ހުޅުމާލެ

އިމާރާތެއްގެ ފަސްވަނަބުރިން ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލޭގެ އިމާރާތެއްގެ ފަސްވަނަ ބުރިން ކުއްޖަ ވެއްޓިއްޖެ އެވެ.

އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އެނގިފައިވާ ގޮތުގައި އެއީ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ.

ކުއްޖާ ވެއްޓުމާއެކު ބިންމަތީގައި ޖެހި ހޭނެތުނެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަމަވެސް ބޭރު ފުށުން މާބޮޑު ޒަހަމެއްގެ އަސަރެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ކުއްޖާގެ ހާލަތާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ނުލިބެއެވެ. އަދި ހާދިސާ ހިނގަން މެދުވެރިވީ ސަބަބުވެސް ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ކުއްޖާ ވެއްޓުނު އިމާރާތް ހިމެނޭ ސަރަހައްދު ބަންދުކޮށް ފުލުހުން ހަރަކާތްތެރިވީ ނަމަވެސް އެފަަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަކަށްވެސް ފުލުހުން އަދި ނުބުނެއެވެ. ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ޖަވާބެއްވެސް ނުދެއެވެ.