ބޮލީވުޑް

ބާރްތީ ވިހެއީ ފިރިހެންކުއްޖެއް

އިންޑިއާގެ އަންހެން ކޮމޭޑިއަން ބާރްތީ ސިންގް ވިހައިފި އެވެ. އޭނާގެ ފިރިމީހާ ހަރްޝް ލިމްބާޗިޔާ އިންސްޓަގްރާމްގައި ޝެއާ ކުރި މެސެޖެއްގައި ބާރްތީ އާއި އޭނާއަށް ފިރިހެން ދަރިއެއް ލިބުނުކަން ވަނީ އިއުލާން ކޮށްފަ އެވެ.

މި ޚަބަރުގައި ހަރްޝް ވަނީ ބާރްތީ ބަނޑުބޮޑުއިރު އެ ދެމީހުން ނެގި ފޮޓޯޝޫޓެއްގެ ބައެއް ފޮޓޯތައް ވެސް ހިމަނާފަ އެވެ. މ ފޮޓޯތަކުގައި ބާރްތީ ހުދު ހެދުމެއްގައި ބޮޑު މާ ބޮނޑިއެއް ހިފައިގެންނެވެ.

ބާރްތީ ވިހޭކަން ހަރްޝް އިއުލާންކުރުމާއެކު ޓީވީ އާއި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފަންނާނުން ވަނީ މި ދެމަފިރިންނަށް މަރުހަބާ ކިޔާ މެސެޖުތައް ޕޯސްޓް ކުރަން ފަށާފަ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ވިހާނެ ކަމަށް ޑޮކްޓަރުން ދީފައިވާ ތާރީޚުގެ ކުރީ ދުވަހާ ޖެހެންދެން ބާރްތީ އެކި ޝޯތަކުގެ ޝޫޓިންގްތަކުގައި ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައި ވެއެވެ. އަދި އެ ދުވަހު ޓީވީ ޝޯއެއްގެ ސެޓެއްގައި ބާރްތީ ހިނގަމުން ހިނގަމުން "ދަރިފުޅު ވިހާނީ ކޮން އިރަކުންހޭ؟" ހަރްޝް ކައިރީ އަހަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ.

ބާރްތީ ބަނޑުބޮޑުވީއްސުރެ އޭނާ އާއި ހަރްޝް ބުނަމުންދަނީ އެމީހުން ބޭނުމީ އަންހެން ދަރިއެއް ކަމަށެވެ. އަދި އޭނާއަށް ލިބެނީ އަންހެންކުއްޖެއް ކަމަށް ދޭހަވާ މޭރުމަކުން ވެސް ބާރްތީގެ ދެމަފރިން ވާހަކަ ދައްކައި އެމީހުންގެ ފޭނުންނަށް އޮޅުވާލާފައި ވެއެވެ.

ބާރްތީ ބުނި ގޮތުގައި އެ ދެމަފިރިންނަކީ ވެސް ކޮމޭޑިއަނުންނެވެ. ވީމާ ދަރިފުޅަކީ ވެސް ވަރަށް މަޖާ ކުއްޖަކަށް ވާނެކަމުގެ ޔަގީންކަން އެމީހުންނަށް އެބައޮތެވެ.