ބޮލީވުޑް

ރުޕާލީ ބުނަނީ "މާމަގެ ކައިވެނި" ޔަގީނޭ!

ސްޓާ ޕްލަސްގެ ކާމިޔާބު ޝޯ "އަނޫޕަމާ" މިހާރު ވަނީ ވަރަށް ޝައުގުވެރިވާ ހިސާބެއްގަ އެވެ. އަނޫޕަމާ އާއި އަނޫޖް ކަޕާޑިއާގެ ކައިވެންޏަށް ތައްޔާރުވަމުން ދާތީ އެވެ. ޓީއާރުޕީ ރޭޓިންގެ އެންމެ ކުރީގައި "އަނޫޕަމާ" އޮތުމުން މި ސިލްސިލާގައި ދެންވާނެ ގޮތް ބަލާހިތުން ކެތްމަދުވެފައި އެތައް ކްރޯޑު މީހުންނެއް އެބަ ތިބިކަން ޔަގީން ކުރެވެ އެވެ.

އަނޫޕަމާ އާއި އަނޫޖް ކައިވެނި ކުރަން އުޅޭއިރު އަނޫޕަމާގެ ކުރީގެ ފިރިމީހާ ވަންރާޖް އާއި މަންމަ މި ކައިވެންޏާ ވަރަށް ދެކޮޅެވެ. އެހެންވެ އެމީހުންގެ ދެކޮޅުހެދުމާއި ދެކޮޅުވެރި ރޭވުންތަކުން ސަލާމަތްވެ އަނޫޕަމާ އަށް ހަމަ ހަގީގަތުގައި ވެސް އަނޫޖް އާ ކައިވެނި ކުރެވޭނެތޯ ބަލަން މިހާރު އެންމެން ވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.

މި ކައިވެނި ކުރެވިދާނެތޯ ނުވަތަ ނޫންތޯ ބެލުންތެރިންގެ ހިތުގައި އުފެދިފައިވާ ސުވާލަށް ރުޕާލީ ވަނީ ދާދިފަހުން ޖަވާބު ދީފަ އެވެ.

ދަދިފަހުން އިންސްޓަގްރާމް ލައިވްގައި ރުޕާލީ ވަނީ އޭނާގެ ފޭނުންގެ ގިނަ އަދަދެއްގެ ސުވާލުތަކަށް ޖަވާބުދީފަ އެވެ. ރުޕާލީ ބުނި ގޮތުގައި "އަނޫޕަމާ" އުފައްދާ ފަރާތުން ބޭނުން ވަނީ ދެ ވަނަ ކައިވެންޏެއް ކުރުމާއި ދުވަސްވީ މީހުން ކައިވެނި ކުރުމާ ގުޅޭ ގޮތުން އިންޑިޔާ މީހުންގެ ވިސްނުން ހުރި ގޮތް ބަދަލުކޮށްލާށެވެ. "މާމަންނަށް ވެސް ކައިވެނި ކުރެވިދާނެކަމާއި އެއީ ވެސް ހަމަ އެންމެ ރަނގަޅު ކަމެއް"ގެ ގޮތުގައި ވިސްނައިދޭށެވެ. އަދި މާމަގެ ކައިވެނި ކުރެވޭނެކަމަށް ރުޕާލީ ބުންޏެވެ.

ފޭނުން ކުރި އެކި ސުވާލުތަކަށް ޖަވާބު ދެމުން ރުޕާލީ ބުނީ "އަނޫޕަމާ"ގެ ލީޑް ރޯލު ލިބުމަކީ އޭނާ އެތައް ދުވަހަކުއްސުރެ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށްވުން ކަމަށެވެ.