އެސްއެމްއެސް އާއި އޮންލައިންކޮށް މާދަމާ އިން ފެށިގެން ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާދަމަ އިން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.
މާދަމާ ފިތުރު ޒަކާތް ދެއްކެނީ އެސްއެމްއެސް އާއި އޮންލައިންކޮށް ދައްކަން ބޭނުންވާ ފަރާތްތަކަށް އެކަންޏެވެ. އެފަދަ ފަރާތްތަކަށް ފިތުރު ޒަކާތް ދެއްކޭނީ ދިރާގުގެ ދިރާގު ޕޭ އާއި، އުރީދޫގެ އެމްފައިސާ އާއި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް އާއި، ބޭންކް އޮފް މޯލްޑިވްސްގެ ޕޯޓަލް އާއި، ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލްގެ އިތުރުން ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށެވެ.
އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް އާދިއްތަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލްގައި ފިތުރު ޒަކާތް ބަލައިގަންނާނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ.
ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާ އިންނެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު
- އާދައިގެ ހަނޑޫ - 12 ރުފިޔާ
- ތައިލެންޑްގެ ހުދު ހަނޑޫ - 77 ރުފިޔާ
- ރަތް ހަނޑޫ - 72 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ) - 77 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު) - 90 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 132 ރުފިޔާ
- އާދައިގެ ފުށް - 12 ރުފިޔާ
- އާޓާ ފުށް - 75 ރުފިޔާ
އޮންލައިންކޮށް މިއަހަރު ފިތުރު ޒަކާތް ދައްކާއިރު އިސްލާމިކް މިނިސްޓްރީން ވަނީ ބަދަލެއް ގެނެސްފަ އެވެ.
މީގެ ކުރިން ޒަކާތް ދައްކާއިރު އެމީހަކު ޒަކާތް ދައްކަން ބޭނުންވާ ވަކި ރަށެއް އިހުތިޔާރު ކުުރުމުގެ ފުރުސަތެއް ނުލިބެ އެވެ. އެކަމަކު މިއަހަރު މާލޭގައި ހުންނަ މީހާއަށް ވެސް އޮންލައިންކޮށް އެމީހެއްގެ އަމިއްލަ ރަށް އިހުތިޔާރުކުރުމަށްފަހު އެރަށަކަށް ޒަކާތް ދެއްކޭނެ އެވެ. އަދި އެގޮތަށް ވަކި ރަށަކަށް ޒަކާތް ދައްކާނަމަ އެ ފައިސާ އެރަށަކަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.