ރައީސް ޔާމީންގެ ޝަރީއަތް

"ރައްކާތެރިކަން އޮތީ ޝަރީއަތް ލައިވް ކޮށްގެން"

މައްސަލަ ކުރިޔަށް ދާއިރު ރައްކާތެރިކަން ބޮޑީ ޝަރީއަތުގެ އަޑުއެހުންތައް ލައިވް ކޮށްގެން ޝަރީއަތް ކުރިއަށް ގެންދިއުމުން ކަމަށް ހިޔާނާތުގެ ދައުވާތަކެއް ރައްދުވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

ދިފާއީ ހެކި ހާމަ ކުރަން އޮތް މަޖިލީސް ފެށުމުގެ ކުރިން ރައީސް ޔާމީންގެ ދިފާއީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވެސް ސުވާލުތައް އެއްސެވީ މައްސަލަ ލައިވް ކުރުމާ ގުޅޭ ގޮތުންނެވެ. މީގެ ކުރީގެ މަޖިލީހުގައި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިމި ޝަރީއަތުގެ މަރުހަލާ ފެށޭއިރު ލައިވް ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސޭތޯ ބައްލަވާނެ ކަމަށް އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން މިއަދު ވަނީ އެކަން އޮތީ ކިހާ ހިސާބެއްގައިތޯ ސުވާލު ކުރައްވައިފަ އެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް ރައްކާތެރިކަން އޮތީ ލައިވް ކޮށްގެން މައްސަލަ ކުރިއަށް ގެންދިއުމުން ކަމަށެވެ.

އިސް ގާޒީ މިއަދު ވެސް ވިދާޅުވެފައި ވަނީ އެ އިންތިޒާމްތައް ހަމަނުޖެއްސޭ ކަމަށެވެ. އަދި އުންމީދު ކުރައްވަނީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭ ނަމަ، ޝަރީއަތުގެ އަޑުއެހުންތައް ފެށޭއިރު ލައިވް ކުރެވިގެންދާނެ ކަމަށެވެ. މި މައްސަލައަކީ ހުޅުވާލައިގެން ކުރިއަށް ގެންދާ މައްސަލައެއް ކަމަށާއި ނޫސްވެރިން ވެސް ބައިވެރިވާ ކަމަށް އިސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

"މި މައްސަލައަކީ ހުޅުވާލެވިފައިވާ މައްސަލައެއް. ނޫސްވެރިން ވެސް އެބަ ބައިވެރިވޭ. މައްސަލަ ކުރިއަށް ދާ ގޮތާމެދު ނޫސްވެރިން ފާޑު ކިޔުމަކީ މައްސަލައަށް ނުފޫޒު ފޯރުވިދާނެ ކަމެއް ކަމަށް ބެލެވޭ. އެހެންކަމުން މައްސަލައިގެ ސްޕީޑާ މެދު ތިން ވަނަ ފަރާތަކުން ފާޑު ކިޔޭނެ ކަމަކަށް ޝަރީއަތަކަށް ނުފެނޭ،" އިސް ގާޒީ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ޔާމީންގެ ފަރާތްޕުޅުން ވަނީ މައްސަލަ ލައިވް ކޮށްދޭން އެދިވަޑައިގެންފަ އެވެ. އެކަމަކު އިސް ގާޒީ ވިދާޅުވެފައި ވަނީ ކޯޓުގައި މިވަގުތު އެ ވަސީލަތްތައް ނެތް ކަމަށެވެ. އެގޮތުން އިންސާނީ ވަސީލަތް ވެސް މިވަގުތު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.