ޓެރީ ވޭން ވެލިސް ނަމަކަށް ކިޔާ މީހަކު 19 އަހަރު ވަންދެން ކޯމާގައި އޮވެފައި 2003 ގައި ހޭ އަރައި މުޅިން ރަނގަޅުވި އެވެ. ނަމަވެސް ކުއްލިއަކަށް ޓެރީ މަރުވުމުން ހުރިހާ އޭނާގެ އާއިލާއަށް ވަނީ ބޮޑު ހިތާމައެއް ކުރިމަތިވެފަ އެވެ.
އެމެރިކާގެ އާކަންސޯގައި ދިރިއުޅޭ ޓެރީ ކޯމާ އަށް ދިޔައީ 1984 ގައި ހިނގި ކާރު އެކްސިޑެންޓެއްގަ އެވެ. އޭރު އޭނާގެ ފުރަތަމަ ދަރިފުޅަށް އެންމެ ހަ ހަފުތާ އެވެ. އޭގެ ފަހުން ޓެރީގެ ހޭވެރިކަން ހުންނަނީ ކިރިޔަ ކިރިޔާ އެވެ. އަދި ޑޮކްޓަރުން ބުނެފައި ވަނީ ދުވަހަކުވެސް އޭނާ ފުރިހަމައަށް ހޭ ނާރާނެ ކަމަށެވެ. ނަމަވެސް ޑޮކްޓަރުން ހީކުރި ގޮތާ ޚިލާފަށް ޓެރީގެ ހާލަތު ރަނގަޅުވާން ފެށި އެވެ. އަދި 2003 ގައި ވާހަކަ ދައްކަން ފެށި އެވެ.
ފުރަތަމައިނުން ޓެރީ އަށް ފާހަގަ ކުރެވުނީ އޭނާގެ މަންމަ އެވެ. އަދި އެންމެ ފުރަތަމަ ގޮވާލީ މަންމާއޭ ކިޔާފަ އެވެ. އޭގެ ފަހުން ޕެޕްސީ އާއި މިލްކް ދޭން އެދުނެވެ. އަދި ފަހުން އޭނާ ބޭނުން ވާހަކައެއް ދެއްކޭ ވަރަށް އޭނާގެ ހާލަތު ރަނގަޅުވީ ކަމަށް ޓެރީ ބެލެހެއްޓުމާ ހަވާލުވެ ހުރި މީހާ ބީބީސީއަށް 2003 ގައި ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.
ކޯމާގައި 19 އަހަރު އޮވެފައި ޓެރީ ހޭއެރުންވީ އެ ދުވަސްވަރުގެ ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި ލިޔެވުނު ޚަބަރަކަށެވެ. "ދަ މޭން ހޫ ސްލެޕްޓް ފޯ 19 އިޔާޒް" އާއި "މިރަކްލް އިން އާކަންސޯ" އަކީ އޭރު ނެރުނު ބޮޑެތި ނޫސްތަކުގައި ލިޔުނު ފަލަ ސުރުޚީ ތަކެވެ.
ޓެރީ ކޯމާގައި އޮތް 19 އަހަރު އޭނާގެ މަންމަ އާއި އާއިލާގެ މީހުން ގަވާއިދުން އޭނާއަށް ޒިޔާރަތް ކުރަމުން ދިޔަ އެވެ. އަދި ދެ ހަފުތާއިން ކަހަލަ ގޮތަކަށް އޭނާ ގެޔަށް ގެނެސް ގޭގައި ވެސް ވަގުތުކޮޅެއް ހޭދަ ކުރުވަ އެވެ. ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި ޓެރީ އަށް ކޯމާއިން ނުކުމެވޭވަރަށް އޭނާގެ ސިކުނޑި ސްޓިމިއުލޭޓްވީ އާއިލާގެ މީހުން އުންމީދު ކަނޑާނުލާ ކުރި މަސައްކަތުންނެވެ.
ޓެރީ ރަނގަޅުވެގެން އާއިލާއާއެކު ރަނގަޅު ދިރިއުޅުމެއް އުޅެފައި ވެއެވެ. ޓެރީގެ މަންމަ 2018ގައި ވަނީ މަރުވެފަ އެވެ.
އުމުރުން 58 އަހަރުގައި ޓެރީ މަރުވިއިރު އަންހެނުންނާއި ދަރިފުޅު އަދި އެއްބަނޑު އެއްބަފާ ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.