ސާފް ސުޒުކީ ކަޕް

ސުޒުކީ ކަޕުގެ ރަންބޫޓަށް ވާދަކުރާ ލިސްޓުގެކުރި ހައިބަރު އަމާނީއަށް

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖް މިރޭ ނިމުނުއިރު މުބާރާތުގެ ރަންބޫޓަށް ވާދަކުރާ ލިސްޓުގެ ކުރި އަފްގާނިސްތާނުގެ ފޯވަޑް ހައިބަރު އަމާނީ ހޯދައިފި އެވެ.

ތިރީގައި މި ބަލާލަނީ އެންމެ ގިނަ ލަނޑު ޖެހި ފަސް ކުޅުންތެރިންނަށެވެ.

1- ހައިބަރު އަމާނީ (އަފްގާނިސްތާން)

ޖަރުމަނަށް އުފަން ހައިބަރު އަމާނީ ވަނީ މިހާތަނަށް މުބާރާތުގައި ތިން ލަނޑު ޖަހައިފަ އެވެ. ޖަރުމަނުގެ ފަސް ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ 28 އަހަރުގެ ފޯވަޑް ލަނޑު ޖަހާފައިވަނީ ބޫޓާން ކޮޅަށް ދެ ލަނޑު އަދި ބަނގްލަދޭޝް ކޮޅަށް އެއް ގޯލެވެ. އަމާނީ އަކީ ގައުމީ ޓީމަށް މިހާތަނަށް ހަ މެޗު ކުޅެ ހަތަރު ގޯލު ޖަހާދީފައިވާ ކުޅުންތެރިއެކެވެ.

2- މާސިހް ސައިގާނީ (އަފްގާނިސްތާން)

މާސިހް ސައިގާނީ އަކީ ޖަރުމަނުގެ ހަތަރު ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. މުބާރާތުގައި އަފްގާނިސްތާންގެ ފުރަތަަމަ ލަނޑު ބަނގްލަދޭޝް ކޮޅަށް ޖަހައިދިން ކުޅުންތެރިޔާ ވަނީ ބޫޓާން ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ. އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އަކީ ޓީމުގެ ގިނަ ކުޅުންތެރިންނާ ހިލާފަށް އަފްގާނިސްތާނަށް އުފަން ކުޅުންތެރިއެކެވެ.

3- ރޮބިން ސިންގް (އިންޑިޔާ)

އިންޑިޔާގެ އުއްތަރަޕްރަދޭޝް އަށް އުފަން ރޮބިން ސިންގަކީ ގައުމީ ޓީމުގައި މިހާރު ހުރި އެންމެ އުއްމީދީ ފޯވަޑެވެ. އުމުރުން 25 އަހަރިގެ ކުޅުންތެރިޔާ އަކީ އިންޑިއަން ސުޕަ ލީގުގައި ކުޅޭ ދިއްލީ ޑައިނަމޯސްގެ ކުޅުންތެރިއެކެވެ. މުބާރާތުގައި އޭނާ ދެ ގޯލު ވެސް ޖެހީ ސްރީލަންކާ ކޮޅަށެވެ. އެ މެޗަށް ފަހު ޖެހިގެން އައި މެޗުގައި ނުކުޅެނީ ފަޔަށް ލިބިފައިވާ ހާނިއްކައަކަށް ފަރުވާ ހޯދުމަށެވެ. ސިއްލީ ޑައިނަމޯސް އަށް މި ސީޒަނުގައި 12 މެޗު ކުޅެދީ ހަތަރު ގޯލު ޖަހާދީފައިވާއިރު ސިންގް ވަނީ ގައުމީ ޓީމަށް ވެސް 24 މެޗުން ހަތަރު ގޯލު ޖަހާދީފަ އެވެ.

4- ލަލިއާންޒުއާލާ ޗާންގްޓޭ (އިންޑިޔާ)

އުމުރުން އެންމެ 18 އަހަރުގެ ލަލިއާންޒުއާލާ އަކީ ލިވަޕޫލްގެ ޔޫތު އެކަޑަމީން ތަމްރީނުވި ކުޅުންތެރިއެކެވެ. ސުޒުކީ ކަޕުގައި ޖެހި ފުރަތަމަ ލަނޑާއެކު އޭނާ ވެފައިވަނީ އިންޑިޔާގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ބޮޑު ކުލަބަކަށް ކުޅެފައިނުވި ނަމަވެސް ގައުމީ ޓީމަށް އިންޑިޔާގެ ކޯޗު އޭނާ ނެގީ ހުނަރުވެރިކަން ފުރިހަމަކަމުންނެވެ. ލަލިއާންޒުއާލާ ވަނީ މުބާރާތުގައި ފަހުހާފުގައި ކުޅެން ނުކުމެ ނޭޕާލް ކޮޅަށް ދެ ލަނޑު ޖަަހައިފަ އެވެ. މިއީ އިންޑިޔާގެ 19 އަހަރުން ދަށުގެ ޓީމުގައި ވިދާލި ފޯވަޑް ގައުމީ ޓީމަށް ނެގުމުން ފާޑުކިޔަމުން އައި ފަރާތްތަކަށް އޭނާ ދީފައިވާ ވަރަށް ރަނގަޅު ރައްދެެވެ. ގައުމީ ޓީމަށް އޭނާ މިހާތަނަށް ކުޅުނީ އެންމެ ދެ މެޗެވެ. ޖަހާފައިވަނީ ވެސް ދެ ގޯލެވެ.

5- އަލީ އަޝްފާގް (ދަގަނޑޭ)، ދިވެހިރާއްޖެ

މުބާރާތުގައި މިހާތަނަށް ރާއްޖޭގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ދެ ގޯލު ޖަހާފަ އެވެ. އޭނާގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ މެޗުގައި ބޫޓާން ކޮޅަށެވެ. ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ބަނގްލަދޭޝް ކޮޅަށެވެ. ދަގަނޑޭއަކީ މި މުބާރާތުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް މި މުބާރާތުގައި 12 ލަނޑު ޖަހައިފަ އެވެ.

6- ފައިސަލް ޝަޔޭޝޭ (އަފްގާނިސްތާން)

އަފްގާނިސްތާނުގެ ކެޕްޓަން ފައިސަލް ޝަޔޭސް އަކީ މި މުބާރާތުގައި ދެ ގޯލު ޖަހާފައިވާ ކުޅުންތެރިއެކެވެ. އުމުރުން 24 އަހަރުގެ ކެޕްޓަން ގޯލު ޖަހާފައިވަނީ ބޫޓާން ކޮޅަށާއި ރާއްޖެއާ ދެކޮޅަށެވެ. އޭނާ އަކީ ތައިލެންޑް ލީގުގައި ކުޅޭ ކުޅުންތެރިއެކެވެ. ތައި ލީގުގައި މި ސީޒަނުގައި ހަތް ގޯލު ޖަހާފައިވާއިރު އޭނާ ވަނީ ގައުމީ ޓީމަށް 13 މެޗުން ހަތަރު ގޯލު ޖަހާދީފަ އެވެ.

7- އޮމިދް ޕޮޕަލްޒާއީ (އަފްގާނިސްތާން)

އޮމިދް ޕޮޕަލްޒާއީ އަކީ އަފްގާނިސްތާނަށް އުފަން ކުޅުންތެރިއެކެވެ. އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ އަކީ އާއްމުކޮށް ފުރަތަމަ 11އިން ޖާގަ ލިބޭ ކުޅުންތެރިއެއްނޫނެވެ. އޭނާ މުބާރާތުގައި ޖެހި ދެ ލަނޑު ވެސް ޖެހީ ރާއްޖެއާ ދެކޮޅަށެވެ. ގައުމީ ޓީމަށް މިހާތަނަށް ހަތަރު މެޗު ކުޅެދީފައިވާ ޕޮޕަލްޒާއީ ކުޅެނީ ތައިލެންޑް ލީގުގަ އެވެ.