ލައިފްސްޓައިލް

ކިނބުލަކާއި އިންސާނެއްގެ އާދަޔާ ހިލާފު ލޯބި

ކިނބުލަކީ އާދަޔާޚިލާފަށް ބަރު އެއްޗެކެވެ. އާދައިގެ ކިނބުލެއްގައި 454 ކިލޯ ވަރު ހުރެ އެވެ. މިފަދަ ބަރު ބިޔަ އެއްޗއެއް އިންސާނަކު ބިންމައްޗަށް ވައްޓާލައި އޭނާގެ ގައިމައްޗަށް އަރާ އޭނާ ޗިސްޗިސްކޮށްލާ ތަން ފެނިއްޖެ ކޮންމެ މީހަކުވެސް ބިރުން ގޮސް ހިތް ހުއްޓޭވަރު ވާނެކަން ޔަގީނެވެ. ނަމަވެސް މިފަހަރުގެ ވާޖަކަ ތަންކޮޅެއް ތަފާތެވެ.

ޔޫޓިއުބުގައި ވައިރަލް ވެގެން އުޅޭ މި ވީޑިއޯގައި ފެންނަނީ ހަމަ މިގޮތަށް ބިންމަތީގައި އޮތް އިންސާނެއްގެ ގައިމައްޗަށް ބޮޑު ކިނބުލެއް އަރާ މަންޒަރެވެ. ނަމަވެސް އެ ކިނބޫ އުޅެނީ އެ މީހާ މަރާލާކަށް ނޫނެވެ. ނުވަތަ އޭނާ ކާލާކަށް ނޫނެވެ. އެ ކިނބުލަކީ އެ ފިރިހެންމީހާގެ އެކުވެރިއެކެވެ. އެހެންވެ އެސޮރުގެ މި ހަރަކާތަކީ އެމީހާގެ ގައިގައި ބައްދާލައި ސަލާން ކޮށްލުމުގެ ހަރަކާތެކެވެ.

އެމެރިކާގެ ޔޫޓިއުބާ އަދި ރެޕްޓައިލް ޒޫ ޕްރިހިސްޓޯރިކް އައިއެންސީގެ ރައީސް ޖޭ ބްރޫވާ ދާދިފަހުން ޝެއާކުރި މި ވީޑިއޯގައި ފެންނަ ކިނބޫ އަރާތަން ފެންނަނީ ޖޭގެ ގައިމައްޗަށެވެ. ޖޭ ނޫނަސް ޒޫތަކުގައި ޖަނަވާރުންގެ ޚިދުމަތުގައި އުޅޭ ބައެއް މީހުން ދެކެ އެތާ ތިބޭ ބައެއް ޖަނަވާރުން ވަރަށް ބޮޑަށް ލޯބިވެ އެވެ. އަދި އެހެން މީހުން ބިރުން ހަލާކުވާ ވަރުގެ ބިރުވެރި އަދި ބޮޑެތި ޖަނަވާރުންނާއެކު ބައެއް ޒޫ ކީޕަރުން ކުޅެން އުޅޭ މަންޒަރަކީ ވެސް ހައިރާންކަމުން ފުރިގެންވާ ކަމެކެވެ.

ވީޑިއޯ

ޖޭގެ ގައި މައްޗަށް އެރި މިބޮޑު އެލިގޭޓާގެ ނަމަކީ ޑާތު ގޭޓާ އެވެ. ޒޫގައި އޮންނަ މި ކިނބުލަށް ޖޭ ވަރަށް ރަނގަޅަށް އެނގެ އެވެ. ކިނބޫ ޖޭގެ ގައިމައްޗަށް އަރާތަން ފެންނަ ވީޑިއޯގައި އެ ފެންނަނީ ޖޭ ދެކެ ލޯބިން އެ ސޮރު އޭނާގެ ގައިގައި ބައްދާލާ މަންޒަރެވެ.

ޖޭ ހެމުންހެމުން މަޑުމަޑުން ޖޭ އޭނާއާ ދުރުކުރެ އެވެ. ކިތަންމެ ލޯބިވިޔަސް މިހާ ބަރު ކިނބުލެއް ގައިމަތީގައި މާ ގިނައިރު ޖޭ އަށް ވެސް ނުބޭއްވޭނެތީ އެވެ.

ކިނބުލުގެ އިތުރުން ޖޭ އަކީ ޒޫ ތެރޭގައި ރީތި ކުލަކުލައިގެ ހަރުފަ ވިއްސައިގެން ބޮޑުކުރާ މީހެކެވެ. އޭނާގެ މި ތަޖުރިބާތައް އިންސްޓަގްރާމްގައި ޝެއާ ކުރަމުންދާއިރު މިހާރު ޖޭ ފޮލޯކުރާ މީހުންގެ އަދަދު ހަ މިލިއަނަށް ވުރެ މައްޗަށް ވަނީ އަރާފަ އެވެ.