ބޮލީވުޑް

ބާދްޝާހްގެ ޑިޕްރެޝަންގެ އަނދިރި ތަޖުރިބާ

ބޮލީވުޑް މިއުޒިކަށް ލޯބިކުރާ މީހުންނަށް ލަވަކިޔުންތެރިޔާ އަދި ރެޕާ ބާދްޝާހް އަކީ ކާކުކަމެއް ނޯޅޭނެ އެވެ. ބޮލީވުޑް ގިނަ ފިލްމުތަކަކަށް ވަރަށް ރީތި އަދި ކާމިޔާބު ލަވަތަކެއް ބާދްޝާހް ކިޔައިދީފައި ވެއެވެ.

ދާދިފަހުން ބާދްޝާހް ވަނީ ޝިލްޕާ ޝެޓީގެ ޗެޓް ޝޯ "ޝޭޕް އޮފް ޔޫ"ގައި ބައިވެރިވެ އޭނާގެ ހަޔާތުގެ އެންމެ އަނދިރި ސަފުހާތައް ހުޅުވާލާފަ އެވެ.

ބާދްޝާހް ކިޔައިދިން ގޮތުގައި ޑިޕްރެޝަން އާއި އެންޒައިޓީގެ މައްސަލަތަކެއްގައި އޭނާ ވަރަށް ގިނަ ދުވަހު ވަނީ އުޅެފަ އެވެ. މި މައްސަލަތައް ބޮޑުވެގެން ގޮސް ބައެއް ޕާފޯމަންސްތައް އޮންނަ ދުވަސް ދުވަހު އެއްގޮތަކަށް ވެސް ނުކައި ހުރެ ހާންތިވާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެންގެ ހަޔާތުގައި މިހާރު އެންމެ އިސްކަންދޭ ކަމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ހުރުން. ކޮންމެ ދުވަހަކު އެކި ކަހަލަ ޕްރެޝަރުތައް ކުރިމަތިވީ ޕްރޮފެޝަން އެއްގައި އުޅޭ މީހަކަށް މިއީ ވަރަށް މުހިއްމުކަމެއް،" ބާދްޝާހް ބުންޏެވެ.

ބާދްޝާހް ބުނި ގޮތުގައި އެންޒައިޓީ ޑިސްއޯޑާގެ މައްސަލަތައް ވެސް އިންތިހާއަށް އޭނާ ތަހައްމަލުކުރި އެވެ. އަދި އިތުރަށް އެ މައްސަލަތައް ކުރިމަތިވާކަށް އޭނާ ނޭދެ އެވެ.

މި އަނދިރި ދުވަސްތަކުން ބާދްޝާހް އަށް ދަސްވީ އެންމެ އެއްޗެއްކަމަށް އޭނާ ބުންޏެވެ. އެއީ ހިތް އުފާވާ މީހުންނާ އެކު ދިރިއުޅުމެވެ. އެއީ ކިތަންމެ ގާތް މީހެއް ކަމަށް ވިޔަސް އެމީހަކާ އެކު ދިރިއުޅެން ހިތްހަމަނުޖެހޭ މީހަކާ އެކު ނޫޅުމެވެ. އަދި ނޫނެކޭ ބުނަން ޖެހޭ ފަހަރު ފަހަރު ނޫނެކޭ ބުނަން ދަސްކުރުމާއި އާނއެކޭ ބުނަން ޖެހޭ ފަހަރު ފަހަރު އާނއެކޭ ބުނަން ދަސްކުރުމުގެ މުހިއްމުކަން ވެސް ބާދްޝާހް އަށް ވިސްނިފައިވާ ކަމަށް އޭނާ ބުންޏެވެ.