ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އިން ދިފާއުވުމަށް 18 ހެކި ހުށަހަޅައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތީ މި މައްސަލައިގައި ދައުވާ ލިބޭ ދެ ފަރާތުން ދިފާއީ ހެކި ހާމަކުރުމަށް ބޭއްވި އިބްތިދާއީ އަޑުއެހުމެކެވެ. އެގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ދިފާއީ 18 ހެކި ހުށަހަޅުއްވާފަ އެވެ. މި ހެކިތަކުގެ ތެރޭގައި ޝަފަހީ ހަތް ހެކިންނާއި ކިތާބީ 11 ހެކި ހިމެނެ އެވެ. ޝަރީއަތުގެ ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ހެކިތަކުގެ ތަފްސީލް ވިދާޅުވެދެއްވާފައެއް ނުވެ އެވެ.
މި މައްސަލައިގައި ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލައިފައި ވާ ދައުވާ އިން ދިފާއުވުމަށް 13 ހެކި ވަނީ ހުށަހަޅައިފަ އެވެ. އެއީ ޝަފަހީ ތިން ހެއްކާއި ކިތާބީ 10 ހެއްކެވެ.
ދައުލަތުން ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ކިތާބީ ހެއްކަކާ ގުޅޭ ގޮތުން ސުވާލު އުފައްދައިފަ އެވެ. އެގޮތުން ޑޮލަރު ވިއްކި ކަމުގެ ލިޔުމެއް ހެކީގެ ގޮތުގައި ހުށަހަޅާފައިވާއިރު، އެ މުއާމަލާތް ހިނގާފައިވާ ވަކި ތާރީހެއް ނެތް ކަމަށް ޕަބްލިކް ޕްރޮސެކިއުޓާ ހައްވާ ނާހީ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ޔާމީންގެ ދިފާއީ ވަކީލް އާދަމް ޝަމީމް ވިދާޅުވީ، އެއީ މި މައްސަލައާއި ގުޅުންހުރި މުއާމަލާތެއް ކަމަށާއި، އޭގައި ތާރީހެއް ނެތެގެން ސައްހަ ނުވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ދެން އޮތީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެތޯ ގޮތެއް ކަނޑައެޅުން ކަމަށްވާއިރު، ހެކިތަކާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ވަކިން އަޑުއެހުމެއް ބާއްވައިދިނުމަށް ވެސް ޝަމީމް ވަނީ އެދިވަޑައިގެންފަ އެވެ.
އެހެންކަމުން އަންނަ މަހުގެ 11 ވަނަ ދުވަހަށް ގާޒީ އަހުމަދު ޝަކީލް ވަނީ އަޑުއެހުމެއް ތާވަލްކޮށްފަ އެެވެ. އެދުވަހުގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 10:30 ގައެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ހެކި ހާމަކޮށްފަ އެވެ. އެކަމަކު އޭގެ ތަފްސީލުތަކެއް ހާމަކޮށްފައެއް ނުވެ އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.