ސްރީލަންކާގެ އާންމު ހާލަތު ގޯސްވެފައިވާތީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ސަރުކާރުން އެހީވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ ސްރީލަންކާގެ ސިޔާސީ މަސްރަހާއި އިގްތިސޯދު ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެ ގައުމުގެ އާންމު ހާލަތު ދަށަށް ގޮސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ލަންކާގައި މުޒާހަރާތަކާއި ހަމަނުޖެހުންތައް ހިނގަމުންދާތީ އެ ގައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް ބޮޑެތި ދަތިތަކާ އުދަނގޫތައް ކުރިމަތިވެފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
ލަންކާގައި ކަރަންޓާއި އަސާސީ ހިދުމަތްތައް ގިނަ ވަގުތުތަކަކަށް މެދުކަނޑާލަމުންދާތީއާއި އެ ގައުމުގައި ކާފިއު ހިންގާފައިވާތީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކެއިން ބުއިން ވަރަށް ބޮޑަށް ދަތިވެ، ދަތުރުކުރަން ވަރަށް ބޮޑަށް އުދަގޫވެފައިވާ ކަމަށެވެ. ދިވެހިން މިއަދު ލަންކާގައި ވޭނާއި ތުރާ އުފުލަމުންދާއިރު ރަމަޟާން މަހުގެ ދުވަސްތައް ދިވެހިން ހޭދަކުރަނީ ވަރަށް ހާލުގައި ކަމަށްވެސް މައްސަލައިގައި ބުނެފައިވެ އެވެ،
އެހެންވެ ކުއްލި މައްސަލައިގައި ގޮވާލާފައިވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ދުވަހުން ދުވަހަށް ބަލައި މޮނިޓާކުރުމަށްފަހު ދިވެހިންނަށް މާލީ އެހީތެރިކަމާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހައްގުގައި ދިވެހި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށްވެސް ކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ.
މިމައްސަލަ ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމާ އެކު މައްސަލަ ބޭރުކޮށްލީ 44 މެންބަރުންގެ ވޯޓާ އެކު އެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
ސްރީލަންކާގެ އާންމު ހާލަތު ގޯސްވެ އެ ގައުމު ކެބިނެޓް އެއްކޮށް މިހާރު ވަނީ އިސްތިއުފާ ދީފަ އެވެ. އަދި ލަންކާގެ ރައީސް މިހާރު ގެންދަވަނީ ލަންކާގެ މައިގަނޑު ހުރިހާ ސިޔާސީ ޕާޓީތައް ޝާމިލްވާ ގޮތަށް ގުޅިފައިވާ ސަރުކާރެއް އުފެއްދުމަށް ޕާޓީތަކަށް ދައުވަތު ދެއްވާފަ އެވެ.