ސުޕްރީމް ކޯޓް

ފަނޑިޔާރުންނަށް ފާރަލާކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓްގެ އެސްޖީ ސަސްޕެންޑް ކޮށްފި

Mar 31, 2022

ފަނޑިޔާރުންނަށް ފާރަލާކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ޑރ. ހުސައިން ފާއިޒް ސަސްޕެންޑް ކޮށްފި އެވެ. ސުޕްރީމް ކޯޓުންވެސް ވަނީ އެކަން ޔަގީން ކޮށްދީފައެވެ.

އެ ކޯޓުން ބުނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޑރ. ފާއިޒު ހުންނެވީ މަސްއޫލިއްޔަތުން އެކަހެރި ކުރައްވާފައި ކަމަށެވެ. ފާއިޒުގެ މައްޗަށް ސީރިއަސް ދެ ތުހުމަތެއް ކުރެއެވެ.

އެއީ ކޯޓްގެ ސީސީޓީވީ ސިސްޓަމް ބޭނުން ކޮށްގެން ފަނޑިޔާރުންނަށް ފާރަލާ ކަމުގެ ތުހުމަތާއި ކޯޓުގެ ސިއްރު މައުލޫމާތު އެހެން ފަރާތްތަކަށް ފޯރުކޮށް ދޭ ކަމުގެ ތުހުމަތެވެ.

އެ މައްސަލަތައް ބަލާ ނިމެންދެން އޭނާ މަގާމުން އެކަހެރިކޮށްފައިވާ ކަމަށް ބުންޏެވެ.

ޖަނަވަރީ 7، 2019 ގައި ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަން ކުރެއްވި ޑރ. ފާއިޒުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ސެކްރެޓަރީ ޖެނެރަލްއަކަށް ހުންނަވާނީ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ކަމަށްވެސް ސުޕްރީމް ކޯޓުން ބުންޏެވެ.