ބޮލީވުޑް

ސުމޯނާ "ކަޕިލް ޝަރުމާ ޝޯ" ދޫކޮށްލަނީ؟

ސޮނީ ޓީވީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ހުރިހާ ބައިވެރިންނަކީ ވެސް މި ޝޯގެ ފޭނުންގެ މެދުގައި ވަރަށް މަގްބޫލު ބައެކެވެ. ކަޕިލްގެ އިތުރުން ޖަޖް އަރްޗަނާ އާއި ސަޕްނާގެ ރޯލު ކުޅޭ ކްރިޝްނާ އަބީޝެކް އަދި ސުމޯނާ ޗަކްރަވަތީ އަކީ ވެސް ޝޯ ބަލާ މީހުންނަށް ދެކެފަރިތަ އަދި ވަރަށް މަގްބޫލު ބައެކެވެ.

ދާދިފަހުން އިންޑީއާގެ ނޫސްތަކުން ޚަބަރު ފަތުރާފައިވާ ގޮތުގައި ކަޕިލްގެ ޝޯ ދޫކޮށްލަން ސުމޯނާ ވަނީ ނިންމާފަ އެވެ. މި ޚަބަރުތައް ފެތުރެން ފެށީ ކަޕިލް ޝޯ އިން ސުމޯނާ ނުފެންނަތާ އެތައް ހަފުތާއެއް ވީފަހުންނެވެ. އަދި ބެންގާލީ ޓްރެވަލް ޝޯއެއްގެ ހޯސްޓަކަށް ސުމޯނާ ހަމަޖެހުނުކަމުގެ ޚަބަރުތަކެއް ފެތުރުމާ ވިއްދައިގެންނެވެ.

ނަމަވެސް ސުމޯނާ މިހާރު ވަނީ ކަޕިލް ޝޯއިން ވަކިނުވާ ކަމުގެ ޔަގީންކަން ދީފަ އެވެ. ސުމޯނާ ބުނި ގޮތުގައި ކަޕިލްގެ ޝޯ ދޫކޮށްލާކަށް އޭނާ ނޫޅެ އެވެ.

އޭނާއަށް ހޯސްޓް ކުރަން ލިބިފައިވާ "ދަ ޝޮނަރް ބަންގްލާ" ޝޯ އަކީ އެއް މަސް ދުވަހުގެ ޕްރޮޖެކްޓެއް ކަމަށާއި އެ ޝޯ އާ ހެދި ކަޕިލްގެ ޝޯގައި ބައިވެރިވުމަށް އެއްވެސް ހުރަހެއް ކުރިމަތި ނުވާކަމަށް ވެސް ސުމޯނާ ބުންޏެވެ.

އިންޑިޔާގެ ޓީވީ ޗެނަލް އަކަށް ދިން އިންޓަވިއު އެއްގައި އަރްޗަނާ ވެސް ވަނީ ކަޕިލް ޝޯއިން ސުމޯނާ ވަކި ނުވާ ކަމަށް ބުނެފަ އެވެ. އަދި ފަހުގެ އިޝްތިހާރުގައި ސުމޯނާ ނުފެނުނަސް މުޅިން ތަފާތު އެހެން ކެރެކްޓާއަކުން އޭނާ ފެންނާނެކަމަށް އަރްޗަނާ ބުނެފައި ވެއެވެ.

ސުމޯނާ މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަނީ އުމުރުން 11 އަހަރުގަ އެވެ. އާމިރު ޚާނާއި މަނީޝާ ކޮއިރާލާގެ "މަން" ގައި އުޅޭ ކުޑަ ކުއްޖާގެ ރޯލު ކުޅެފައިވަނީ ސުމޯނާ އެވެ.

އަދި ސޮނީގެ މަޝްހޫރު ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ"ގެ ފުރަތަމަ ސީޒަންގައި ރާމް ކަޕޫރުގެ ކޮއްކޮގެ ރޯލު ސުމޯނާ އަދާ ކުރި އެވެ. އަދި ބައެއް ކޮމެޑީ ޝޯތަކުގައި ވެސް ބައިވެރިވެފައި ވެއެވެ.