ބޮލީވުޑް

ފިލްމުތަކުގައި އައިޓަމް ނަންބަރު ހިމަނަން ނުރުހެން: ޖޯން

ހިންދީ ފިލްމުތަކުގައި އެ ފިލްމުގެ ވާހަކަޔާ ނުގުޅޭ އައިޓަމް ނަންބަރުތައް ހިމެނުމަކީ މިހާރު ވަރަށް އާދައިގެ ކަމެކެވެ. އެކްޓަރު-އަދި ނެށުންތެރިޔާ ނޯރާ ފަތޭހީ އަކީ މިފަދަ އައިޓަމް ނަންބަރުތައް އެންމެ ގިނައިން ކުޅޭ ބަތަލާ އެވެ. ޚާއްސަކޮށް ޖޯން އަބްރަހަމްގެ ފަހުގެ ފިލްމުތަކުގައި ނޯރާގެ އައިޓަމް ނަންބަރުތައް ވަރަށް ގިނައިން ހިމަނާފައި ހުއްޓާ ފެނެ އެވެ.

ޖޯންގެ "ސަތުޔަމޭވް ޖައިތޭ" އާއި "ސަތުޔަމޭވް ޖައިތޭ 2"، "ރޮކީ ހޭންޑްސަމް" އަދި "ބަޓްލާ ހައުސް"ގައި ވެސް އައިޓަމް ނަންބަރުތައް ހިމެނެ އެވެ. ނަމަވެސް އޭނާގެ ފިލްމުތަކުގައި އައިޓަމް ނަންބަރުތައް ހިމެނުމަކީ ޖޯން އެއްގޮތަކަށް ވެސް ހިތްހަމަޖެހޭ ކަމެއް ނޫނެވެ.

"އަހަރެންގެ ބައެއް ފިލްމުތަކުގެ މިއުޒިކް ވަރަށް ރީތި. ޚާއްސަކޮށް 'ޖިސްމް'ގެ މިއުޒިކް. މިހާތަނަށް ވެސް އަހަރެންނަށް އެންމެ މަގްބޫލު އަލްބަމަކީ އެ ފިލްމު. އަހަރެންނަށް އެކްސިޑެންޓަކުން ނަމަވެސް ވަރަށް ރީތި ލަވަތައް ކުޅެލަން ލިބިފައި އެބަހުރި. ހަމަ އެއާއެކު ވަރަށް ހިތްހަމަނުޖެހޭ ޒާތުގެ ލަވަތައް ވެސް ކުޅެވިފައިވޭ. އަހަރެން އެންމެ ހިތްހަމަނުޖެހެނީ އަހަރެންގެ ފިލްމެއްގައި އައިޓަމް ނަންބަރެއް ހިމެނޭކަން އެނގޭ ވަގުތު. އެ ކަން އެނގޭ ވަގުތު އަހަރެން އަމިއްލަ ނަފްސު މަރާލުމުން ކުރެވޭ ކަހަލަ އިހްސާސްތަކެއް ކުރެވޭ،" ޖޯން ބުންޏެވެ.

އައިޓަމް ލަވަތަކުގައި ޖޯންގެ ހަރަކާތްތައް ހުންނަ ގޮތުން ހަގީގަތުގައި ވެސް އޭނާ އެ ފަދަ ލަވަތަކާ ގަޔާ ނުވާކަން ހަމަވާކަމަށް އިންޓަވިއުކުރި ނޫސްވެރިޔާ ބުނުމުން ޖޯން ބުނީ ހަގީގަތުގައި ވެސް އެއީ އޭނާގެ ހިތަށް ވަރަށް އަސަރުކުރާ ކަމެއް ކަމަށެވެ.