( 31 މާރިޗް 2022 އާ ގުޅޭ )
"މަންމިއަށް ހާދަ ހެލްޕުލް ކުއްޖެކޭ ޔޫކްއަކީ." ކުއްލިއަކަށް ކައިދިން ވާހަކަދެއްކިއެވެ.
"ޔޫކް... ދަރިފުޅު ކާކާ ވައްތަރީ؟... މަންމައާތަ ނޫނީ... ދަރިފުޅުގެ ބައްޕައާތަ؟. މި އިސްތަށިގަނޑު... ފަށުކޮޅެއްކަހަލަ... ލައިކް މައިން." ޔޫކްގެ ބޮލުގައި ކައިދިން އަތްލަން އަތްދަމާލިއެވެ.
"އަތްނުލާތި!" ހޫރައިންއަށް ހަޅޭލަވައި ގަނެވުނެވެ. ޔޫކްގެ ބޮލުގައި ކައިދިންގެ އަތްތިލަ ޖެހުމުގެ ކުރީން އެ އަތުގައި ހޫރައިން ހިފެހެއްޓިއެވެ. މަންމަގެ ބާރު އަޑާއެކު ޔޫކް ދިޔައީ ސިއްސައިގެންނެވެ. އެކުއްޖާއަށް އެކަންވީ ދުވަހަކުވެސް ނުފެންނަ މަންޒަރަކަށެވެ. އޭނާގެ މަންމައަކީ މީހަކާއި ހަރުކަށިކަން އެކުލެވޭ ބާރު އަޑަކުން ވާހަކަދައްކާނޭ އަންހެނެއްނޫނެވެ. އެ ދަރިފުޅު ދުށް އެންމެ ލޯބިވާ އެންމެ އޯގާތެރި އިންސާނާކަމުގައި އެ މަންމަވެއެވެ. އަނެއްކޮޅުން ކުޑަކުޑަ ޔާނުގެ ރުއިން މަޑެއްނުވިއެވެ. އެކުއްޖާވެސް މަންމަ ގާތުގައި އެތަނުގައި ނުހުރެ ދާން އެދޭ ފަދައެވެ.
"މަންމީ." ޔޫކްގެ އަޑުގައި ހާސްކަމާއި ކަންބޮޑުވުން ވިއެވެ. އެކުއްޖާގެ ބެލުމުގައިވި އަސަރުތައް ކައިދިންއަށް ފެނުނެވެ. ގޯސް ހަދަމުން ދަނީ ކައިދިންއޭ އެ ތުއްތު ބެލުމުން ބުނާ ކަހަލައެވެ. ހޫރައިންގެ ހެދުމުގައި ހިފާލަމުން އޭނާއާ އެކުއްޖާ ކައިރިވެލިއެވެ. ކައިދިންގެ ކިބައިން މަންމަ ރައްކާތެރިކުރާން އުޅޭ ފަދައެވެ. ކައިދިންގެ މެޔަށް ފިނިވެލިއެވެ. އެ އިހްސާސްދެކެ އޭނާ ރުޅިއައެވެ. ދަތްކުނޑިވިކާލުމާއެކު ހޫރައިންއަށް ބަލާލީ ދެ ބުމަގޮށްޖަހާލަމުންނެވެ.
"ދޫކޮށްލާ!... ދޫ..ކޮށްލާ...ށޭ..." ދަތްކުނޑިވިކާލައިގެން ހުރެ ކައިދިން ބުނީ މަޑުންނެވެ. އެކަމަކު އެ އަޑުގައިވީ ނުރައްކާތެރި އިންޒާރެކެވެ. ސީދާ އަމުރެވެ. ޚުދު އޭނާ ވެސް ހޫރައިންގެ ޢަމަލުން ސިހުނެވެ. ކުޑަކުޑަ ޔޫކުގެ ހަރަކާތްތައް ބަލައިގަންނަން ދަތިވިއެވެ. އެކުއްޖާ އެކުރީ އޭނާގެ އުމުރާ ނުގުޅޭ ކަމެކެވެ. ހަމައެއާއެކު ކުރިމަތީ ހުރި އެ އަންހެންކުއްޖާ ބަދަލުވެއްޖެއޭ ކައިދިންގެ ހިތް ބުންޏެވެ. އެހާ ކެރުމަކާއި ހިތްވަރެއް ކުރީން ފަޅުނުވިއިރު ކުއްލިއަކަށް އޭނާއަށް އެ ލިބުނީ ކޮން ހިތްވަރެއްބާއެވެ. ބާރުގެ ގޮތުން ކައިދިންއާ އެއްވަރު ނުވިޔަސް ހޫރައިން އޭނާގެ އަތުގައި ހިފެހެއްޓީ ނުހަނު ބާރަށެވެ. އެ ދެ ލޮލުން ކައިދިންއަށް ޓަކައި އިންތިހާ ދަރަޖައިގެ ނަފުރަތު ފާޅުވެއެވެ. ދެ ލޮލުގެ ތޫނުކަމުގައި ކައިދިންގެ އަތް ބުރިކޮށްލެވޭނަމަ އެ އަންހެންކުއްޖާ އެފަދައިން ކަންތައް ކޮށްފީސްކަން ޔަގީންކުރެވުނެވެ. ޔޫކްއާ ކައިދިން ކައިރިވާން އެއްގޮތަކަށް ވެސް ހޫރައިން ނޭދޭކަން އޭނާގެ ޢަމަލުން ސާފުވެއްޖެއެވެ.
"އަހަންނަކީ ކާކުކަން އެނގުނީމަ ފިރިމީހާގެ ކައިރިއަށް ގޮސް މޮޅު ރޭވުންތައް ރާވަން ނުވިސްނާތި. މިހާރު އެނގޭނެ އަހަރެން ނުހުއްޓުވޭނެކަން... ޔޫ ނޯ ވަޓް އައި ކޭން ޑޫ، ރައިޓް. އަހަރެން ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް އަދި ނުނިމޭ. އެކަމަކު މިވަގުތަކުނޫން. ދެމީހުން އެކަނި... އަހަރެން މަސައްކަތްކުރާ އޮފީސް އެނގެއެއްނު. އެތާކައިރިއަށް މާދަމާ އާދޭ. އަހަންނާ ބައްދަލުކުރާން އައުން އެއީ ހޫރަށް އެންމެ ރަނގަޅުވާނެ ގޮތް." ކައިދިން ބުންޏެވެ. އޭނާ އިތުރަކަށް މަޑެއް ނުކުރިއެވެ. ޕާކުން ނުކުމެގެން ދިޔައީއެވެ. އެއްފަހަރު ވެސް ނުހުއްޓުނެވެ. ފަސްއެނބުރި ބަލައެއް ވެސް ނުލިއެވެ.
"މަންމީ..." ހޫރައިންއަށް ހުއްޓުން އަރާފައި ހުއްޓާ އޭނާގެ އަތްކުރިއަށް ދަމާލަމުން ޔޫކް ގޮވާލިއެވެ.
"ހިނގާ ގެއަށް." ހޫރައިން ބުނެލިއެވެ.
ޕާކުން ނުކުމެގެން ހޫރައިންއަށް ދުރަކަށް ނުދެވުނެވެ. އޭނާ ހުއްޓުނެވެ. އަވަސްވެފައިވާ ހިތް ހަމައަކަށް ނޭޅުނެވެ. އަދިވެސް ނެގިނެގިފައި އެ ހިތް ޖެހޭއިރު ހީވަނީ މޭފަޅާ ނުކުމެ ރައްކާވާން ބޭނުންވެގެން އުޅޭ ހެނެވެ. ފިލާށެވެ. ކައިދިންއަށެވެ. ދެފައިކޮޅުން ވާގިދާން ކައިރިވެއްޖެއެވެ. ކުރިއަށް ހިނގައިގަންނާނޭ ހިތްވަރެއް ނެތުނީއެވެ. ދުވާރުމަތީ ހޫރައިން ހުއްޓި ހުރެ މަޑުމަޑުން ދެ ލޯ މަރާލިއެވެ. ފުންނޭވާއެއް އޭނާ ލިއެވެ.
"ކާރަކަށް އަރަމާ." ޔޫކަށް ބަލާލާފައި އާދައިގެ ގޮތަކަށް ހޫރައިން ބުނެލިއެވެ. އެކުއްޖާ ހަމައެކަނި ބޯޖަހާލީއެވެ.
ޓެކްސީގައި ގެއާ ހަމައަށް އާދެވެންދެން ހޫރައިންއަށް އިނދެވުނީ ހިމޭންވެއެވެ. އޭނާއަށް ވިސްނެމުންދިޔައީ ކައިދިންއާ ކުއްލިއަކަށް ބައްދަލުވުމުން އެކަމާއެވެ. އެތައް އަހަރުތަކަކަށްފަހު މިހެންމިވީ ކީއްވެތޯ ހިތާ ސުވާލުކޮށްލެވުނެވެ. އަދި އަމިއްލަ ނަފްސާމެދު ސުވާލު ކުރެވުނެވެ. މީހާ ހަމައަކަށް އެޅިއްޖެކަމުގައި ހޫރައިން ގަބޫލުކުރި ނަމަވެސް މިއަދު އަނެއްކާވެސް އިހުގެ ހާލަތާއި މާބޮޑު ތަފާތެއް ނެތޭ ހީވެއްޖެއެވެ.
"އިޓްސް އޯވާ... އައި އޭމް ފައިން. އައި އޭމް ފައިން... އައި އޭމް މެރީޑް. އައި ހޭވް ޒެން. އައި އޭމް އޯލްރެޑީ ހެޕީ. އައި ހޭވް އަ ފެމެލީ. ހީ ވޯންޓް... ނޯ! ހީ ކާންޓް ޑޫ އެނީތިންގ ނައު. އައި ވިލް ބީ އޯކޭ... އައި އޭމް ފައިން..." ހޫރައިން އަމިއްލަ ނަފްސަށް ޔަގީންކަން ދޭން މަސައްކަތް ކުރިއެވެ. ކުރީން އޭނާގެ މައްޗަށް ކައިދިން ގަދަވި ނަމަވެސް މިހާރު އެގޮތަށް އެކަން ނުވާނޭކަމެވެ.
ބައްދަލުވުން ނިންމާފައި ކޮންފަރެންސް ރޫމުން އެންމެން ނުކުތެވެ. ރިސެޕްޝަން ކައިރީ އޮފީހަށް ބޭރުން ކަންކަމުގައި އަންނަން މީހުން މަޑުކޮށްލުމަށް ބަހައްޓާފައި ހުރި ގޮނޑިބަރީގައި ކައިދިން އިނެވެ. ދެފައިގަ އަތްއަޅުވާލައިގެން ކުރިޔަށް އޭނާ ގުދުވެލައިގެން އިނީ ތަޅުމަށް ނަޒަރު ހުއްޓާލައިގެންނެވެ. ޒެހެން ގޮވާލި އަޑު އިވި ކައިދިން އިސްއުފުލާލިއެވެ. އެ މޫނުގައިވީ ތަރުޖަމާކުރާން އުނދަގޫ އަސަރުތަކެކެވެ. އެއީ މީގެ ކުރީން ޒެހެން ފެނިގެން ކައިދިންގެ މޫނުން ފާޅުވި އަސަރުތަކެއް ނޫނެވެ.
"ކީއްވެފަ ތިއިނީ؟. ކީއްވެ ނުގުޅީ." ޒެހެން އައިސް ކައިދިންގެ ގާތުގައި މަޑުކޮށްލިއެވެ.
"މީޓިން ފެށީމަ." ކައިދިން ދޮގެއް ހެދިއެވެ. އޭނާގެ ނަޒަރު ޒެހެންގެ ފަހަތުން އައި ބައްޕައާ އަމާޒުވެލިއެވެ. ބައްޕަގެ މޫނުން ފެންނަނީ ހިތްހަމަނުޖެހުމެވެ.
މުނައްވަރާއި މިއުނާއާއެކު ހަންނާނު އޮފީހުން ނުކުންނަން ދިޔައެވެ. ކައިދިންއަށް ގޮވާލުމެއްނެތިއެވެ. ޒެހެން އެމީހުންނަށް ބަލާލާފައި ކައިދިންއަށް ބަލާލިއެވެ.
"ނުހޭލެވުނީތަ؟. ކޮފީއެއް ބޯން ހިނގާ މައްޗަށް. އޮފީހަށް. ކޮފީ ބޮއެގެން އަހަރެން ގެއަށް ދާނީ." ޒެހެން ބުންޏެވެ.
"މަވެސް ދާނަން." ނަހުޔާނު ބުންޏެވެ.
"ކޮފީ ބޯހިތެއްނެތް." ކައިދިން ބުންޏެވެ. ޒެހެންއާއި ނަހުޔާނު އެކަކުއަނެކަކަށް ބަލާލީ ހައިރާންކަމާއެކުއެވެ.
"ކޭޑީ... ކީއްވެފަ ތިއިނީ؟." ޒެހެން ސުވާލުކުރިއެވެ.
"ކަމެއްނެތިއްޔާ އަހަރެން ގެއަށް ދަންތަ؟" ކައިދިން ގޮނޑިން ތެދުވިއެވެ. ޒެހެން ބަލާލީ ނަހުޔާނަށެވެ.
"އޯކޭ. މާދަމާ ގަޑިއަށް އަންނާތި." ނަހުޔާނު ބުންޏެވެ. ކައިދިން ބޯޖަހާލުމާއެކު ހިނގައިގަތެވެ.
"ހަންނާނުބެ ރުޅި އަންނާނޭވަރު ހިތަށް އަރާފަ ކަންނޭނގެ." ކައިދިން ނުކުމެގެން ދިޔަ ދިމާއަށް ބަލަން ހުރެފައި ޒެހެން ބުންޏެވެ. އޭނާއާ ނަހުޔާނު ވެސް އެއްބަސްވިއެވެ.
"ކޮފީބޮއެތަ؟. ކޭޑީ ވެސް އެ ދިޔައީ... އަހަރެން ވެސް ގެއަށްދާން ބޭނުމީ." ޒެހެން ބުންޏެވެ.
ޒެހެން އައިސް އެޕާޓްމެންޓަށް ވަނެވެ. ސިޓިންރޫމާއި ބަދިގޭގައިވަނީ ހިމޭންކަމެވެ. ޔޫކްގެ ކޮޓަރި ހުރަސްކުރި ވަގުތު އެކުއްޖާ ފޮތެއް ހިފައިގެން އޮތްތަން ފެނުނެވެ. ކޮޓަރި ދޮރުމަތިން އެކުއްޖާއަށް ޒެހެން ގޮވާލިއެވެ. ބަލާލާފައި ވެސް ޔޫކް އެނބުރުނީއެވެ. ކުރާން އޮތް މަސައްކަތަށް އެކުއްޖާގެ ސަމާލުކަން ދެވިފައިވަނީއޭ ހީކޮށް ޒެހެން ބޮޑުކަމަކަށް ނުހެދިއެވެ. އޭނާ އައިސް ކޮޓަރިއަށް ވަނެވެ. ސުމައްޔާ އިނީ އެނދުގައެވެ. ޔާން ނިންދަވަނީއެވެ.
"މަންމާ. ކޮބާ ހޫރް." ޒެހެން އަހާލިއެވެ.
"އެއްޗެހި ދޮންނަން އެބައުޅޭ." ސުމައްޔާ ބުންޏެވެ.
ދޮންނަމެޝިނު ކައިރީ ހަރަކާތެއްނުކޮށް ކަމަކަށް ގެއްލިފައި ހޫރައިން ހުރީތީ ޒެހެންއަށް ފެނުނެވެ. އޭނާ މަޑުމަޑުން އައިސް ހޫރައިންގެ ފުރަގަހުން ބައްދާލަމުން ގޮވާލިއެވެ. ނަމަވެސް ހޫރައިން ސިހުނީ މާބޮޑަށެވެ. ޒެހެންއާ ދުރަށް އޭނާ ފުންމައިގަތީ ބިރުގެންފައި ހުރި ފަދައަކުންނެވެ.
"ޒެން..." ޒެހެން ފެނުމާއެކު ހޫރައިންގެ އަނގައިން މަޑު އާހެއް ނުކުތެވެ.
"ކޮންހިޔާލަކަށް ގެއްލިފަ." ޒެހެން އަހާލިއެވެ. ހޫރައިން އައިސް ޒެހެންގެ މޭގައި ލައްވެލިއެވެ. ހަމަޖެހުމުގެ ފުންނޭވާއެއް އޭނާ ދޫކޮށްލިއެވެ. ޒެހެންއަށް އެއްވެސް ޖަވާބެއް ނުދިނެވެ.
ރޭގަނޑުގެ ވަގުތެވެ. ޔޫކްގެ ހިމޭންކަން ޒެހެންއަށް ފާހަގަކުރެވުނެވެ. އެކުއްޖާ ހޫރައިންނަށް ބަލަން އިންނައިރު ހޫރައިން ވެސް ފާހަގަވަނީ ކޮންމެވެސް ފިކުރަކަށް ގެއްލިފައި ހުންނަ ކަމެވެ. ދެމަފިރިން އެކަނިވުމުން ހޫރައިންއާ ވާހަކަދައްކަން ޒެހެން ހުރީ ގަސްދުކޮށްގެންނެވެ. ޔޫކް ނިދަން ބާއްވަން ވަނީ ޒެހެންނެވެ. އެހެން ރޭރެއާ ހިލާފަށް ޔޫކް އަނގަގަދައެއް ނުކުރިއެވެ. ޒެހެންއާ އެކިއެކި ސުވާލެއް ނުކުރެއެވެ. ނިކަން ބަސް އަހައިގެން ދުޢާތައް ކިޔުމާއެކު ނިދަން ދެ ލޯ މަރާލައިފިއެވެ. އިރުކޮޅަކު ދަރިފުޅުގެ ގާތުގައި ޒެހެން މަޑުކޮށްލައިގެން އިނެވެ. އޭނާ ތެދުވަމުން ޔޫކްގެ ގައިމަތީ އޮތް ރަޖާ ރަނގަޅުކޮށްލިއެވެ. ބޮލުގައި ފިރުމާލާފައި ނިތުގައި ލޯބިން ބޮސްދިނެވެ.
"މަންމިއާއި ދަރިފުޅު ފައިޓެއްކޮށްލީތަ؟ އެކަމަކު ތީ ބައްޕަގެ އެންމެ ބަސްއަހާ ދަރިފުޅު." ޒެހެން އަމިއްލައަށް ބުނެލިއެވެ.
ސިޓިންރޫމު ސޯފާގައި އިން ސުމައްޔާ ތެދުވީ އެޕާޓްމެންޓުގެ ބެލް އެޅީމައެވެ. އޭނާ އައިސް ދޮރުހުޅުވާލިއެވެ. ދޮރުމަތީ ހުރީ ކުރީން ދުށް ޒުވާނެއްނޫނެވެ. އެހެންނަމަވެސް ސުމައްޔާއަށް ވެސް އެ ޒުވާނާ ފެނި އިރުކޮޅަކު ބަލަން ހުރެވުނެވެ. އޭނާގެ ފަންއިސްތަށިގަނޑު ކަނާއަތުން ރަނގަޅުކޮށްލުމާއެކު ސަލާމްގޮވާލިއެވެ. ޒެހެން އެބައުޅޭތޯ އޭނާ އެހުމުން ސުމައްޔާ އާނއެކޭ ބުނެ މަޑުކޮށްލުމަށް އެދުނެވެ. އެވަގުތު ޒެހެން އެތެރެއިން ނުކުމެގެން އަންނާތީ ފެނި ސުމައްޔާ މަޑުކޮށްލިއެވެ.
"ދަރިފުޅު ހޯދަން ކުއްޖަކު އައިސް އެބަހުރި." ސުމައްޔާ ބުންޏެވެ.
"ކައި...ދިން..." އަޖައިބުވެފައި ހުރެ ޒެހެންއަށް ބުނެވުނެވެ.
"ކިހިނެއް މިގެ ހޯދީ." ޒެހެންއަށް ބުނެވުނެވެ. ކައިދިން ޖަހާލީ ހިނިގަނޑެކެވެ.
"އައީމަ އުފަލެއްނުވޭތަ؟. ކޮބާ އަނބިމީހާ؟" ކައިދިން ބުންޏެވެ.
"ތީ ދެން ނާންނަން ހުރި މީހެއްވިއްޔާ. އެހެންވީމަ އަހަރެން ވެސް ޝޮކަށްދާނެ ދޯ. އާދޭ އިށީނަން. މަންމާ... މީ ހަންނާނުބެގެ ދަރިފުޅު. ބޭރުގައި ހުއްޓެއްނު. ކައިދިން، މީ ވައިފް މަންމަ." ސުމައްޔާ ބަލަން ހުރި ގޮތުން ގޭތެރެއަށް ވަން ކައިދިންގެ ތައާރަފެއް ޒެހެން ދިނެވެ.
"ހޫރުއަށް ގޮވާލަންވީތަ؟" ސުމައްޔާ އަހާލިއެވެ.
"ޔާން ނިންދަވަނީ ކަންނޭނގެ." ޒެހެން ބުންޏެވެ.
"އެހެންވީރު މަންމަ ގޮސްލީއޭ." ޒެހެންގެ އެކުވެރިޔާއާއެކު އެމީހުން ދައްކާ ވާހަކަ އަޑުއަހަން އިނުން ރަނގަޅުކަމެއްކަމުގައި ނުފެންނާތީ ސުމައްޔާ ގަސްދުކުރީ ދާށެވެ. އޭނާ އައިސް ހޫރައިންގެ ކޮޓަރިއަށް ވަނެވެ. ކުޑަދަރިފުޅު ނުނިދައިގެން އޭނާ އުޅެއެވެ. ސުމައްޔާ ދަނީކަން ބުނެލުމާއެކު ޒެހެންގެ ރައްޓެއްސަކު އައިސް އެބައިންކަން ބުންޏެވެ. ކާކުތޯ ހޫރައިން އެހުމުން ސުމައްޔާއަށް ބުނެދޭކަށް ނޭނގުނެވެ. ސުމައްޔާ އެ އެޕާޓްމެންޓުން ނުކުތީ ދެނެވެ.
"ވައިފްއާ ދެމީހުން އެކަނިތަ އުޅެނީ. އަހަރެން ހީކުރީ ފެމެލީއާއެކީ ކަމަށް ޒެން އުޅޭނީ." ސުމައްޔާ ނުކުމެގެން ދިއުމުން ކައިދިން އަހާލިއެވެ.
"ފެމެލީއާ ދުރަކުނޫނޭ. މި ފްލޯގަ މަންމަމެން ވެސް އުޅެނީ. ތެދަށްބުނެބަލަ. މީ ކޮންދަތުރެއް؟. ދޮންބެތަ ބުނީ އަހަރެން އުޅޭ ގެ." ޒެހެން އިނީ ހަގީގަތުގައި ވެސް ކައިދިން އޭނާ އުޅޭތަނަކަށް އައި ސަބަބު ހޯދާން ބޭނުންވެފައެވެ.
"ޒެންއާއެކީ އުޅޭން ޖެހިފަ މިއޮތީ. ޒެން އިންވައިޓް ކުރާން ބޭނުންވީމާ ވެސް އަހަރެން ނޯ ޖެހީ. އެނގޭ މެރީ ކުރާނީ ވަރަށް ހާއްސަ އަންހެންކުއްޖަކާ ދިމާވެގެންކަން. ތި މީހުންގެ މެރީއޭޖަށް ވެސް ނާންނަމެންނު. މިދެން ހަމަ ސަޕްރައިޒޭން ޖައްސާލީ. ޒެންއާއެކީ އުޅޭއިރު ޒެންގެ ތި ވައިފްއަކާ ވެސް މީޓުކުރާންވާނެ ދޯ. ހޫރު ކިޔާއިރު އެއީ ހަގީގަތުގައި ވެސް ހަމަ ހޫރެއްތަ؟" ކައިދިންގެ އަޑުގައި ވަނީ ސަމާސާގެ ރާގެވެ.
"ކާން ހިނގާ." ޒެހެން ބުންޏެވެ.
"އެއްޗެއް ކާކަށް ބޯކަށް ނޫން މިއައީ. އަސްލު ކޮފީއެއް ނިންމާފަ ދަމުން ޒެން އުޅޭ ގެ އެނގިފަ އޮތީމަ ވަދެލީ." ކައިދިންގެ ފޮރުވިފައިވާ ގަސްދުގެ ހިލަމެއް ޒެހެންއަކަށް ނުވެއެވެ.
"ވައިފްއާ ބައްދަލުނުވާނެތަ؟. ހޫރެއްވީމަ ފޮރުވައިގެންތަ ގެންގުޅެނީ." ކައިދިން ބުންޏެވެ.
"ތި އައީ އޭނާ އެންމެ ބިޒީ ގަޑީގަ. އެކަމަކު އައިފަހަރު މީޓުކޮށްދޭނަން. އަންނާނަން ގޮވައިގެން." ޒެހެން މިހެން ބުނެ ތެދުވިއެވެ. އޭނާ އައިސް ކޮޓަރިއަށް ވަންއިރު ކުޑަދަރިފުޅު ގޮވައިގެން ހޫރައިން އޮތީ އެނދުގައެވެ. ޒެހެން ފެނުމާއެކު އޭނާ ތުންފަތުގައި އިނގިލި ޖައްސާލީ އަޑެއް ނުލައްވާށޭ ބުނާ ފަދައިންނެވެ.
"ނުކުމެލެވިދާނެތަ؟. ކައިދިން އައިސް އެބައިން. އޭނާ އައިފަހަރު އަހަރެންގެ އަނބިމީހާއާ މީޓުކޮށްދޭންވެގެން" ޒެހެން އައިސް އެނދުކައިރީ މަޑުކޮށްލުމާއެކު ސިއްރުން ވާހަކަދެއްކިއެވެ. ހޫރައިންގެ މޫނުމަތި މިލައިގެން ދިޔައެވެ.
"މިގެއަށް އައީތަ؟." ހޫރައިންއަށް ބުނެވުނެވެ. ޒެހެން ހޫން ލައްވާލިއެވެ.
"އެކަމަކު..." ކައިދިންގެ ކުރިމައްޗަށް އަރާން ހޫރައިން އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ. އެ މޫނުން އެކަން ޒެހެން ދެނެގަތެވެ. ކުއްލިއަކަށް މީހަކާ ބައްދަލުކުރާންވީމާ ހޫރައިންއަށް އުނދަގޫވީކަމުގައި ޒެހެން ގަބޫލުކުރިއެވެ.
ކައިދިން ގަސްދުކުރި ނަމަވެސް އޭނާ ބޭނުންވި ގޮތަކަށް ނުވިއެވެ. ޒެހެންއަކީ ކައިދިންގެ އެދުމަށް އަނބިމީހާ ނެރެ ދައްކާނޭ ކަހަލަ ޒުވާނެއް ނޫންކަން ކައިދިންއަށް އެނގެއެވެ. ހަމައެއާއެކު ކައިދިންކަން އެނގުމުން ހޫރައިން އޭނާގެ ކުރިމައްޗަށް ނައީކަން ވެސް ކައިން ދެނަހުއްޓެވެ. އެއީ ގަބޫލުކުރެވޭ އުޒުރެކެވެ. ކައިދިން ބޭނުންވިޔަސް ހޫރައިން އޭނާގެ ސޫރަ ދުށުމަކަށް ނޭދޭނެއެވެ. އެ ހިޔަނި ފެންނަން ވެސް އޭނާ ބޭނުމެއްނުވާނެއެވެ. އެހެން ފަހަރަކުން ދަޢުވަތު ދޭނަން ކަމުގައި ޒެހެން ބުނީ ކައިދިން އެނބުރި ދާން ނުކުތުމުންނެވެ.
ދެމަފިރިން ނިދަން ތިބެ ޔޫކްގެ ހިމޭންކަމާ ގުޅިގެން ޒެހެން ސުވާލުކުރިއެވެ. ގަސްދުގައި ހޫރައިން ނޭނގޭކަމަށް ހެދުނެވެ. ޒެހެންއަށް އުނދަގޫވީ ނަމަވެސް އޭނާ ސުވާލު ގިނައެއް ނުކުރިއެވެ.
"ޒެން... މިރޭ..." ޒެހެން މާބޮޑަށް ގާތްވެލުމުން ހޫރައިންއަށް ބުނެވެން އުޅުނެވެ. ނަމަވެސް އޭނާ ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރިއެވެ.
"އިޓްސް އޯކޭ... މާ ބޮޑަށް ޓަޔަޑްވީތަ؟." އަނބިމީހާގެ ހާލަތު ނަގައިގަންނަން މަސައްކަތް ކުރަމުން ޒެހެން ބުންޏެވެ. ހޫރައިން އެއްވެސް ޖަވާބެއް ނުދިނެވެ.
"ބަލީތަ؟. ތަދުވަނީތަ ތަނަކަށް؟... މިއަދު ކިހިނެއްވެފަ ތިހުންނަނީ؟. ޔޫކް އެކަންޏެއްނޫން. ހޫރު ވެސް ފެންނަނީ ކޮންމެވެސް ފިކުރަކަށް ގެއްލިފައި ހުންނަތަން. މާ މަޑުމަޑުން ހުންނަނީ. ކޮންކަމާ އެހާވަރަށް ތި ވިސްނަނީ. ޔޫކްއާ ދެމީހުން ކަމަކާ ދެބަސްވީތަ؟ ޔޫކް ވާހަކައެއް ދެއްކީތަ؟." އޮޅުންފިލާތޯ ޒެހެން ސުވާލުކުރިއެވެ.
"ވަރުބަލިވެފަ މިއޮތީ." ކޮންމެވެސް ޖަވާބެއް ދޭން ޖެހުނީތީ ހޫރައިން ބުނެލިއެވެ. ޒެހެން ސުވާލު ގިނައެއް ނުކުރިއެވެ.
ނުނިދިގެން އުޅެފައި ހޫރައިންއަށް ނިދިޖެހުނު ވަގުތު ފެނުނީ ނުބައި ހުވަފެނެކެވެ. އޭނާ ފުންމައިގެން ތެދުވި ހިނދު ޒެހެން ވެސް ސިހުނެވެ. އަވަހަށް އަނބިމީހާގެ ގައިގާ ހިފަހައްޓާލަން އޭނާ އުޅުނެވެ. ނަމަވެސް ހޫރައިން އޭނާ ދުރަށްކޮއްޕާލުމުން ޒެހެންއަށް ލިބުނީ ހައިރާންކަމެވެ.
"ހޫރު! މަށޭ މީ! ޒެހެން." ބިރުގެންފައި އިން ހޫރައިންއާ ދުރަށް ޖެހުމާއެކު ޒެހެން އަވަހަށް ވާހަކަދެއްކިއެވެ. އެހިނދު ހޫރައިން މާނޭވާލަމުން ޒެހެންއަށް ބަލާލިއެވެ. އެ މޫނުގައިވީ ހާސްކަމެވެ. ޒެހެން ދިއްކޮށްލި އަތުގައި ހޫރައިން ހިފާލީ ދެނެވެ. މަޑުމަޑުން ޒެހެންގެ އަތުގެތެރޭގައި ހޫރައިން ހަމަޖެހިލިއެވެ.
"ޔޫކް..." ހޫރައިންގެ ހިތުގައިވީ ދަރިފުޅުގެ ނަމެވެ.
ޒެހެންއަށް ނިދުނުއިރު ވެސް ލޯ މަރާލައިގެން އޮތް ހޫރައިންއަށް ނުނިދެއެވެ. އާންމުކޮށް ތެދުވާ ގަޑިއަށް ޒެހެންއަށް ހޭލެވުނެވެ. ލޯ ހުޅުވާލުމުގެ ކުރީން ވެސް އޭނާއަށް އިހްސާސް ކުރެވުނީ އެނދުގައިވީ ފަޅުކަމެވެ. ގާތުގައި އަނބިމީހާ ނެތްކަމެވެ. އަވަހަށް ހޯދާލެވުނެވެ. ކޮޓަރިއަކު ނެތްކަން އެނގުނެވެ. ޒެހެން ފުންމައިގެން ތެދުވިއެވެ. ފާޚާނައިގަ ނެތްކަން އެނގުމުން އޭނާ ކޮޓަރިން ނުކުތެވެ. ސިޓިންރޫމަށް ނުނިކުމެވެނީސް އޭނާގެ ކަންފަތުގައި ޖެހުނީ ގިސްލުމުގެ އަޑެވެ. (ނުނިމޭ)