( 29 މާރިޗް 2022 އާ ގުޅޭ )
"އެހެންވީމަ އަހަންނަށް ހީވީ ހަމަ ރަނގަޅަށްތާ." ހޫރައިންގެ ކުރިމަތީ ހުރި ޒުވާނާ ބުންޏެވެ. ދެ ލޯ ބޮޑުކޮށްގެން ހޫރައިންއަށް ބަލަން އިނދެވުނީ ބިރުގެންފައެވެ.
އުވޭޒް މާލެ އައުމުން ކައިދިންގެ ކުރީގެ ހުރިހާ ރައްޓެހިން ހަމަވީއެވެ. އެހެންވެ ރެއަކީ އެންމެންގެ މެދުގައި ފޯރިގަދަ ރެއެކެއެވެ. އެތައް އިރަކު ކޮފީއަށް އަރާ ތިބެފައި އެތަން ބަންދުކުރަންވުމުން އެންމެން އައީ މުއާޒުގެ އެޕާޓްމެންޓަށެވެ. ދަންވަރު އެކެއް ޖަހައި ދިއުމާއެކު ރިޝްވާނުގެ އަނބިމީހާ އޭނާއަށް ގުޅަންފެށިއެވެ. އޭނާ ގެއަށް ދާން ނިންމީމަ އެކަމާ އެންމެން ދިމާކުރިއެވެ. އެކުވެރިޔާ ހިފަހައްޓަން މަސައްކަތް ކުރިއެވެ. ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލެވެނީ ވެސް އަނބިމީހާ ހުއްދަ ދީގެންކަން ރިޝްވާނާ ދިމާއަށް ގޮވިއެވެ. ރިޝްވާނުގެ ރައްދަކަށްވީ އެކުވެރީންނަށް ވިސްނޭނީ އެ މީހުން ވެސް މީހުންނާ އިނީމަކަމެވެ. މީހަކުދެކެ ލޯބިވެވުމުން ހުރިހާކަމެއް ބަދަލުވާނޭކަން ރިޝްވާނު ބުންޏެވެ. ބައި ބަހައިގެން ގޭމް ކުޅޭން ތިބެފައި ހަތަރެއް ޖެހުމުން ވިޝާނުއާއި ހުސެންއާ ދެ މީހުން ވެސް ގެއަށްދާން ނިންމިއެވެ. އެހިސާބުން ކައިދިން ވެސް ގަސްދުކުރީ ގެއަށް އަންނާށެވެ. ފަތިސް ނަމާދަށް ބައްޕަ ތެދުވެފައި އޭނާގެ ކޮޓަރި ބަލާނޭކަން އެނގޭތީއެވެ. އަނެކޮއްޅުން ހެނދުނު އޮފީހުގައި މުހިންމު ބައްދަލުވުމެއް ވެސް އެބައޮތެވެ. އެއަށްދާން އޭނާ ބޭނުންނުވިޔަސް ނުގޮސް ފަރުޖެހޭކަށް ނެތެވެ. ހިއްސާދާރުން ބައިވެރިވާ ބައްދަލުވުމެއްވީމައެވެ.
ނުނިދާން ހުއްޓެއްކަމަކު ކައިދިންއަށް ނިދުނީއެވެ. ޒެހެންގެ ފޯނުކޯލު އައީ އޭނާ އޮފީހަށް އައި މަގުމަތީގައެވެ. އެ ފޯނުކޯލު ނެގި ގޮތަށް އޮފީހަށް އައުމުގެ މަގުމަތީކަން ކައިދިން ބުނެލީ ނިކަން އަވަހަށެވެ. ޒެހެން އެ ގުޅީ ލަސްވެގެންކަން ކައިދިންއަށް އެނގޭތީއެވެ. އޮފީސް ކުރިމަތީ ޓެކްސީއެއް އޮތުމުން ކައިދިންގެ ކާރު މަޑުކުރާން ޖެހުނީ އެ ޓެކްސީގެ ފަހަތުގައެވެ. ވަގުތު ތަން ނުދޭތީ ޓެކްސީ ދުއްވާލަން ކައިދިން މަޑެއް ނުކުރިއެވެ. އޭނާ ކާރުން ފައިބައިގެން އައިސް އޮފީހަށް ވަނެވެ. ރިސެޕްޝަން ދޮށުގައި ކުޑަ ދެ ކުދީން ގޮވައިގެން ހުރި މޫނުބުރުގާ އެޅި އަންހެނެއް ފެނުނެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާ ކައިދިން އައީ ސިޑިން އަރާށެވެ. އޭނާއަށް ވަކި ހިސާބަކަށް ސިޑިން އެރިފައިވަނިކޮށް ޒެހެންގެ އަޑު އިވުނެވެ. "ހޫރް"އޭ ގޮވާލި އަޑެވެ. ކައިދިން ދެ ހަރުފަތް ތިރިއަށް ފޭބިއެވެ. ރިސެޕްޝަން ކައިރީ ހުރި އަންހެން މީހާ އެނބުރިލުމާއެކު ފެންނަން ހުރީ ހަމައެކަނި އޭނާގެ ދެ ލޮލެވެ. ޒެހެންގެ މަންމަ "ހޫރައިން"ގެ ނަމުން އެ އަންހެންކުއްޖާ ގޮވާލިއެވެ. އެހިނދު ކައިދިންއަށް ވެސް ހިތާހިތާ އެ ނަން ކިޔާލެވިއްޖެއެވެ. އޭނާގެ ނަޒަރު މަޑުމަޑުން ދަތުރުކޮށްލީ ޒެހެން ބައްދާލުމާއެކު ބޮސްދިން ކުޑަ ފިރިހެންކުއްޖާއަށެވެ. ކައިދިންއަށް ފާރުގައި އަތް ޖައްސާލެވުނެވެ. ކުއްލިއަކަށް އޭނާގެ ބޮލަށް ފަރުބަދައެއް ވެއްޓުނު ކަހަލައެވެ. ދެ ލޯ ބޮޑުކޮށްގެން އޭނާއަށް ބަލަން ހުރެވުނީއެވެ.
"އެއީ... ހޫރުތަ؟. ހަމަ އެ ހޫރައިންތަ؟. ޒެންގެ ވައިފް... ހޫރައިން..." ކައިދިންގެ އަމިއްލަ ހިތާ ސުވާލުކުރެވުނެވެ.
ކައިވެނި ކުރާން އުޅޭ ކަމުގެ ޚަބަރު ޒެހެން ދިނުމުން ކައިދިން ޖޯކުޖެހީ މޫނު އަޅާފައި ހުރި އަންހެންކުއްޖެއްކަން އެނގިގެންނެވެ. ކައިވެނިކާޑެއް އޭނާ ނުދެކެއެވެ. ޒެހެންގެ އަނބިމީހާއަށް ކިޔާ ނަމެއް އޭނާ ނުބުނެއެވެ. އަނބިމީހާއަށް ނިސްބަތްކޮށް އެއްޗެއް ބުނާނަމަ އޭނާ ކިޔާނީ ވައިފް ނޫނީ އަހަރެންގެ ލޯބިވާ އަނބިމީހާ ފަދަ ނަމަކުންނެވެ. ހޫރައިންގެ ނަން އެންމެ ފަހަރަކު އިވުނު ނަމަވެސް ކައިދިންގެ ސަމާލުކަން އެ ނަމަށް ނުހުއްޓިއެއް ނުދާނެއެވެ. މިއަދާ ހަމައަށް އައިއިރު ޒެހެންގެ އަނބިމީހާއަކީ ކިހިނެއް ހުންނަ އަންހެނެއްކަމެއް ވެސް ކައިދިންއަކަށް ނޭނގެއެވެ. ދުށުމުގެ ޝައުގުވެރިކަމެއް ވެސް ކައިދިންގެ ނެތީއެވެ. އެ އަނބިމީހާދެކެ ޒެހެން ލޯބިވާވަރު ކައިދިންއަށް އަންދާޒާކުރާން އެނގެއެވެ. ކައިދިންގެ ކައިރީ ވެސް އޭނާ އަނބިމީހާދެކެ ލޯބިވާވަރު ހާމަކޮށް އެއްޗެއް ބުނެލުން ފިޔަވާ އަނބިމީހާއާ ބެހޭ ގޮތުން ވާހަކައެއް ދައްކާފައެއް ނެތެވެ.
އެންމެން އެނބުރި ހިނގައިގަތުމުން ކައިދިން ސިޑިން ފޭބިއެވެ. އެމީހުން ގޮސް ބައްދަލުވުން އޮތް ކޮޓަރިއަށް ވަންނަންދެން ކައިދިން ބަލަން ހުއްޓެވެ. ދެން އަވަހަށް އެމީހުންނަށް ނުފެނި އޮފީހުން ކައިދިން ނުކުތެވެ. ހެނދުނުގެ އެވަގުތު މަގުމަތީގައި މީހުން މަދެވެ. މޫނުބުރުގާ އަޅައިގެން ކުޑަ ދެ ކުދީން ގޮވައިގެން ދާ އަންހެންކުއްޖާ އުނދަގުލަކާނުލާ ކައިދިންއަށް ފެނިއްޖެއެވެ. އެމީހުން މަޑު ހިނގުމެއްގައި އައިސް އޮފީސް ކައިރީ ހުންނަ ސުޕަރމާކެޓަށް ވަނެވެ. ފަސްފަހަތުން ކައިދިން ވެސް ވަނީއެވެ. އެއްޗެހި އަތުރާފައި ހުރި ރެކުގެ ބިއްދޮށުގައި ކައިދިން ހުއްޓެވެ. ހޫރައިންގެ އަޑު އިވުމުން ތަފާތު ޖަޒުބާތުތަކެއް ކައިދިންގެ ހިތުގައި ހިނގައިގަތެވެ. ޚާއްޞަކޮށް އެ ރީތި ކަޅިރަވަ ކައިރިން ފެނުނު ހިނދެވެ. ކައިރީގަ ހުރި ފިރިހެން ދަރިފުޅާ ހޫރައިން ވާހަކަދައްކާއިރު އެކުއްޖާ ލޯބިން އުޅޭ ގޮތް ފެނި ކައިދިންގެ ތުންފަތް ދެމިލީ ބޭއިޚްތިޔާރުގައެވެ.
"އިޓްސް ޔޫ..." ކައިދިންގެ ހިތާއި ސިކުނޑި އެއް އަޑަކުން ބުނެލިއެވެ. އެ ތުންފަތަށް ވެރިވި ހިނިތުންވުން ފިލައްޖެއެވެ. ނިތަށް ރޫގިނަވެލިއެވެ. ނިތްކުރީގައި ކައިދިން ހިފަހައްޓާލިއެވެ.
"ވައި؟... ވައި ނައު؟..." ދެ ފަރާތަށް ބޯހޫރާލުމާއެކު ކައިދިންއަށް ސުވާލުކޮށްލެވުނެވެ.
ފިހާރައިން ހޫރައިން ނުކުމެ ހިނގައިގަތުމުން ކައިދިން ވެސް ނުކުތެވެ. ވަކި ހިސާބަކަށް ހޫރައިންއަށް ދެވެންދެން އޭނާ ފިހާރަ ދޮށުގައި މަގުމަތީ މަޑުކޮށްލިއެވެ. ޖީބުން ނެގި ސުއްޓާ އޭނާ ރޯކޮށްލިއެވެ. ދެފަރަށް ސުއްޓާ ދަމާލާފައި ދުންތައް ދޫކޮށްލިއެވެ. ދެން މަޑުމަޑުން އަނެއްކާ ވެސް ހޫރައިންގެ ފަހަތުން އޭނާ އައެވެ. މާޒީގެ ފަރުދާ ކެހިގެންދިޔައީ އޭގެ އަމިއްލަ ޒާތުގައެވެ. އަހަރުތަކެއް ކުރީގެ އެ ހިތި މާޒީއަށް ދޫކޮށްލި އެތިކޮޅުތައް ހަނދާނުގެ ބާގަނޑުތައް ފުރައިދީ މަންޒަރު ސިފަކޮށްދޭން ފެށި ކަހަލައެވެ. ކުޑަކުދީންގެ ޕާކުގެ ތެރެއަށް ހޫރައިން ވަނުމުން ދުރުގައި ކައިދިން ބަލަން ހުރީއެވެ. އެހެންނަމަވެސް އޭނާއަށް މިފަހަރު ވެސް ދުރަކު ނުހުރެވުނެވެ. ހޫރައިން އިށީނދެ އިން ބެންޗުގެ ފަހަތުން އޭނާ ސިއްރުން ކައިރިވެލިއެވެ.
"ނަލަ ރިވެތިހާ ސޫރަ ލިބިފާވާ... މާތް މަލުގެ ޒާރެއްގަ ފެނިވާ... މާތް ހޫރެކޭތީ." ކައިދިން ކިޔާލިއެވެ. ހަގީގަތުގައި ވެސް އެއީ ހޫރައިންއަށް ވެއްޖެނަމަ އެ އަންހެންކުއްޖާއަށް އެ ލަވައިން ކުރާނޭ އަސަރު ކައިދިން ދެނަހުއްޓެވެ. އެ ހަށިގަނޑު ސީދާވެލީ ނުހަނު އަވަހަށެވެ. އޭނާ ސިހުނުތަން ކައިދިންއަށް ވެސް ފެނުނެވެ. އެ ކުޑަ ހަށިގަނޑަށް ހަރުކަށިކަމެއް ވެރިފައިވާ އިން ފަދައަކުން އޭނާ އެނބުރިލަން އުޅުނީ ނިކަން މަޑުމަޑުންނެވެ. ފަހަތުގައި ކައިދިން ހުރިކަން އެނގިގެން ކަހަލައެވެ. އެއަށްވުރެ ކުރީން ކައިދިން ކުރިޔަށް ފިޔަވަޅު އަޅާލިއެވެ. ހޫރައިންގެ ކަނާއަތްފަރާތު ކޮނޑުމަތިން ބޯ ކައިރިއަށް ގުދުވެލައި ހޫރައިންގެ ނަމުން ގޮވާލިއެވެ. ކައިދިންގެ ލޮލަށް ފެންނަ މަންޒަރު ގަބޫލުކުރާން ދަތިވެފައިވިއެވެ. ހޫރައިންގެ ކުރިމައްޗަށް ކައިދިން އައިސް ހުއްޓުނީ ނިކަން އަވަހަށެވެ. ކައިދިން ވާހަކަދެއްކުމުން ވެސް ހޫރައިންގެ ބޮޑުވެފައިވާ ދެ ލޮލުން ބަލަން އިނީއެވެ. އޭނާ ބިރުގެންފައިކަން އެއިނީ ކައިދިންއަށް އެނގެއެވެ. އެހެންވިޔަސް އެކަމަށް ކައިދިން ސަމާލުކަމެއް ނުދިނެވެ. އޭނާ ހޫރައިން އިށީނދެ އިން ބެންޗުގެ އަނެއްކޮޅުގައި އިށީނެވެ. އެހިނދު ހޫރައިން ފުންމައިގެން ތެދުވެ ދުރަށް ދިޔަ ގޮތުން އެ އަންހެންކުއްޖާ ފަހަތަށް ވެއްޓިދާނޭހެން ހީވެ ކައިދިން ކަންބޮޑުވިއެވެ. ނަމަވެސް އެ ހާސްކަމުގެ އަސަރު ނިކަން އަވަހަށް ކައިދިން ފަރުދާކޮށްލިއެވެ.
"ކަ...ލޭ..." ހޫރައިން ބުނެލިއެވެ. ކައިދިންގެ މޫނުން ފުޅާ ހިނިތުންވުމެއް ފާޅުވެލިއެވެ. ކުޑަކޮށް އޭނާ ހީނލިއަޑު އިވުނެވެ.
"ސޯ... ޔޫ ރިމެމްބަރ މީ." ކައިދިން ބުނެލިއެވެ. ދެން އޭނާ ހޫރައިންއާ ނަޒަރު ވަކިކޮށްލާ އުނދޯލީގައި އިން ޔޫކަށް ބަލަން ފެށިއެވެ. އަތުގައި އޮތް ސުއްޓާ ބޯލާފައި ދުންތައް ދޫކޮށްލިއެވެ.
"މީ ކިހާ ބޮޑު އިއްތިފާގެއް ދޯ. އޮފީހަށް އައިތަން ދުށީން. އަލުން ފެނިދާނޭ ކުޑަކޮށް ވެސް ހިޔެއްނުކުރަން. އެކަމަކު އޮފީހުން ފެނުނު ފަހުން ހޫރުއާ ވާހަކަދައްކާލަން ބޭނުންވެފަ ހުރީ." ޔޫކަށް ބަލަން އިނދެ ކައިދިން ބުންޏެވެ.
"ކަމެއްނުކުރާނަމޭ... އިށީނދެބަލަ. ވާހަކަދައްކާލަން... ތިގޮތަށް ހުރީމަ ނުވެސް އެނގޭ. އެކަމަކު މިހާރު އޭރަށްވުރެ މެޗުއަރވެއްޖެ ވައްތަރު ޖަހާ. ބޯތް އޮފް އަސް ހޭވް ގްރޯން އަޕް. ނޫންތަ؟... އޭގެ ފަހުން ކިތައް އަހަރު މިވީ. 5 އަހަރު... ނޫން 6 އަހަރު ވަނީ ދޯ. ހޫރައިން... ޓެލް މީ ސަމްތިންގް... އޭނާގެ އިސްތަށިގަނޑު... އިޓްސް ސޭމް އޭޒް މީ." ޔޫކްއާ ނަޒަރު ވަކިކޮށްލުމާއެކު ހޫރައިންއަށް ކައިދިން ބަލާލިއެވެ.
"ނޫން..." ހޫރައިންއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ކައިދިން ބަލަން އިނދެފައި ހީނލައިފިއެވެ. މަޑު ހުނުމާއެކު އޭނާ ދެފަރާތަށް ބޯހޫރާލިއެވެ. އުނދޯލި ހެއްލަމުން ދިޔަ ޔޫކު މަޑުޖެހުނެވެ. އެކުއްޖާ ހޫރައިންއަށާއި ކައިދިންއަށް ބަލަންފެށިއެވެ.
"ތީ ކޮންކަހަލަ އަންހެނެއް؟. ބަނޑުބޮޑުވީމަ ކީއްވެ ދަރި ވައްޓާނުލީ... ކީއްވެ އަހަރެން ހޯދަން ނޫޅުނީ. ކީއްވެ ފުލުހުންނަށް ކިޔާނުދިނީ. އެނގެއެއްނު ބަނޑުބޮޑުވީ ކީއްވެކަން... ދެން ކީއްވެ؟ ކީއްވެ ދަރިފުޅު އުފަންކުރީ؟. ހައު ކުޑް ޔޫ... ހޫރައިން! ހައު ކުޑް ޔޫ ގިވް ބާތް؟." ކައިދިން ބެންޗުން ތެދުވިއެވެ. ހޫރައިންއާ ދިމާކުރިމަތިވާނޭ ހެން އޭނާ ހުއްޓެވެ. މޭޖެހިފައިވާ ހޫރައިންގެ ދެ ލޯ ބޮޑުވެފައިވާއިރު އެ ދެ ލޯ ފެންކަޅިވެފައިވާކަން ކައިދިންއަށް ފާހަގަވިއެވެ. އޭނާ ކުރިޔަށް ފިޔަވަޅެއް އަޅާލުމާއެކު ހޫރައިން އޭނާއަށް ދުރަށް ޖެހިލިއެވެ. ކައިދިންއަށް ދަތްކުނޑިވިކާލެވުނެވެ. ދިގުފިޔަވަޅެއް ކުރިއަށް އަޅާލުމާއެކު އޭނާ ހޫރައިންގެ ކަނާއަތުގައި ހިފިއެވެ. އުޅަންބޮއްޓާ ހަމައަށް ކައިދިން ހިފަހައްޓާލީ ނުހަނު ބާރަށެވެ. ގިސްޖެހުނު ފަދަ ސިހުމުގެ އާހެއް ހޫރައިންގެ އަނގައިން ނުކުތް އަޑު އިވުނެވެ.
"އިޓްސް އޯލް ޔޯ ފޯލްޓް... ވަޓް ހެޕެންޑް ދެޓް ނައިޓް... އިޓްސް ޔޯ ފޯލްޓް..." ދަތްތަކަށް ބާރުލައިގެން ހުރެ ކައިދިން އިއްވާލިއެވެ.
ހޫރައިން އެއްޗެކޭ ބުނަން ބޭނުންވިއެވެ. ހިތަށް ވަން ބިރުވެރިކަން އެއްކިބައިގަ އޮއްވާ ހޫރައިންގެ ޖަޒުބާތުތަކުގައި ރުޅީގެ ކުލަ ޖެހުނެވެ. ކުޑަދަރިފުޅު ޔާންގެ ގައިގާ ހިފަހައްޓާލުމާއެކު އެމީހުންނަށް ބަލަން އިން ޔޫކަށް ހޫރައިން ބަލާލިއެވެ. އެކުދީން އޭނާގެ ހިތްވަރުކަމުގައި ވިއެވެ. މިހާރު އޭނާއަކީ ކައިދިން ދުށް ނިކަމެތި އަންހެންކުއްޖާއެއް ނޫނެވެ. އޭނާއަކީ ދެ ދަރީންގެ މަންމައެވެ. ސާލިހު ފިރިހެނެއްގެ އަނތްބެކެވެ. ކަރުނައިގެ ތެރެއިން ވެސް ކައިދިންއަށް ހޫރައިން ބަލާލީ ރުޅީވެރިކަމާއެކުއެވެ. އެ މާމުއި މުށިކުލައިގެ ރީތި ކަޅިރަވަ ތޫނު ހަންޖަރެއް ފަދައެވެ. އެ ދެ ލޮލުން އެކަނިވެސް ކައިދިން ގަތުލުކުރާން ބޭނުންވެފައިވާ ފަދަ ނުރުހުންތެރިކަމެއް ފެންނަން ހުއްޓެވެ.
"އަހަރެން ބިރުގަންނާނެ ކަމައްތަ؟." ހޫރައިންއަށް ބަލަން ހުރެފައި ކައިދިން ބުންޏެވެ. ދެން އޭނާ ފެށީ ހޭށެވެ.
"ޔޫ ނޯ ވަޓް... ހޫރު ކަންތައް ތިކުރީ ރަނގަޅަށް. ފުލުހުންނަށް މައްސަލަ ޖައްސައިގެން ވާނޭކަމެއް ހަގީގަތުގައި ނޯންނާނެ. އަހަރެންގެ ބައްޕައަކީ ކާކުކަން އެނގޭތަ؟. އަހަރެންގެ އާއިލާ ކަލޭގެ ވާހަކަ ގަބޫލެއްނުކުރާނެ. އެމީހުން ތިބޭނީ އަހަންނާ އެއްކޮޅަށް. އާން! އެހެންބުނީމަ... ޔޫ ހޭވް ޑަން ވެލް. ޒެން ކަހަލަ ފިރިހެނަކު ސެޓުކުރުމަކީ ފަސޭހަކަމެއްނޫން. ވެލް ޑަން... އޮނެސްޓްލީ... ދެޓް ސަޕްރައިޒްޑް މީ. މުއްސަނދި އާއިލާއެއްގައި ހުރި ހަމައެކަނި ފިރިހެންކުއްޖާ، އެ އޮފީހުގެ އެންމެ ބޮޑު ހިއްސާއާއި ޝޮޕިން ޗެއިންޑްގެ ވާރުތަވެރިޔާ... ގުޑް ޗޮއިޒް... އިންފެކްޓް ގްރޭޓް ޗޮއިޒް... އޭނާ ކަހަލަ ޒުވާނެއް ސެޑިއުސްކުރާން ކަލޭ ހެދީ ކިހިނެއް؟. ޒެންގެ ޓޭސްޓަކީ ކޮބާކަން އަހަންނަށް އެނގޭ." ކައިދިންގެ އަޑުގައި ކުރީން ނުވި ހަރުކަށިކަމެއް ވިއެވެ. ހޫރައިންއަކީ ޒެހެންގެ އަނބިމީހާކަން އަމިއްލަ ޟަމީރު ހަނދާންކޮށްދިނުމުން ކައިދިންގެ ތަބީޢަތް ގޯސްވެއްޖެއެވެ.
"ކަލެއާ ބެހޭކަމެއްނޫން." ހޫރައިންގެ އަޑުގައި ރުޅިވެރިކަން ވިއެވެ. އޭނާ ކުއްލިއަކަށް ދުރަށް ޖެހުނެވެ. ހޫރައިންގެ އަތުން ކައިދިންގެ އަތް ދޫވިއެވެ. އެހެންނަމަވެސް އޭނާ ހޫރައިންގެ ކުރިމަތިން ދުރަކަށް ނުދިޔައެވެ. ކުޑަކުޑަ ޔާން މަންމަގެ މޫނަށް ބަލަންފެށިއެވެ. އެކުއްޖާ މަޑުމަޑުން ތުންފިއްތަން ފެށިއެވެ. ހޫރައިންއަށް އަންނަމުންދިޔަ ބަދަލު އެ ކުޑަދަރިފުޅަށް ވެސް އިހްސާސް ކުރެވުނީ ފަދައެވެ.
"އަހަންނަކީ ޒެންގެ ކާކުކަން އެނގޭތަ؟. ވީ އާ ބްރަދާސް..." ކައިދިންގެ ވާހަކަ މެދުކަނޑާލީ ހޫރައިންގެ ކުޑަދަރިފުޅު ރޯންފެށީމައެވެ.
"ތީ ޒެންގެތަ؟." ހޫރައިން ދަރިފުޅު މަސަލަސް ކުރާން ފެށި ހިނދު ކައިދިން އަހާލިއެވެ.
"މަންމީ..." ޔޫކް ދުވެފައި އައިސް ހޫރައިންގެ ގާތުގައި މަޑުކޮށްލިއެވެ. އެކުއްޖާއާއި ކައިދިންއާ ދެމެދު ނަޒަރު ބަދަލުކޮށްލެވުނެވެ. ހޫރައިން ޖެހިލުންވިއެވެ.
"އިޓްސް އޯކޭ... އެކޮޅުގަ ދަރިފުޅު މަޑުކުރޭ." ހޫރައިންގެ އަޑުގައިވީ ތުރުތުރު އެޅުން އޭނާއަށް އިހްސާސް ނުކުރެވެއެވެ. ފަރުވާތެރިކަމާއެކު މަންމަގެ މޫނަށް ޔޫކް ބަލާލިއެވެ. ދެން އަނެއްކާވެސް ކައިދިންއަށް އެކުއްޖާގެ ނަޒަރު ހުއްޓާލިއެވެ.
"ޔޫކް... ޔޫކްތަ ކިޔަނީ؟." ކައިދިން އަހާލިއެވެ. ހަރަކާތެއްކުރާން ނޭނގިފައި ހުރިހެން ޔޫކް ބަލަން ހުރީއެވެ. އެކުއްޖާ ހޫރައިންގެ ހެދުމަށް ދަމާލަމުން މަންމައަށް ބަލާލިއެވެ.
"ހިނގާ ގެއަށްދާން." ކައިދިންއާއި ޔޫކްގެ ދެމެދަށް ވަންނަމުން ހޫރައިން އަވަސްއަވަހަށް ބުނެލިއެވެ.
"މަންމީ... އެއީ މަންމީ ފްރެންޑެއްތަ." ޔޫކް އަހާލިއެވެ. ހޫރައިންއަށް ހިންދިރުވާލެވުނެވެ. އަވަސް ނަޒަރެއް ކައިދިންއަށް ދެވުނެވެ. ލިބިފައިވާ ހާސްކަމާއި ކަންބޮޑުވުމުގެ އަސަރުތައް ފަރުދާކުރާން ގަދަކަމުން ހޫރައިން ހިނިތުންވެލިއެވެ. ނަމަވެސް ދެ ލޮލާ ހަމައަށް ހިނިތުންވުން ނުފޯރާނަމަ އެ ހިނިތުންވުން މީހަކަށް ނުފެންނާނޭކަން އެނގެއެވެ.
"މަންމި ފްރެންޑެއްނޫން... ވާހަކަދައްކާލީ. ހިނގާ ގެއަށްދާން." ޔޫކް ގޮވައިގެން ހޫރައިން ދާން އުޅުނުގޮތް ފެނި ކައިދިންގެ ދެބުމަ އިހުނަށްވުރެ ކައިރިވެލިއެވެ. ހިތުގައިވާ އިހްސާސްތައް ހިފަހައްޓަން އުނދަގޫވާވަރަކަށް ކައިދިންގެ ކައިރިއަށް ރުޅިއައެވެ. އެ ރުޅީގެ މައްޗަށް އޭނާގެ އިޚްތިޔާރެއް ނެތް ފަދައެވެ. ހޫރައިންގެ އަތުގައި ހުރި ކޮތަޅުތަކުން އެންމެ ލުއި ކޮތަޅު ޔޫކަށް ދިއްކޮށްލިއެވެ. އެކުއްޖާގެ ސަމާލުކަން އަތުލަން އުޅޭފަދައަކުންނެވެ.
"މަންމިއަށް ހާދަ ހެލްޕުލް ކުއްޖެކޭ ޔޫކްއަކީ." ކުއްލިއަކަށް ކައިދިން ވާހަކަދެއްކިއެވެ.
"ޔޫކް... ދަރިފުޅު ކާކާ ވައްތަރީ؟... މަންމައާތަ ނޫނީ... ދަރިފުޅުގެ ބައްޕައާތަ؟. މި އިސްތަށިގަނޑު... ފަށުކޮޅެއްކަހަލަ... ލައިކް މައިން." ޔޫކްގެ ބޮލުގައި ކައިދިން އަތްލަން އަތްދަމާލިއެވެ. (ނުނިމޭ)