ބޮލީވުޑް

ސަނީ ކޯޝަލްގެ ތައުރީފު ކެޓުރީނާ ފަހަރި އަށް

ވިކީ ކޯޝަލްގެ އަންހެނުން ކެޓުރީނާ ކައިފަށް އޭނާގެ ކޮއްކޮ ސަނީ ކޯޝަލް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ. އެކްޓަރެއްގެ ގޮތުގައި ބޮލިވުޑް ފިލްމުތަކުގައި މިހާރު މަސައްކަތް ފަށާފައިވާ ސަނީ ބުނި ގޮތުގައި ކެޓުރީނާ ވަނީ އެ އާއިލާއަށް ޕޮޒިޓިވް އެނާޖީ ގެނެސްދީފަ އެވެ.

ނުސްރަތު ބަރޫޗާ އާއެކު ސަނީ ކުޅެފައިވާ އާ ފިލްމު "ހަރްދަންގް" ރިލީޒް ކުރަން ތައްޔާރުވެފައިވާތީ އެ ފިލްމު ޕްރޮމޯޓް ކުރުމުގެ ގޮތުން އީޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ސަނީ ވަނީ އޭނާގެ ބާބީ (ފަހަރި) އާއި އޮންނަ ގުޅުމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ.

ސަނީ ބުނި ގޮތުގައި އޭނާގެ ފަހަރިއަކީ ވަރަށް ކޫލް އެހާމެ ރަނގަޅު މީހެކެވެ. އަދި ކަންކަމާ ވަރަށް ޕޮޒިޓިވްކޮށް ވިސްނާ މީހެކެވެ.

"އާއިލާއަށް މެމްބަރަކު އިތުރު ވުމަކީ ވަރަށް އުފާވެރި އިހްސާސެއް ކުރެވޭ ކަމެއް. ފަހަރި (ކެޓުރީނާ) އަކީ ވަރަށް ހިތް ތިރި ރަނގަޅު މީހެއް. ކެޓުރީނާގެ ރަނގަޅުކަން މިހާރު އެހާ ބޮޑަށް ފާހަގަ ކުރެވެނީ ކުރިން އެއްގޮތަކަށް ވެސް އޭނާ ނުދަންނާތީ،" ސަނީ ބުންޏެވެ.

"ހަރްދަންގް" ގައި ސަނީ އާއެކު ލީޑް ރޯލު ކުޅޭ ނުސްރަތު ވެސް ވަނީ ކެޓުރީނާ އަށް ވަރަށް ތައުރީފުކޮށްފަ އެވެ. ނުސްރަތު ބުނި ގޮތުގައި އޭނާ އަލަށް ފިލްމު އިންޑަސްޓްރީއާ ގުޅުނު ދުވަސްވަރު ބައެއް ޕާޓީތަކާއި އިވެންޓްތަކަށް ދައުވަތު ލިބެ އެވެ. ނަމަވެސް އެ ތަންތަނަށް ދާން ވަރަށް ފަސްޖެހެ އެވެ. ފިލްމު އިންޑަސްޓްރީގައި އެކުވެރިން ނެތީމަ އެވެ.

"އަހަރެން އެއް ފަހަރު ދިޔަ ޕާޓީއެއްގައި ކެޓުރީނާ ވެސް ހުރި. އަހަރެން ވަރަށް އާވެ ހަދާނެ ގޮތް ނޭނގިފައި ހުއްޓާ ކެޓުރީނާ އަށް ވަރަށް ދުރުން އަހަރެން ފެނުނިގެން ގޮވައި ގެންގޮސް ކައިރީގައި ބައިންދައިގެން ވާހަކަ ދައްކާ ހެދި. އޭނާއަކީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެއް،" ނުސްރަތު ބުންޏެވެ.

ސަނީ ނޫނަސް ވިކީގެ މައިންބަފައިންނާއި ކެޓުރީނާގެ ގުޅުން ވެސް ވަރަށް ރަނގަޅުކަން އެމީހުން ސޯޝަލް މީޑިއާގައި ޝެއާކުރާ ޕޯސްޓްތަކުން ޔަގީން ކުރެވެ އެވެ. އެގޮތުން ވިކީގެ ބައްޕަ އާއެކު ކެޓުރީނާ ނަށާ ވީޑިއޯ އެއް ވަރަށް ފަހުން އާއްމުވެފައި ވެއެވެ. އަދި ވިކީގެ މަންމަގެ އުނގުގައި އިށީނދެގެން ކެޓުރީނާ އިންދާ ނަގާފައިވާ ފޮޓޮއެއް ވެސް ވަރަށް ފަހުން ވައިރަލް ވެފައި ވެއެވެ.