މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގައި ހަ ގަޑިއިރުން ކުރި މަސައްކަތް 15 މިނެޓަށް

Mar 31, 2022

މާލޭގައި އެމްޕީއެލް އިން ހިންގާ މައި ވިޔަފާރި ބަނދަރުގައި މުދާ ކްލިއާ ކުރުން ވަރަށް ބޮޑަށް އަވަސް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި "ޕޯޓް ޑިޖިޓަލް" ގެ ނަމުގައި ޑިޖިޓަލައިޒޭޝަން ޕްރޮގްރާމެއް ފަށައިފި އެވެ.

އެމްޕީއެލްއާއި ކަސްޓަމްސްއާއި ރާއްޖޭގެ ޝިޕިންލައިންތަކާއި މުދާ ކުލިއާ ކުރުމުގެ ހިދުމަތްދޭ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ޕޯޓް ޑިޖިޓަލް ހިދުމަތް ރޭ ފައްޓަވައި ދެއްވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނެވެ.

މާލޭގެ މައި ބަނދަރަށް ބާލާ މުދާ ކްލިއާ ކުރުމަށް އެކި ތަންތަނުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކްލިއާ ކުރުމަށް އެވްރެޖުކޮށް މިހާރު ހަ ގަޑިއިރު ހޭދަވެ އެވެ. އެކަމަކު ރޭ ފެށި ޕޯޓް ޑިޖިޓަލް ހިދުމަތާއެކު ކަމާ ގުޅޭ ހުއްދަތައް ނެގުން އޮންލައިން ކުރެވި ކުރިން ހުއްދަތައް ހޯދަން ހޭދަވި ހަ ގަޑިއިރުގެ ވަގުތު 15 މިނެޓަށް ކުރުވެގެންދެ އެވެ.

އެމްޕީއެލްއާއެކު މަސައްކަތް ކުރާ ކަމާ ގުޅޭ އިދާރާތަކުގެ ލަފައާއި މަޝްވަރާގެ ތެރެއިން ކުރިއަށް ގެންދާ ޑިޖިޓަލް ހިދުމަތާ އެކު އެމްޕީއެލްގެ އަމާޒަކީ 2023 ވަނަ އަހަރު އެ ކުންފުންޏަކީ 99 ޕަސެންޓް ޕޭޕާ ލެސް ކުންފުންޏަކަށް ހެދުމެވެ.

ކްރޮސްރޯޑްސްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލްގެ ހިދުމަތްތައް އޮންލައިން ކުރަން ފެށީ ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުން ގޭގައި ބައިތިއްބައިގެން މަސައްކަތް ކުރަން ޖެހުމުން ކަމަށެވެ. އެ ދުވަސްވަރު ހިދުމަތްތަކަށް ލަސްކަމެއް ކުރިމަތި ނުވެ އަދި އުދަނގޫތަކެއް ވެސް ކުރިމަތި ނުވެ ހިދުމަތް ދީފައިވާތީ އާންމު ހާލަތުގައި ވެސް އޭރު ދެމުންދިޔަ ހިދުމަތްތައް އިތުރަށް ފުޅާކޮށްގެން މިއަދުވެސް އެގޮތަށް ހިދުމަތް ދެމުންދާ ކަމަށް ވިދާޅުވި އެވެ.

"އޭރު ގެނައި ބަދަލުތަކާ އެކު ޕޯޓުގެ މަސައްކަތްތަކަށް ލިބިގެން ދިޔަ ފަސޭހަތަކާ އެކު ކޮވިޑުގެ ހާލަތުން ލުއިތައް ލިބުމުން ވެސް އަޅުގަނޑުމެން ބޭނުންވީ އޭރު ކުރެވުނު މަސައްކަތް އިތުރަށް އެކްސްޓެންޑް ކުރަން،" ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލްގެ މިހާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ވޯލްޑު ބޭންކުން ނެރޭ އީޒް އޮފް ޑުއިން ބިޒްނަސް ނުވަތަ ވިޔަފާރި ކުރަން ފަސޭހަ ގައުމުތަކުގެ ގަދަ 20ގެ ތެރޭގައި ރާއްޖެ ހިމެނުމެވެ. އެ ލިސްޓްގައި ރާއްޖެ މިވަގުތު ހިމަނާފައިވަނީ 147 ވަނައިގަ އެވެ.

ލިސްޓްގެ ވަރަށް ފަހަތުގައި މިވަގުތު ރާއްޖެ އޮތީ ވޯލްޑް ބޭންކުން ބޭނުންވާ ޑޮކިއުމެންޓޭޝަން މަރުހަލާ ޑިޖިޓަލް ކުރެވިފައި ނުވާތީ ކަމަށް އެމްޕީއެލް އިން ބުނެ އެވެ. ނަމަވެސް އެ ކުންފުނީގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާ އެކު ވޯލްޑް ބޭންކުގެ ލިސްޓް ދެން އަޕްޑޭޓް ކުރާއިރު ގަދަ 20ގައި ރާއްޖެ ހިމެނޭނެ ކަމަށް އެމްޕީއެލް އިން ލަފާކުރެ އެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ އެމްޕީއެލް އިން ކުރިއަށް ގެންދާ ޑިޖިޓަލް ޕްރޮގްރާމާ ގުޅިގެން ކަސްޓަމްސް އޮފިސަރުންގެ މަސައްކަތްތަކަށް ވެސް ފަސޭހަތަކެއް ލިބި ހިދުމަތް ހޯދާ ބްރޯކަރުންގެ ވަގުތު ވެސް ސަލާމަތް ވާނެ ކަމަށެވެ. އަދި ރޯދަ މަހާ ދިމާކޮށް މިފަދަ ހިދުމަތެއް ފެށުމަކީ މުދާ ކްލިއާ ކުރުން އަވަސްވެ އިތުރު މުދާ ގެންނަން ބާރަކަށް ވާނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޕީއެލްގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެ ކުންފުނިން ވަނީ "ބަނދަރު" ޕްލެޓްފޯމާއި "އީ ގޭޓް ޕާސް" ތައާރަފްކޮށްފަ އެވެ. މުދާ ކްލިއާ ކުރުމާ ގުޅޭ ލިޔުންތައް ހުށަހަޅައި އޮންލައިންކޮށް ހުއްދަތައް ނެގުމަށް އީ ގޭޓް ޕާސް ބޭނުންކުރާއިރު ޕޯޓުން ދޭ އާންމު ގިނަ ހިދުމަތްތައް އޮންލައިންކޮށް ދެނީ "ބަނދަރު" ޕްލެޓްފޯމް މެދުވެރިކޮށެވެ. ރޭގެ ރަސްމިއްޔާތުގައި އެމްޕީއެލް އިން ވަނީ "ބަނދަރު 2" ޕްލެޓްފޯމް ވެސް ދައްކާލާފަ އެވެ.