާގައި އުމުރުން ދުވަސްވީ މީހަކު އެ ގައުމުގެ ބެންކެއްގެ ލޮކަރު ރޫމުގައި އެއް ރޭ ހޭދަކޮށްފި އެވެ. މިދިޔަ އަންގާރަ ދުވަހު ހިނގި މި ހާދިސާގައި ބެންކު ތެރޭ ތަޅުލެވި ނުނުކުމެވިފައި ހުރީ 84 އަހަރުގެ ފިރިހެނެކެވެ.
އެމީހާ ބެންކުގައިވާ އޭނާގެ ލޮކަރުން އެއްޗެއް ނަގަންވެގެން ބެންކަށް ވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އޭރު ބެންކް ބަންދު ކުރަން ހުރީ ކުޑަ ވަގުތުކޮޅެކެވެ. އެ މީހާ ބެންކަށް ވަން ތަނެއް ބޭރުގައި ހުރި ގާޑަކަށް ނުފެނެ އެވެ. އަދި ބެންކުގައި ތިބި މުވައްޒަފުންނަކަށް ވެސް އެމީހާ ބެންކަށް ވަން ކަމެއް ނޭނގެ އެވެ. އެހެންވެ ބެންކު ބަންދުކުރާ ގަޑި ޖެހުމުން ލޮކަރު ރޫމް އާއި ބެންކް ބަންދުކޮށްފައި އެންމެން ގެޔަށް ދިޔައީ އެވެ. ބެންކް ތެރޭގައި މީހަކު ހުރެދާނެ ކަމަށް ވިސްނައި އެމީހުން ލޮކަރު ރޫމާއި އެނޫން ވެސް ތަންތަން ޗެކެއް ނުކުރެ އެވެ.
ދުވަސްވީ މީހާ އިރުއޮއްސުނުއިރު ވެސް ގެޔަށް ނުގޮސްގެން އޭނާގެ އާއިލާއިން ވަރަށް ކަންބޮޑުވެ އޭނާ ހޯދަން ފެށި އެވެ. މި މީހާއަކީ ހަކުރު މައްޗަށްދާ މީހަކަށް ވާތީ އާއެކު ނުފެނި މާ ލަސްވާން ފެށުމުން އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހެޅި އެވެ.
ފުލުހުން މި މީހާ ހޯދުމުގެ މަސައްކަތް ފަށައި އެ ހިސާބުގަނޑުގެ ސީސީޓީވީ ކެމެރާތަކުގައި ރައްކާކުރެވިފައިވާ ފުޓޭޖް ބަލަން ފެށި އެވެ. އެ މީހާ ގެއިން ނުކުމެގެން ގޮސް ވަނީ ބެންކަށް ކަން އެނގުނީ މި ފުޓޭޖުންނެވެ.
އަނެއް ދުވަހު ހެނދުނު ފުލުހުންގެ ޓީމެއް އެ ބެންކަށް ގޮސް ލޮކަރު ރޫމް ހުޅުވަން އެދުމުން އެ ތަން ހުޅުވިއިރު އެމީހާ އޮތީ ޚަބަރުހުސް ވެގެން ތަޅުންގަނޑު މައްޗަށް ވެއްޓިފަ އެވެ.
ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުމުން އެމީހާގެ ހާލު އިތުރަށް ގޯސް ނުވާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.
އެމީހާ ބެންކަށް ދިޔައީ މޮބައިލް ފޯނު ގޭގައި ބާއްވާފަ އެވެ. އޭނާއަށް އެއްވެސް މީހަކާ ގުޅޭގޮތް ނުވީ އެހެންވެ އެވެ.
ފުލުހުން ބުނި ގޮތުގައި ބެންކް ތަޅުލުމުގެ ޒިންމާ ހަވާލުވެފައިވާ މުވައްޒަފުގެ އިހުމާލުން ދިމާވި މައްސަލައަކަށް ވާތީ މިކަން ތަހުގީގުކޮށް އެމީހާ ކުށްވެރިވާނަމަ އެކަށީގެންވާ އަދަބު ދޭނެ ކަމަށެވެ.