މާލޭގެ މޭޔަރު

ކުލި ދައްކަން ފަށަން ޖެހޭ ތާރީހު ފަސްކޮށްދޭން މޭޔަރު ގޮވާލައްވައިފި

ހިޔާ ފްލެޓްތަކުން ކުލި ދައްކަން ފަށަން ޖެހޭ ތާރީހު ފަސްކޮށް ދިނުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ. ހިޔާ ފްލެޓްތަކަށް ކުލި ހިނގަން ފަށާފައިވާކަން ހަނދާން ކޮށްދީ ކުލި ދެއްކޭނެ ގޮތްތައް އެޗްޑީސީ އިން ވަނީ ހާމަކޮށްފައެވެ.

ހިޔާ ފްލެޓްތަކަށް ކުލި ހިނގަން ފަށާފައިވާކަން ހަނދާން ކޮށްދީ ކުލި ދެއްކޭނެ ގޮތްތައް އެޗްޑީސީ އިން ހާމަކޮށްފައިވާއިރު ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ގޮވާލައި ހިޔާގައި ދިރިއުޅޭ 1،500 މީހަކު ސޮއިކޮށްފައިވާ ސިޓީތައް އެޗްޑީސީއަށް ވަނީ ހުށައަޅާފައެވެ.

އެޗްޑީސީ އިން ރޭ އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ އޭޕްރީލް ފުރަތަމަ ދުވަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަންނަން ފަށާފައިވާ ކަމަށެވެ. އެ ގޮތުން އޮންލައިން "ޕޭމަންޓް ޕޯޓަލް" އާއި އެޗްޑީސީ ކަލެކްޝަން ކައުންޓަރުން ފައިސާ ބަލައިގަންނާނެ ކަމަށެވެ.

އެޗްޑީސީގެ "މައިހުޅުމާލެ" ވެބް ޕޯޓަލް އިން ލޮގިން ކުރުމަށް ފަހު ފްލެޓަށް ފައިސާ ދެއްކޭނެ ކަމަށާ ނަމަވެސް އޮންލައިންކޮށް މި ވަގުތު ފައިސާ ދެއްކޭނީ ބެންކް އޮފް މޯލްޑިވްސްގެ ކާޑުން އެކަނި ކަމަށް ބުންޏެވެ.

މީގެ އިތުރުން އެޗްޑީސީގެ މައި އޮފީހުން ހިޔާ ފްލެޓްގެ ކުލި ބަލައިގަންނަން ވަނީ ހާއްސަ ކަައުންޓަރެއް ބަހައްޓާފައެވެ. އެ ކައުންޓަރުން ނަގުދު ފައިސާ އާއި ޗެކް އަދި ކާޑު މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެ އެވެ.

އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ މޭޔަރު މުއިއްޒު މިރޭ ވިދާޅުވީ ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ އެންމެ ބޮޑަށް ހަރަދު ބޮޑުވާ މި މަހު ހިޔާފްލެޓްގެ ކުލި ނަގަން ފެށުމަކީ އެތައްހާސް އާއިލާއަކަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވެގެން ދާނެ ކަމެއް ކަމަށެވެ.

"މި ނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަން ޖެހޭ ތާރީހު ފަސްކޮށްދެއްވުމަށް ގޮވާލަން،" މުއިއްޒު ވިދާޅުވިއެވެ.

ޔާ ފްލެޓަށް ކުލީގެ ގޮތުގައި މަހަކު 7،500 ރުފިޔާއާއި މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާއާ އެކު ޖުމްލަ 8،500 ރުފިޔާ ދައްކަންޖެހެ އެވެ. ނަމަވެސް ހިޔާ ފްލެޓްތަކުގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާއިރު މިދިޔަ މަހުގެ ނިޔަލަށް ކުލި ނަގާފައެއް ނުވެއެވެ.

ފްލެޓް ތަކުގައި ދިރިއުޅޭ މީހުންގެ ފެނާއި ކަރަންޓް ބިލަށް ވެސް ކުރިން ލުއި ދީފައިވެ އެވެ. އަދި ކުންޏަށްވެސް ސަރުކާރުން މިވަގުތު އެއްވެސް ފީއެއް ނުނަގަ އެވެ.

ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ ކުލި މިހާރަށް ވުރެ އިތުރަށް ކުޑަ ކޮށްދެވެން ނެތް ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އެކަމަކު ހިޔާ ޔޫނިއަނުން ގެންދަނީ ކުރީ ސަރުކާރުން ކަނޑައެޅި 5،600 ރުފިޔާ އަށް ކުލި ކުޑަކޮށްދިނުމަށް އެދެމުންނެެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 16 ޓަވަރުގައި 7،000 ފްލެޓް ހަދާފައިވާއިރު ވަރަށް ގިނަ ފްލެޓްތަކުގައި ދިރިއުޅެން ވަނީ ފަށާފަ އެވެ. މީހުން ދިރިއުޅެން މިސަރުކާރުން ދޫކޮށްފައިވަނީ 6،720 ފްލެޓެވެ.