ރާއްޖެ ކުޅިވަރު

ސުނިލް ޗެތްރީ ލަނޑު ޖަހާފައި އުފާފާޅު ނުކުރީ ކީއްވެ؟

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ އިންޑިޔާއިން އަތުން 4-1އިން ބަލިވެ ނޭޕާލް ވަނީ މުބާރާތުން ކަޓާފަ އެވެ. މެޗުގެ ތިން ވަނަ މިނިޓްގައި ނޭޕާލް ކުރި ހޯދި މެޗުން މޮޅުވެގެން ނޫން ގޮތަކަށް އެމީހުންނަށް ސެމީ ފައިނަލަށް ދެވޭކަށް ނެެތެވެ. މެޗު އެއްވަރުވެ، ނޭޕާލްގެ އުއްމީދުތައް ވިއްސިވިހާލިކޮށްލި ލަނޑު ޖަހައިދިނީ އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ އެވެ. އެކަަމަކު އެހާ މުހިންމު ލަނޑެއް ޖަހާފައި އޭނާ އުފާފާޅު ކުރުމުގެ ބަދަލުގައި މަޑުމަޑުން ހުރީ ކީއްވެ ހެއްޔެވެ؟

މުބާރާތުގައި ޗެތްރީ ޖެހި ފުރަތަމަ ލަނޑަށް ފަހު އުފާފާޅު ނުކުރި ސަބަބާ ބެހޭ ގޮތުން އޭނާ ވަނީ ވާހަކަ ދައްކާފަ އެވެ.

"އަހަރެން ކޮންމެެހެން ދުވެ، އެކަމާހެދި އުޅޭކަށް ނުޖެހޭނެ. އަހަރެން ލަނޑަށް ފަހު ހުރީ އަހަރެންގެ ޓީމުގެ ކުޅުންތެރިންނާއެކު. އެވަރުން އަހަންނަށް ފުދޭ،" ލަނޑު ޖެހިތާ މާގިނަ އިރެއްނުވެ ބަދަލުކުރި ފޯވަޑް ބުންޏެވެ.

ނަމަވެސް މިކަމުގެ ފަހަތުގައި ޝައުގުވެރިކުުރުވަނިވި އެހެން ސަބަބެއްވެ އެވެ. އުމުރުން މިހާރު 31 އަހަރުގެ ޗެތްރީ އަކީ ނޭޕާލަށް އުފަން ކުޅުންތެރިއެކެވެ. 1984 ވަނަ އަހަރު އިންޑިޔާގެ ސިކަންދަރު އާބާދުގައި އުފަންވި ޗެތްރީ ލިބުނީ ނޭޕާލަށް އުފަން ކުރީގެ ދެ ފުޓްބޯޅަ ކުޅުންތެރިންނަށެވެ. އޭނާގެ ބައްޕަ އަކީ ކޭބީ ޗެތްރީ އަކީ އިންޑިޔާގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއެކެވެ. މަންމަ ސުޝިލާ ޗެތްރީ އަކީ ނޭޕާލްގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއެކެވެ. މީގެ އިތުރުން އޭނާގެ އެއްމާބަނޑު ދެ ދައްތައިން ކަމަށްވާ ޝާޝާ އާއި ސުނާންދާ އަކީ ވެސް ނޭޕާލްގެ ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ. އޭނާގެ ބޮޑުބޭބެ މިހާރު ވެސް ދިރިއުޅެނީ ނޭޕާލްގަ އެވެ. ނަމަވެސް މިއީ އިއްޔެ އޭނާ ނޭޕާލާ ދެކޮޅަށް ގޯލު ޖަހާފައި އުފާފާޅު ކުރި ސަބަބު ކަމަށް ޗެތްރީ އިންކާރުކުރެ އެވެ.

މެޗަށް ފަހު އިންޑިޔާގެ ކޯޗު ސްޓެފަން ކޮންސްޓަންޓައިން ބުނީ ޗެތްރީ ކޮންމެ މެޗެއްގައި ލަނޑު ނުޖެހި ނަމަވެސް އޭނާގެ މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"ޗެތްރީ ކަހަލް ކުޅުންތެރިއަކަށް ފަސޭހަނުވާނެ ކޮންމެ މެޗެއްގައި ދެތިން ލަނޑު ޖަހާކަށް. އެކަމަކު އޭނާގެ މަސައްކަތުގެ ރޭޓް ބަރާބަރު. އޭނާ އަކީ އަަހަރެންގެ ކެޕްޓަަން. އަހަރެން އޭނާ މި މެޗުގައި ބަދަލުކުރީ ކުރިއަށް ސެމީ ފައިނަލް މެޗު ވެސް އޮތުމުން،" އިންޑިޔާގެ މޯހަން ބަގާން އިން ކުލަބު ކެރިއަރު ފެށި ކުޅުންތެރިޔާއާ ބެހޭ ގޮތުން ކޯޗު ބުންޏެވެ.

ޗެތްރީ އަކީ މިހާރު އިންޑިޔާގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ޖުމުލަ 48 ގޯލު އޭނާ ޖަހާފައިވާއިރު ހަަތަރު އަހަރަކ ވަނީ އިންޑިޔާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.