ބޮލީވުޑް

ކައިވެނިގެ ދައުވަތު ކާޑު އަދި ޗާޕު ނުކުރަން: ރަންބީރު

އާލިއާ ބަޓް އާ ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމުގެ ޔަގީންކަން ރަންބީރު ކަޕޫރު ދީފި އެވެ. ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަޖަހާ ތަރިންގެ ތެރޭގައި ހިމެނޭ މި ދެ އެކްޓަރުން ރައްޓެހިވެގެން އުޅޭތާ ފަސް ވަރަކަށް އަހަރު ވެއްޖެ އެވެ. އަދި ދޭތެރެ ދޭތެރެއިން މި ދެ ތަރިންގެ ކައިވެނީގެ ޚަބަރުތައް އިންޑިއާގެ މީޑިއާތަކުން ފަތުރަ އެވެ.

ނަމަވެސް މިފަހަރު މިއީ ތޯތޯ ވާހަކައެއް ނޫނެވެ. ރަންބީރު މިވަނީ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް އެއްބަސްވެފަ އެވެ.

ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރުގެ އެންމެ ފަހު ފިލްމު "ޝަރްމާޖީ ނަމްކީން" ޕްރޮމޯޓް ކުރުމުގެ ގޮތުން ފިލްމް ކޮމްޕޭނިއަން ކިޔާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ރަންބީރު ބުނީ ކައިވެނި ކުރާނެ ދުވަހެއް އަދި ކަނޑައަޅާ ބުނަން ނޭނގޭ ކަމަށެވެ.

"އަހަރެމެން އަދި ތާރީހެއް ކަނޑައެއް ނާޅަން. ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަން އެއީ ޔަގީންކަމެއް. އަދި ކައިވެނީގެ ދައުވަތު ކާޑު ޕްރިންޓެއް ނުކުރަން. ނަމަވެސް އެކަންވެސް ޔަގީނުން ވެސް ކުރާނަން،" ރަންބީރު ބުންޏެވެ.

ރަންބީރު އާއި އާލިއާ ބައްދަލުވީ އެ ދެ މީހުން އެކުގައި ކުޅުނު "ބްރަހްމަޝްތުރަ" ގެ ސެޓުން މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ. އޭރުއްސުރެ އުފެއްދުމުގެ މަސައްކަތް ކުރަމުންދާ މި ފިލްމުގެ ޝޫޓިން ނިމި މިހާރު ކުރަމުންދަނީ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތެވެ.

އާލިއާ އާއި ރަންބީރު މިއަހަރުގެ އެޕްރީލްގައި ކައިވެނި ކުރަން އުޅޭކަމަށް ދާދިފަހުން އިންޑިޔާގެ ބައެއް ނޫސްތަކުން ޚަބަރު ފަތުރާފައި ވެއެވެ. މި ވާހަކައަށް އާލިއާގެ ބައްޕަ މަހޭޝް ބަޓް ކޮމެންޓު ކޮށްފައި ވެއެވެ. އޭނާ ބުނެފައި ވަނީ މިއީ ތޯތޯ ވާހަކަތަކެއް ކަމަށެވެ.

ރަންބީރުގެ ބޮޑުދައިތަ ރީމާ ޖައިން ވެސް މި ޚަބަރާ ގުޅޭ ގޮތުން އިންޓަވިއު ދީފައި ވެއެވެ. އޭނާ ބުނި ގޮތުގައި ރަންބީރު އާއި އާލިއާގެ ކައިވެނި ކުރަން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ވަކި ދުވަހެއް އަދި ކަނޑައެއް ނާޅަ އެވެ.

އާލިއާގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ބުނެފައި ވަނީ ކައިވެންޏާ ބެހޭ ގޮތުން އޭނާ އެހާ ބޮޑަށް ނުވިސްނާ ކަމަށެވެ.

"ރަންބީރު އާ ކައިވެނި ކޮށްގެން އުޅޭ ކަމަށް އަހަރެންގެ ސިކުނޑި ވަނީ ގަބޫލުކޮށްފަ. ހަގީގަތުގައި ވެސް ރަންބީރު އާ ކައިވެނި ކޮށްގެން އުޅޭކަމަށް އަހަރެންނަށް ގަބޫލުކުރެވިފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ،" އާލިއާ ބުނެފައި ވެއެވެ.