އޮފްބީޓް

އިންސާނެއްގެ ސައިޒުގެ ޖެލީފިޝް އެއް!

އިންސާނެއްގެ ހަށިގަނޑުގެ ސައިޒަށްވުރެ ބޮޑު ޖެލީ ފިޝް އެއް އިނގިރޭސި ކަނޑުގެ ސަރަހައްދަކުން ފެނިއްޖެ އެވެ.

ޖެލީ ފިޝް ގެ ވއްތަރެއް ކަމަށްވާ ބެރެލް ޖެލީ ފިޝް ފެނިފައި ވަނީ ބަޔޮލޮޖިސްޓް ލިޒީ ޑެލީ އަށެވެ. މި ޖެލީ ފިޝް ފެނުމުން މިއީ ދުވަހަކު ވެސް ނުފެންނަ ވަރުގެ ބޮޑު އެއްޗެއްކަން ލިޒީ ވަނީ ފާހަ ގަކޮށްފަ އެވެ.

"ދުވަހަކުވެސް ހަނދާނުން ނުނެތޭނެ ތަޖުރިބާ އެއް މީ. ބެރެލް ޖެލީފިޝް އަަކީ ބޮޑެތި އެއްޗެހި ކަން ކުރިން ވެސް އެނގޭ އެކަމަކު މިހާ ބޮޑު އެއްޗެއް ދުވަހަކު ވެސް ނުފެނޭ،" ލިޒީ ބުނި ކަމަށް ސީއެންއެންގައި ރިޕޯޓުކޮށްފައި ވެ އެވެ.

ޑައިވަރަަށް މި ޖެލީ ފިޝް ފެނުނީ "ވައިލްޑް އޯޝަން ވީކް" ކެމްޕެއިންގެ މަސައްކަތުގައި އުޅުމުގެ ތެރެއިންނެވެ. މި ޖެލީ ފިޝް ލިޒީ އަށްވުރެ ބޮޑު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ބެރެލް ޖެލީ ފިޝް އިނގިރޭސި ކަނޑުތަކުން ފެންނަ ސައިޒުން ބޮޑު ޖެލީ ފިޝްގެ ވައްތަރެކެވެ. އެކަމަކު ލިޒީ އަށް ފެނުނު މި ޖެލީ ފިޝްގެ ސައިޒަކީ އާއްމުކޮށް ފެންނަ ސައިޒުގެ އެއްޗެއް ނޫނެވެ.

ވައިލްޑްލައިފް ޓްރަސްޓުން ބުނާ ގޮތުގައި މީގެ ޖެލީފިޝް އާއްމުކޮށް 3.2 ފޫޓަށް ދިގު ވާނެ އެވެ. އަދި ބަރުދަނުގައި 25 ކިލޯގްރާމް ހުރެ އެވެ. އިރުވައި މޫސުމުގައި މީގެ ޖެލީ ފިޝް އެ ސަރަހައްދުގެ ފަޅުތެރޭން ފެންނަ ކަމަށް ވެސް ރިޕޯޓު ކޮށްފައި ވެއެވެ.