ދުނިޔެ

ލަންކާގައި އާކެބިނެޓް އެކުލަވާލަން އިދިކޮޅަށް ދައުވަތުދެނީ

ލަންކާގައި އާކެބިނެޓެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ކެހެލިޔާ ރަމްބުކްވެއްލާ ވިދާޅުވެއްޖެ އެވެ.

ރައީސް ގޮޓާބޭ ރާޖަޕަކްސާ ކެބިނެޓަށް މިނިސްޓަރުން އިޚްތިޔާރު ކުރެއްވުމުގައި އިދިކޮޅު ޕާޓިތަކާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ކެހެލިޔާ ވިދާޅުވި އެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ފިޔަވައި ލަންކާ ސަރުކާރުގެ ހުރިހާ ވަޒީރުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ގައުމަށް ދިމާވެފައި އޮތް އިގުތިސޯދީ ދަތި ހާލަތަށް ސަރުކާރު ޒިންމާދާރު ކުރުވުމަށް އާންމުން މަގުތަކަށް ނުކުމެ ހިންގަމުން ގެންދާ ހަމަނުޖެހުންތައް މައިރިތި ކުރުމަށް އޮތް ހައްލަކީ ސަރުކާރު އިސްތިއުފާ ދިނުން ކަމަށް މުޒާހަރާކުރާ މީހުން ގެންދަނީ ގޮވަމުންނެވެ.

ލަންކާއަށް ބޭރުން އެތެރެކުރާ ތެލާއި ކާބޯތަކެތި އަދި ބޭސްފަރުވާއަށް ޚަރަދުކުރެވޭ ވަރުވެސް މާލިއްޔަތުގައި ނެތެވެ. ގައުމު ހިންގަން ބޭނުންވާ ހަތަކަ ނެތުމުގެ ސަބަބުން އާންމުން ދިރިއުޅެމުން ދަނީ ކަނުއަނދިރީގަ އެވެ.

ވެރިކަންކުރާ ޕާޓީގެ މެމްބަރު ދިނޭޝް ގުނެވަރުދަނާ ވިދާޅުވި ގޮތުގައި ގައުމާއިގެން ކުރިއަށްދާން ވަކި ގޮތެއް އަދި ނުނިންމަ އެވެ. އެހެން ނަމަވެސް، ރައީސް ގޮޓާބޭ ރާޖަޕަކްސާ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެހެލިޔާ ރަމްބުކްވެއްލާ ނޫސްތަކަށް ވިދާޅުވި ގޮތުގައި އާކެބިނެޓް އެކުލަވާލަން ކުރެވޭ މަޝްވަރާތަކުގައި ރައީސް ގޮޓާބޭ އިދިކޮޅަށް ދައުވަތު ދެއްވާނެ އެވެ. އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތަކަށް ދައުވަތު ދެނީ ގައުމަށް ދިމާވެފައި އޮތް ނުތަނަވަސް ހާލަތަށް ހައްލެއް އޮތް ކަމަށް އެމީހުން ބުނާތީ ކަމަށެވެ.

ލަންކާ މަގުތަކުގައި މުޒާހަރާކުރާ މީހުން ސަރުކާރުގެ އަމުރަށް ކިޔަމަން ނުވެ، މުޒާރަހާ ވަރުގަދަ ކުރާނެ ކަމަށް ވަނީ އިންޒާރުދީފަ އެވެ. މުޒާހަރާކުރާ މީހުންނަށް ދަތިކުރުމަށް ސަރުކާރުން ސޯޝަލް މީޑިއާ، ފޭސްބުކާއި ޓްވީޓަރު އަދި ވަޓްސްއެޕް ފަދަ އެޕްލިކޭޝަންތައް ބަންދުކުރުމުން ހާލަތު އިތުރަށްވީ ގޯހެވެ.

ސްޕޯޓްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދޮށީ ފިރިހެއްދަރި، ނަމަލް ރާޖަޕަކްސާ ވެސް ވަނީ ސޯޝަލް މީޑިއާ ބޮލޮކްކުރުމުން ނުރުހުން ފާޅުކުރައްވާފަ އެވެ.

ނަމަލް ވިދާޅު ގޮތުގައި ސޯޝަލް މީޑިއާ ބްލޮކްކުރުމަކީ ބޭކާރު ކަމެކެވެ. އޭނާ ވީޕީއެން ބޭނުންކުރައްވާ ކަމަށް ވިދާޅުވެ، ވިދާޅުވީ ވީޕީއެން ފަދަ ފަސޭހަތައް އާންމުގެ އަތުގައި ހުރިއިރު ސޯޝަލް މީޑިއާ ބްލޮކްކޮށްގެން އެއްވެސް ކަމެއް ހައްލު ނުވާނެ ކަމަށެވެ.