ލައިފްސްޓައިލް

ފައްވާރާއަކުން ފެން ފައިބާހެން ފެން ފައިބާ ގަހެއް

ވޯޓާ ފޯލް އަކުން ފެން ފައިބާހެން ފެން ފައިބާ ގަހެއްގެ ވީޑިއޯއެއް އިންޓަނެޓުގައި ވަރަށް ހިނގައިފި އެވެ.

އެއްވެސް ފަތެއް ނެތް މި ގަހަކީ ތޫތު ނުވަތަ މަލްބަރީ ގަހެކެވެ.

މި ގަހުގެ ވިޑީއޯގައި ފެންނަނީ ފައްވާރާއަކުން ފެން ފައިބާހެން ގަހުން ފެންތައް ފައިބާ ތަނެވެ. އަދި މީހަކު އެ ފެނުން މޫނު ދޮންނަ ތަނެވެ.

ބީބީސީގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ދެކުނު އިރުމަތީ ޔޫރަޕްގެ މޮންޓެނީގްރޯގެ ޕޮޑްގޮރީކާގެ ޑިނޯސާ އަވަށުގައި ހުރި މި ގަހަކީ 100 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ގަހެކެވެ.

މި ރިޕޯޓުގައިވާ ގޮތުން މި ގަހުން އަބަދަކު ފެނެއް ނުފައިބަ އެވެ. މިއީ އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށްވާ އަޖައިބެއް ފަދަ ކަމެކެވެ. އަދި މިގޮތަށް ފެން ފައިބަނީ ވެސް މަދު ދުވަސްކޮޅަކު އެވެ. އެހިސާބުން އަނެއްކާވެސް ފެން ފޭބުން ހުއްޓިފައި އަހަރެއްހާ ދުވަހު ހުރެ އެވެ.

މިގޮތަށް ދިމާވަނީ ގަހުގެ އަޑީގައިވާ ފެން ކޯރެއްގެ ސަބަބުންނެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުގެ ފެންގަނޑު ބޮޑުވެ ގަހަށް ފެން އަރަނީ ކަމަށް ވެއެވެ. އަދި މިގޮތަށް ގިނައިން ފެން އެރުމުން ޕްރެޝަރު މަތިވެ ފައްވާރާއަކުން ފައިބާހެން ފެން ފައިބަން ފަށަނީ އެވެ.